ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މާދަމާ ރޭ ބާއްވާ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ބައްދަލުވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން އެތައް ބަޔަކު މާލެ އަރަން ފަށައިފިއެވެ.

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނަވާ މި ބައްދަލުވުމުން އޮންނާނީ މާދަމާ ރޭ 20:30ގައި އާޓިފިޝަލް ބީޗުގައެވެ.

ސަރުކާރުން ދަނީ ޕީއެންސީއަށް ތާއީދުކުރާ އެކިއެކި ފަންނާނުންނާއި، އިންފްލުއެންސަރުންގެ އިތުރުން އާންމު ރައްޔިތުން މެދުވެރިކޮށް މި ބައްދަލުވުން ވަރަށް ބޮޑަށް ޕްރޮމޯޓުކުރަމުންނެވެ.

ވަކިން ޚާއްސަކޮށް އިއްޔެއާއި މިއަދު، ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ޕީއެންސީ ސަޕޯޓަރުން ދަނީ މިހާރު މާލެ އަރަމުންނެވެ.

މިއީ ކޮންމެ ސަރުކާރަކުންނާއި ސިޔާސީ ޕާޓީތަކުން ވެސް ކުރަމުންދާ ކަމެކެވެ. އެ ސިޔާސީ ފިކުރަކަށް ތާއީދުކުރާ މިންވަރު އެންގުމުގެ ގޮތުން ބާއްވާ ބޮޑެތި ޖަލްސާތަކަށް އަތޮޅު ތެރެއިން މީހުން މާލެއަށް ގެނައުމަކީ ކުރާކަމެކެވެ.

ސޯޝަލް މިޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންނާއި، ވީޑިއޯތަކުން އެނގޭ ގޮތުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނާއި ޕީއެންސީގެ އެހެނިހެން އިސް އޮފިޝަލުން ދަނީ އަތޮޅުތެރެއިން އަންނަ އެ ސަޕޯޓަރުންނަށް އެއާޕޯޓުންނާއި ބަސް ހުއްޓިތައް ކައިރިން މަރުހަބާ ކިޔަމުންނެވެ.

ހަމައެއާއެކު 'ސަން' އަށް އެނގުނު ގޮތުގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ފުރަތަމަ ފަހަރަށް އައްޑޫއަށް ދަތުރުކޮށްފައި ވަނީ ވެސް ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމަށްޓަކައެވެ.

މާދަމާ ރޭގެ ބައްދަލުވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ބައްދަލުވުމުން ރާއްޖެ އޮތީ ކޮން ލީޑަރަކާ އެކީގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒާ އެކީގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް އެބަ އޮތް ކަމަށެވެ. އެހެންވެ، އެ ޖަލްސާގައި މީހުން ބައިވެރިވާނީ އެ ޔަގީންކަން ރައީސަށް އިތުރަށް ކަށަވަރުކޮށްދިނުމަށާއި ވާދަވެރިން ދައްކާ 'އަސްލެއް ނެތް' ވާހަކަތައް ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު ހުރިހާ ޖަލްސާތައް ބޭއްވީ އެ ޕާޓީގެ ހަރުގޭގައި ކަމަށްވީ ނަމަވެސް މި ޖަލްސާ އެއަށްވުރެ ބޮޑު ތަނެއްގައި ބާއްވަނީ، އެއް ތަނަކުން ރައީސް މުއިއްޒާ ބައްދަލުކޮށް ޚާއްސަ ޝުކުރެއް ދެންނެވުމަށް ޕީއެންސީގެ ސަޕޯޓަރުން ބޭނުންވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި ގޮތުގައި، އެ ޖަލްސާއަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ރައްޔިތުން އަންނާނެއެވެ. ނަމަވެސް، ސީދާ އަދަދެއް ވިދާޅެއް ނުވެއެވެ.

މި ޖަލްސާއަށް ހުރިހާ ދިވެހީން އައުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.