13 Nov 2025, 22:15
އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑްފޯޓް ކައިރީގައި ކާރެއް ގޮވައި އަށް މީހަކު މަރުވިތާ ތިން ދުވަސް ވެފައިވާއިރު، ކަޝްމީރުގެ އިންޑިއާ ފަޅިން އިއްޔެ ފުލުހުން ހައްޔަރުކުރި ހަތް މީހުންނާ އެ ހަމަލާއާ ގުޅުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.
އަދި ފަރީދުބާދުން ދާދި ފަހުން އަތުލައިގަތް 2،900 ކިލޯގެ ގޮވާތަކެއްޗާ އެ ހަމަލާއާ ގުޅުމެއްވޭތޯވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އެ ހަމަލާއަކީ އިންޑިއާ ދެކޮޅު ބާރުތަކުން ހިންގި ނަފްރަތު އުފެދޭ ޓެރަރިޒަމްގެ އަމަލެއް ކަމަށް އިންޑިއާ ސަރުކާރުން އިއްޔެ ނެރުނު ގަރާރެއްގައި ވަނީ ބުނެފައެވެ.
އެ މައްސަލަ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ހޯމަ ދުވަހު އިރުއޮއްސުނު ވަގުތު ދިއްލީގެ ރެޑް ފޯޓު ސަރަހައްދުގައި އެ ހަމަލާ ދިނުމުގެ ގަޑިއެއްހާއިރު ކުރިން އިންޑިއާގެ ފެޑެރަލް ޓެރިޓަރީ ޖަމްމޫ އެންޑް ކަޝްމީރުގެ ފުލުހުން ވަނީ ކަޝްމީރާއި އުއްތަރު ޕްރަދޭޝް އަދި ހަރިޔާނާ ސްޓޭޓްތަކުން ހައްޔަރުކުރި މީހުން ނަންތައް ހިމެނޭހެން ބަޔާނެއް ނެރެފައެވެ. އޭގެތެރޭގައި ދެ ޑޮކްޓަރުން ވެސް ހިމެނެއެވެ.
ފަރީދުއާބާދުން ހަތިޔާރު އަތުލައިގެންފައިވާ ބައެއް ހަތިޔާރުގެ ތެރޭގައި އޮޓޮމެޓިކް ދެ ރައިފަލާއި 2،900 ކިލޯގެ ބޮން ހަދާ ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހޯމަ ދުވަހު ހިނގި ހާދިސާގައި 8 މީހަކު ވަނީ މަރުވެފައި. ފޮޓޯ/އީޕީއޭ
ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެންއައިއޭ) އާ ހަވާލާދީ ބީބީސީން ބުނީ ދިއްލީގެ ގޮވުމުގެ މައްސަލަ ބަލަމުން ދާ ކަމަށާއި މި ވަގުތު މާ ގިނަ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ނަމަވެސް މީގެކުރިން ހައްޔަރުކުރި މީހުންނާއި ގޮވި ކާރުގެ ޑްރައިވަރު ކަމަށް ބުނާ މީހާއާ އެ ހަމަލާއާ ގުޅުން ހުރިތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި އެމީހާ ވަނީ ދިއްލީގައި ވަރަށް ގިނައިރު އެ ކާރު ދުއްވާފައެވެ. އޭގެފަހުން ކާރު ގޮއްވާލި ޕޮއިންޓަށް ދިއުމުގެ ކުރިން ޕާކިން ޒޯނެއްގައި ތިން ގަޑިއިރު ވަންދެން ޕާކުކޮށްފައި ކާރު އޮތެވެ.
ނަމަވެސް އެފަދަ ވާހަކައެއް ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
އެ ހަމަލާ ދިނީ ހޯމަ ދުވަހު އިންޑިއާ ގަޑިން އިރުއޮއްސި 18:52 ހާއިރުއެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ކާރު ގޮވީ ދުއްވަމުން ދަނިކޮށެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކާރު ގޮއްވާލާފައިވަނީ އެ ސަރަހައްދުގައި ޕާކު ކޮށްފައި އެތައް އިރަކު އޮތުމަށް ފަހު އެތަނުން ނެރެ ދުއްވަމުން ގޮސް ޓްރެފިކް ލައިޓެއްގެ ކައިރީގައެވެ.