ފުލުހުންގެ 500 އޮފިސަރުން ނެރެ, މުޅި ރާއްޖޭގައި މިއަދު ޑުރަގާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނުގައި ހަތް ގަޑިއިރު ތެރޭ 90 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި އެ ޚާއްސަ އޮޕަރޭޝަން ފެށީ ފަތިހު 05:30ގައި ކަމަށެވެ. އަދި 12:30ހާއިރު އެ މުއައްސަސާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެ އޮޕަރޭޝަނުގެ ތެރެއިން 90 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެންނަ ފޮޓޯތަކެއް ހިއްސާކުރި ނަމަވެސް، ހައްޔަރުކުރި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ. އަދި މިހާތަނަށް ހޯދުނު މަސްތުވާތަކެތީގެ މައުލޫމާތެއް ވެސް ދީފައިނުވެއެވެ.

އެ އޮޕަރޭޝަން ފަށަައިފައިވާކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑުރަގުގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ޚާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ބުނީ، އެއީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ދަށުން އެކުލަވާލައިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށް އެ ޚިދުމަތުން ހާމަކުރިއެވެ.

"އޮޕަރޭޝަން އަލިމަގު"އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެއީ ރާއްޖޭގައި ހަރަކާތްތެރިވާ، މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.