ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޯހިޔާވަހިކަމަށް ޚާއްސަކޮށް ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، މާލެ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓް އެޅުމަށް މިއަދު ބިމާ ހަވާލުވެއްޖެއެވެ.

ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވަނީ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ, ބީއެމްއެލްގެ ޑިރެކްޓާ އޮފް އެގްޒެކެޓިވް އެފެއާޒް، ޕްރޮޕަޓީސް، އެންޑް އެޑްމިނިސްޓްރޭޝަން، ޙަސަން ޝާމްއެވެ.

ބީއެމްއެލްއިން އެ ކުންފުނި އުފެއްދީ، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކެބިނެޓުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި، ނެޝަނަލް ހައުސިން އެފޯޑެބުލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓުގެ ދަށުންނެވެ.

އެ ސިޔާސަތުގެ ދަށުން މާލީ އިދާރާތަކާ ގުޅިގެން، ލީސް ޓު އޯން ނުވަތަ ކުއްޔަށް ދިރިއުޅުމަށް ފަހު އަމިއްލަ ކުރެވޭ މޮޑެލްގެ ދަށުން އާންމުންނަށް ހައުސިން ޔުނިޓު ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވައިދެއް އެކުލަވާލައިފައެވެ.

އެ ގަވައިދުގެ ދަށުން، އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް ސަރުކާރުގެ ހައުސިން ސްކީމަށް ޚާއްސަކުރަން ޖެހޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ، އެ ގަވައިދު އިއުލާންކުރުމާއެކު، ގައުމީ ބޭންކުގެ ހައިސިއްޔަތުން ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އިސްނެގި ކަމަށެވެ. އެހެންވެ، އެމްއެމްއޭގެ ހުއްދައާއެކު ސަބްސިޑަރީ ކުންފުނި އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ކުންފުނިން ހައުސިން ޔުނިޓުތައް ތަރައްގީކޮށް، ކުއްޔަށް ދޭ މުއްދަތު ހަމަވުމުން މިލްކު ކުރެވޭ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މޮޑެލް ބޭނުންކުރުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަވާނެ ކަމަށާއި ބޭންކަށް އޮންނަ ހިރާސްތައް ވެސް ކުޑަވާނެ ކަމަށެވެ.

"އެއީ މީގެ ލޭންޑް ކޯސްޓް، ފައިނޭންސިން ކޯސްޓް އަދިވެސް ޑިވެލޮޕްމެންޓް ކޯސްޓް މިފަދަ އެތައް ކޯސްޓްތަކެއް ކުޑަކުރުމުގެ ގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި... ވަރަށް ބޮޑުތަން އަގުހެޔޮ ވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް ބާރު ސްޕީޑުގައި މަސައްކަތްތައް ނިންމާ ބޭންކެއް ކަމަށާއި، އެގޮތުން މި މަޝްރޫއު ވެސް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް: ބީއެމްއެލްއިން ހައުސިންއަށް ކުންފުންޏެއް ހަދައި، 3000 ޔުނިޓް އަޅަން ވަނީ ހަވާލުވެފައި -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ބިންތަކާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކުންފުނީގެ އެމްޑީ ޝާމެވެ.

އެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ މިއަދަކީ ދިވެހި ރައްޔިތުންގެ މެޖޯރިޓީ ހިއްސާ އޮތް، ދިވެހިންގެ ބޭންކު، ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަން ޙައްލުކުރުމަށް ސަރުކާރާ އެއްކޮށް އަތުގުޅާލައި މަސައްކަތް ފަށާ ދުވަސް ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގުތިސާދު އޮތް ދެރަ ހާލަތުގެ ސަބަބުން، ބޭރުގެ ބޭންކުތަކުންނާއި ގައުމުތަކުން ވެސް ލޯނު ލިބުމުގައި ދަތިތައް ހުރި ކަމަށެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ކުރީގެ ސަރުކާރުތަކުން އާންމުކޮށް ގެންގުޅުނު އުސޫލަކީ، ލޯނު ނަގައިގެން އިމާރާތް ކުރަންކަމުގައި ވީ ނަމަވެސް، ލޯނު ހޯދައިގެން ބޯހިޔާކަން މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރުކާރު އައިއިރު އޮތީ ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވެފައި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އެހެންވެ، މި ސަރުކާރުން މަސައްކަތްކުރީ ރައީސްގެ ވަޢުދާ އެއްގޮތަށް ބޯހިޔާވަހިކަމަށް ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ހައްގު އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފަހިކޮށްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ބީއެމްއެލްގެ ކުންފުންޏާ މިއަދު ހަވާލުކުރި މަޝްރޫއުގެ ތެރެއިން ވިލިމާލޭގައި ތިންސަތޭކަ ހައުސިން ޔުނިޓާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި 2،700 ޔުނިޓު އަޅާނެ ކަމަށެވެ.

"މި ތަންތަނަކީ އަތްފޯރާފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބެންކަށް ބިން މިދެނީ، ބެންކަށް އިތުރު އަގަކާ ނުލައި، ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް اللهގެ ވާގިފުޅާއެއްކޮށް، މި ޔުނިޓުތަކުގެ އަގު މިހާރު މި ދޫކުރާ ޔުނިޓުތަކުގެ އަގާ އެއްވަރެއްގައި، ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތައް ދޭނީ ސަރުކާރުން އިޢުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލާ މީހުންނަށް ކަމަށެވެ.