ލަންޑަން (އޮގަސްޓް 22): ވިކިލީކްސްގެ މުއައްސިސް ޖޫލިޔާން އަސާންޖް، ލަންޑަންގައި ހުންނަ އިކުއެޑޯގެ އެންބަސީއަށް ވަދެ ސިޔާސީ ޙިމާޔަތް ހޯދުމާގުޅިގެން އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ޓަކައި އިނގިރޭސިވިލާތާއި ސްވިޑްންއާ އެކު ވާހަކަ ދައްކަން ތައްޔާރަށް އޮތްކަން އިކުއެޑޯއިން ހާމަކޮށްފި އެވެ.

އިކުއެޑޯގެ ރައީސް ރަފައީލް ކޫރިއްޔާ ވިދާޅުވީ އަސާންޖް، އޭނާގެ ޤައުމުގެ އެންބަސީއަށް މީގެ ދެ މަސްކުރިން ވަދެ ސިޔާސީ ޙިމާޔަތް ހޯދުމާގުޅިގެން އުފެދިފައިވާ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރެވިދާނެ ކަމުގަ އެވެ. މިމައްސަލާގައި އިކުއެޑޯގެ ސަރުކާރުން ގެންގުޅޭނީ ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށް ވެސް ރައީސް ކުރިއްޔާ ވިދާޅުވި އެވެ.

އެމެރިކާގެ ސިއްރު ލިޔެކިޔުންތައް ލީކުކޮށް ބޭޒާރުކުރަމުންދާ މައްސަލާގައި އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުގެ ރުޅި އަމާޒުވެފައިވާ އަސާންޖް ލަންޑަންގައި ހުންނަ އިކުއެޑޯގެ އެންބަސީއަށް ވަދެ ސިޔާސީ ޙިމާޔަތް ހޯދީ މީގެ ދެމަސް ކުރިންނެވެ. މިދިޔަ ހަފްތާގައި އިކުއެޑޯ އިން ބުނެފައި ވަނީ އޭނާ އަށް ސިޔާސީ ޙިމާޔަތްދޭނެ ކަމަށާއި އޭނާއަކީ އަނިޔާ ލިބެމުންދާ އަދި ޙިމާޔަތަށް ބޭނުންވާ މީހެއްކަން ޤަބޫލުކުރެވޭ ކަމުގަ އެވެ.

އަސާންގެ މައްޗަށް އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުތަކެއް ސްވިޑްންއިންކޮށްފައިވާ އިރު މިއީ އަސާންޖައާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާ އިން ރާވައިގެން ސްވިޑްންއާ ގުޅިގެން ކޮށްފައިވާ ތުހުމަތުތަކެއްކަމަށް އޭނާ ބުނެ އެވެ. ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަސާންޖްގެ މައްޗަށް ޝަރީޢަތް ހިންގުމަށް ޓަކައި އޭނާ ސްވިޑްންއާ ޙަވާލުކުރުމަށް އިނގިރޭސި ޝަރްޢީ ދާއިރާއިން ވަނީ ނިންމާފަ އެވެ. މީގެއިތުރުން ސިއްރު ލިޔެކިޔުންތައް ލީކުރާ މައްސަލާގައި އަސާންޖްގެ މައްޗަށް ޝަރީޢަތް ހިންގަންބޭނުންވާކަން އެމެރިކާ ވެސް ބުނެފައިވެ އެވެ.

އަސާންޖް މައްސަލާގައި އެއްކޮޅުން އެމެރިކާ އާއި ސްވިޑްން އަދި އިނގިރޭސިވިލާތް ވާއިރު އަނެއްކޮޅުގައި ވަނީ އިކުއެޑޯގެ އިތުރުން ލެޓިން އެމެރިކާގެ ޤައުމުތަކެވެ. އަސާންޖަށް ސިޔާސީ ޙިމާޔަތްދޭނެކަން އިކުއެޑޯއިން އިޢްލާން ކުރުމުން ލެޓިން އެމެރިކާގެ ޤައުމުތަކުން ވަނީ އެކަމަށް ތާއީދުކުރާކަމާއި މި މައްސަލާގައި އިކުއެޑޯއަށް ވާގިވެރިވާނެކަން ހާމަކޮށްފަ އެވެ.
ލެޓިން އެމެރިކާގެ ޤައުމެއް ކަމަށްވާ ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް ވަނީ އަސާންޖްގެ މައްސަލައަކީ އިންސާނީ ޙައްޤާއި މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަަމަށް ވިދާޅުވެ އޭނާ ހައްޔަރު ކުރުމަށް ޓަކައި އިކުއެޑޯގެ އެންބަސީއަށް ގަދަބާރުން ވެދެނުގަތުމަށް އިނގިރޭސި ސަރުކާރަށް އިންޒާރު ކުރައްވާފަ އެވެ. -- ނޫސްއެޖެންސީތައް