13 Nov 2025, 15:47
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އިންޒާރުދެއްވައިފިއެވެ.
އިހުސާން އެގޮތަށް ވިދާޅުވީ ފަތިހު 05:00ހާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން މުޅި ރާއްޖޭގައި ފަށައިފައިވާ ޑުރަގު އޮޕަރޭޝަނާ ގުޅޭ ގޮތުންނެވެ.
"އަލިމަގު"ގެ ނަން ދީފައިވާ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ނަވީން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރިކުރުން ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. އަދި މިއަދުން ފެށިގެން މި ވިޔަފާރިކުރާ މީހުންނަށް އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖޭގައި މިކަމުގައި އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑު އެދޭ އެދުމަކީ މިކަމުގަ އުޅޭ ކުދިންވެސް މިކަން ހުއްޓާލާފަ އެހެން ކަމަކާވެގެން އުޅުމަށް. މިކަން ކުރާކަމަށްވާނަމަ ރާއްޖޭގައި އުޅެން އުނދަގޫވާ ވަރަށް މިކަން ކުރިއަށް ގެންދާނަން. ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ. މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ގާނޫނުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" އިންޒާރުދެއްވަވައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވިއެވެ.
މިއަދު ފެށި އޮޕަރޭޝަނަކީ ފެށުމެއްކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މި މަސައްކަތް ފުލުހުން ހުއްޓާލާނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެކަން ކުރުން ހުއްޓާލާ ހިސާބުން ކަމަށެވެ.
މި މަސައްކަތުގައި ދިވެހި ފުލުހުން 24 ގަޑިއިރު މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން އެދޭ ފަދަ މާހައުލެއް ގާއިމުކުރުމުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން އިހުސާން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކަންކަމުގައި ހައްޔަރުކުރާ މީހުންނަށް އެއްވެސް ލުޔެއް ނުދިނުމަށް ތަކުރާރުކޮށް ރައީސް މުއިއްޒު އިރުޝާދު ދެއްވާ ކަމަށެވެ.
"އޮޕަރޭޝަން އަލިމަގު"އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ޖުލައި މަހުގެ 30ގައި ރައީސް ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާކަން އިއުލާންކުރައްވައިފައެވެ.
ރާއްޖޭގެ ގާނޫނުލްއުގުބާތުގައި، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.