13 Nov 2025, 13:47
ދީނީ ކަންކަމުގައި ހޭލުންތެރިކުރުމަށް އުފެއްދި "މަންފާ" ޖަމްޢިއްޔާއިން މިރޭ ބާއްވާ ދަރުސް އެސްއެސް ޓީވީ އާއި ސަންޕްލޭއިން ލައިވްކުރަން ނިންމައިފިއެވެ.
ސަންޕްލޭ އަދި އެސްއެސް ޓީވީން މިރޭ ލައިވްކުރުމަށް ހަމަޖެހިފައިވަނީ "މަންފާ"އިން "ފިތުނަ" މައުޟޫއުއަށް ގެނެސްދޭ ދަރުހެވެ. މި ދަރުސް އޮންނާނީ މިރޭ 21:00 ގައި އާޓިފިޝަލް ބީޗްގައެވެ.
އެ ދަރުސް ހޯސްޓުކުރައްވާނީ މަޝްހޫރު ޓީވީ ޕްރެޒެންޓާ އަޙްމަދު ހަމީދު އާދަމާއި މަންފާ ޖަމްޢިއްޔާގެ ނައިބު ރައީސް އިބްރާހިމް ރަމީޒެވެ.
މި އިވެންޓާ ބެހޭގޮތުން "ސަން"އަށް މައުލޫމާތުދެއްވަމުން މަންފާ ޖަމްޢިއްޔާގެ ރައީސް ޢަލީ ރަމީޒު ވިދާޅުވީ މި އިވެންޓުގައި ތިން ހަރަކާތެއް ރާވާފައިވާ ކަމަށެވެ. އެގޮތުން މި އިވެންޓުގައި އެންމެ ފުރަތަމަ ފެންނާނީ ހަތް އަހަރުގެ އަންހެން ކުއްޖަކު ގައުމާ ދޭތެރޭ ޝުއޫރު ފާޅުކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނައަށް ފެންނާނީ އެއްމާބަނޑު ދެ ފިރިހެންކުދިން ހުށަހަޅައިދޭ މަދަހައެއް ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.
އޭގެ ފަހުން ޝައިހް ޑރ. އާދަމް ޝަމީމް "ފިތުނަ" މައުޟޫއުއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޢަލީ މައުލޫމާތު ދެއްވިއެވެ. އިލްމީ މައުލޫމާތުތައް ލިބިގެންދާނެ މި ދަރުހަށް ވީހާވެސް ގިނަ މީހުން އައުމަށް ޢަލީ ވަނީ އެދިވަޑައިގެންފައެވެ.
މިއީ މާލެ ސިޓީ ކައުންސިލް، ޚިދުމަތް ޖަމްޢިއްޔާ، އުކުޅަސް ހޯޕް ޖަމްޢިއްޔާ، ޖަމިއްޔަތުލް ޤަލަމް އަދި މަންފާ ޖަމްޢިއްޔާއިން ގުޅިގެން ބާއްވާ އިވެންޓެކެވެ.
މިއީ މީގެ ހަތް މަސް ކުރިން އުފެއްދި "މަންފާ"އިން މާލޭގައި ބާއްވާ ދެވަނަ ދަރުހެވެ. ފެބްރުވަރީ 22 ގައި އެ ޖަމްޢިއްޔާއިން ވަނީ "ތައްޔާރުތަ" ނަމުގައި ދަރުހެއް ގެނެސްދީފައެވެ. ކާނިވާގައި ބޭއްވި މި ދަރުސްގައި ތަގުރީރު ކުރެއްވީ ޝައިޚް އިބްރާހިމް ރަފީއުއެވެ.