13 Nov 2025, 13:51
މިނިވަން މުއައްސަސާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ބަޖެޓުގެ ބޮޑުބައި އެ މުއައްސަސާތަކުގެ މުވައްޒަފުން ޚަރަދަށް ކުރަންޖެހޭތީ މުސާރައިގެ ޚަރަދު އިންތިހާއަށް ބޮޑުވާ ކަމަށާއި، މިނިވަން މުއައްސަސާތައް ކުޑަކޮށްގެން ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެންބަރުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 607 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް 20 އިދާރާއަކުން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އިދާރާތަކަށް ބަޖެޓު އިތުރުކޮށްދޭނަމަ ޖެހޭނީ ބަޖެޓުގެ އެހެން ދިމާއަކުން އުނިކޮށްގެން އެ ބައި ހޯދަން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އެއް މަސައްކަތެއް ކުރާ މިނިވަން މުއައްސަސާތައް ކުޑަކުރަން ޖެހޭ ކަމަށް ނާޒިމް ޚިޔާލުފާޅުކުރެއްވިއެވެ.
ސަރުކާރު ތެރޭ ހުރި ބައެއް މުއައްސަސާތައް އެބަހުރި ޑުޕްލިކޭޓުވެފައި. މިސާލަކަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އެބަ ޚަރަދު ކުރަން އަހަރަކު 14.7 މިލިއަން ރުފިޔާ. ޗިލްޑްރަންސް އޮމްބަޑްޕާސަން އޮފީހަށް 8.8 މިލިއަން ރުފިޔާ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 7.5 މިލިއަން ރުފިޔާ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް 29 މިލިއަން ރުފިޔާ އެބަ ޚަރަދުކުރަން އަހަރަކު،މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބަޖެޓު ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް
ނާޒިމް ވިދާޅުވި ގޮތުގައި އެއިން ކޮންމެ އޮފީހަކީ ވެސް އެ އޮފީސް އުފެއްދުމަށް ފަހު ވަރަށް ގިނަ ޚަރަދުތަކެއް ރިޕީޓުވާ ތަންތަނެވެ. މިސާލަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ވެސް ފައިނޭންސް އޮފިސަރަކާއި، ސްޓޯ ކީޕަރެއްގެ އިތުރުން ފައިނޭންސްގެ އިސް ވެރިއެއް ހުންނަން ޖެހޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ތަން ކިތަންމެ ކުޑަޔަސް މި ހުރިހާ މަގާމުތަކެއްގައި ވެސް މީހުން ތިބެން ޖެހޭކަމަށެވެ. އަދި ގާނޫނުގައި މިނިވަން މުއައްސަސާތައް ކަމަށް ބުނާ ކޮންމެ ތަނެއްގެ އެންމެ އިސް ވެރިޔަކަށް ކާރަކާއި، ޑްރައިވަރަކު ވެސް ދޭން ޖެހޭ ކަމަށެވެ.
އެހާވަރަށް ދައުލަތުން ޚަރަދުތައް ކުރަންޖެހޭއިރު ވެސް އެ މުއައްސަސާތަކުން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލްވާ މިންވަރާ މެދު ވެސް ސުވަލު އުފެދޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަޅުގަނޑަށް ފެނޭ އެއްކޮށްލެވެން ހުރި ތަންތަން އެއްކޮށްލާފައި އެ ތަންތަނުން ލިބޭ ސޭވިންތަކުން ދެން ހުންނަ މުއައްސަސާތަކަށް ލާރި ދެވޭ ގޮތަށް ރާވަން. އެ ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީއާއި ޕާޓީތަކުން މަޝްވަރާކޮށް، މިނިވަން މުވައްސަސާތައް ގިނަވުމުގެ ސަބަބުން އޮންނަ މަތި ބަރުވުން ނިމުމަކަށް ގެންނަން އެބަޖެހޭ،މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
ނާޒިމްގެ ވާހަކައަށް ބަޖެޓު ކޮމިޓީގެ މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ.
އެގޮތުން މިނިވަން މުއައްސަސާތަކުގައި ގިނަ މުވައްޒަފުން ތިބެ، މުސާރައަށް ދައުލަތުގެ ބަޖެޓުން އެތައް ޚަރަދެއްކުރާއިރު ވެސް، އެ މުއައްސަސާތަކުގެ މައްޗަށް އޮތް ޒިންމާ އެންމެ ރަނގަޅަށް އަދާނުކުރާ ކަމުގެ ކަންބޮޑުވުން ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެ މެންބަރުން ވަނީ މިނިވަން މުއައްސަސާތައް ކުޑަކޮށްގެން ނަމަވެސް ޚަރަދު ކުޑަކުރަން އެދިފައެވެ.