13 Nov 2025, 12:38
ސިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން މަދުވެ، ބައެއް ކަހަލަ ބޭހުގެ އަގުތައްވެސް މަތިވެފައިވާ ދަނޑިވަޅެއްގައި މެލޭޝިއާގައި ބޭސްފަރުވާގެ އަގު އަންނަ އަހަރު 16 ޕަސަންޓު އިތުރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމްބީއެސްބީ އިން މަހުން މަހަށް ނެރޭ ސެކްޓާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޭސްފަރުވާގެ އަގުތައް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސްޕެޝަލިސްޓުން ބޮޑު މުސާރަ ލިބޭ މެލޭޝިއާއިން ބޭރުގެ މާކެޓްތައް ބަދަލުވުމެވެ.
"މީހުން މަދުވުމުގެ ސަބަބުން އަމިއްލަ ސިއްޙީ ދާއިރާގައި ހުނަރުވެރިން ހޯދުމާއި ހިފެހެއްޓުމުގެ ޚަރަދު އިތުރުވެގެން ދަނީ." އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ގިނަ ފަހަރަށް ހޮސްޕިޓަލް ހިންގުމުގެ ޚަރަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއް ޚަރަދު ވަނީ މުވައްޒަފުންގެ މުސާރައަށެވެ.

މެލޭޝިއާގެ ސިއްޙަތާބެހޭ ވަޒީރު ޑރ.ޒުލްކެފްލީ އަހުމަދު. ފޮޓޯ/ސޭސް.ކޮމް
ސިއްޙަތާބެހޭ ވަޒީރު ޑރ. ޒުލްކެފްލީ އަހުމަދު ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި 2020 އާއި 2024 އާ ދެމެދު އެ ވުޒާރާގެ 440 ޕްރޮފެޝަނަލް ސްޓާފުން ގައުމުން ބޭރަށް ބަދަލުވެފައިވެއެވެ. އޭގެ ތެރޭގައި ފަސް މެޑިކަލް ސްޕެޝަލިސްޓުންނާއި 54 މެޑިކަލް އޮފިސަރުންނާއި 381 ނަރުހުން ހިމެނެއެވެ.
ގައުމުން ބޭރަށް ދިއުން ހުއްޓުވުމަށްޓަކައި އަމިއްލަ ހޮސްޕިޓަލްތައް ހިންގާ ކުންފުނިތަކުން އަންނީ ޕަބްލިކް ސެކްޓާ ދޫކޮށްފައިވާ ސްޕެޝަލިސްޓުން ބޮޑެތި މުސާރަ ހުށަހަޅަމުންނެވެ.
މީހުން މަދުވުމުގެ މައްސަލައިގެ އިތުރުން އެމްބީއެސްބީ ރިސާޗުން ވަނީ މެޑިކަލް އިންފްލޭޝަނަށް މެދުވެރިވާ ދެވަނަ ގޮންޖެހުމެއް ފާހަގަކޮށްފައެވެ. އެއީ ބައެއް ޚާއްސަ ބޭސްތަކުގެ އަގު ބޮޑުވުމެވެ.
ހަކުރުބައްޔާއި ފަލަވާ ބައްޔަށް ބޭނުންކުރާ މަޝްހޫރު ޖީއެލްޕީ-1 ބޭސްތައް ހިމެނޭ ގޮތަށް ގައިން ގަޔަށް ނާރާ ބަލިތަކަށް ދޭ ބޭސްތަކުގައި ބޭނުންކުރާ މާއްދާތަކުގެ އަގު ބޮޑު ކަމަށާއި އޭގެ ސަބަބުން ބޭސް އުފައްދާ ފަރާތްތަކަށް އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ހޮސްޕިޓަލް ހިންގުމުގެ ޚަރަދު ބޮޑުވުމަށް މެދުވެރިވާ އެއް ސަބަބެއްގެ ގޮތުގައި ޓެކްނޮލޮޖީ އިންޓަގްރޭޓް ކުރުން ހިމެނޭ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން އާރްއެޗްބީ އިންވެސްޓްމެންޓް ބޭންކް ބީއެޗްޑީ (އާރުއެޗްބީ) ރިސާޗުން ބުނާ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކާއި އަމިއްލަ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާ ދެމެދު ކުރިއަށްދާ ޚަރަދުގެ މަޝްވަރާތައް އަދިވެސް ހުއްޓިފައިވާއިރު، ހޮސްޕިޓަލް ހިންގާ ފަރާތްތަކަށް ޚަރަދު އިތުރަށް ބޮޑުވުމުގެ ނުރައްކާ އެބައޮތެވެ.