13 Nov 2025, 12:18
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025-26 ގެ ހދ އަތޮޅު ބުރުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދާފައިވަނީ މުބާރާތުގެ ފައިނަލުގައި ހަނިމާދޫއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑު ނެގީ ކުޅުދުއްފުށިންނެވެ. މެޗުގެ ފުރަތަަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މުހައްމަދު މުންސިފްއެވެ
މުންސިފްގެ ލަނޑާއެކު ހަނިމާދޫއިން ކުޅުން އިތުރަށް ރަނގަޅުކުރި ނަމަވެސް ފުރަތަަމަ ހާފު ކުޅުދުއްފުށިން ވަނީ ހަނިމާދޫ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ
ފޯރިގަދަ ފައިނަލް މެޗުގެ ދެވަނަ ހާފަށް ދެޓީމުން ވެސް އިތުރަށް ކުޅުން ވަރުގަދަކޮށްގެން ނިކުތްއިރު މިހާފުގައި ވެސް ކުޅުދުއްފުށި ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މި ހާފުވެސް ފެށިގެން މާގިނައިރުތަކެއް ނުވެ 58 ވަނަ މިނިޓުގައި މުހައްމަދު ޝިފާންގެ ގޯލަކުން ކުޅުދުއްފުށިން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ
އެހެންނަމަވެސް މިލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވެ ހަނިމާދޫގެ އަލީ ހުސައިން (ދަގަނޑޭ) ވަނީ ލަނޑެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށް ޓީމަށް ދިރުން ގެނެސް ދީފަ އެވެ
މިލަނޑަށް ފަހު ހަނިމާދޫއިން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޒައިދު މުޙައްމަދު ޖަހައިދިން ލަނޑާއެކު ކުޅުދުއްފުށިން މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރި އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޅުދުއްފުށީ ހައްމަދު ޝިފާން އެވެ.