22 Aug 2012, 11:21
އެކަނި ގެސްޓުހައުސް އެއްގެ ތެރޭ އޮއްވައި ފެނުނު ހަ މަހުގެ ތުއްތު ކުއްޖާގެ މަންމަގެ އުމުރަކީ 13 އަހަރު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ތުއްތު އަންހެން ކުއްޖާއާއި އެކުއްޖާގެ މަންމަ މިހާރު އެމީހުންގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެއީ ދެ ކުޑަކުދިންނަށް ވާތީ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެ މައްސަލައިގައި އަދިވެސް ސާފުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ބުނެ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
ފުލުހުންނާއި ޖެންޑާ އިން އެ މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
އިއްޔެ ހެނދުނު 10 ޖަހާއެހާކަންހާއިރު ތުއްތު ކުއްޖާ ފެނިފައި ވަނީ މ. ހުދުފަސްކިޔާ ގެސްޓުހައުސްއެއްގެ ތެރެއިންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ގެސްޓުހައުސް އަކީ ދުވަހު ކުއްޔަށް ކޮޓަރިދޭ ތަނެކެވެ. އަދި އެތަނަކީ ބޭރު މީހެއް ހިންގާ ތަނެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެ އެވެ.
ފުލުހުން ބުނީ ކުޑަ ކުއްޖާ ގެސްޓުހައުސްގައި އެކަނި ބާއްވާފައި އެކުއްޖާ މަންމަ ދިޔަ މައްސަލަ ރިޕޯޓު ކުރީ ގެސްޓުހައުސް އިން ކަމަށެވެ.
ގެސްޓުހައުސްގެ މީހުން ފުލުހުންނަށް އެކަން ރިޕޯޓު ކުރީ ކުއްޖާ ރޯއަޑަށް އެއްވެސް މީހެއްގެ ހަބަރެއް ކޮޓަރި ތެރެއިން ނުވެގެން ނެވެ.