ކިތަންމެ ރީތި ނަމެއް ކިޔާފައި އޮތް ނަމަވެސް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ އަބަދުވެސް އޭރަކު އޮންނަ ވެރިކަމަކުން މޮޑޭނެ ގޮތަކަށް މޮޑޭ ފުއްގަނޑެއް ކަމަށް ގިނަ ބަޔަކު ހެކިވާނެއެވެ. އެ ހަގީގަތް އެ ގޮތަށް އޮއްވައި, އޭސީސީގެ ރައީސް އާދަމް ޝާމިލް އިއްޔެ އިތުރަށް އެތައް މިލިއަން ރުފިޔާއަކަށް އެދި މަޖިލީހުގައި ދެއްކި ވާހަކަތަކާ ގުޅިގެން އަނެއްކާ މި ވަނީ ފާޑުކިޔުން ބޮޑުވެފައެވެ.

ދަރައިވިކިފައި އޮތް މި ގައުމުގެ ބަޖެޓުން އޭސީސީ ހިންގަން މި އަހަރަށް ދިނީ 52 މިލިއަން ރުފިޔާއެވެ. އެ ވަރުން ނުވެގެން އަދި އިތުރަށް ފައިސާއަށް އެ ކޮމިޝަނުން މަޖިލީހުގައި އެދުނެވެ. މިހާރު ވެގެން މިއުޅޭ ގޮތަކީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު އޭސީސީއަށް ދޭން ފިނޭންސް މިނިސްޓްރީން ކަނޑައެޅީ, 47 މިލިއަން ރުފިޔާއެވެ. އެއީ މި އަހަރަށް ވުރެން ނުވަ ޕަސެންޓް ދަށް އަދަދެކެވެ.



އެއާއެކު އިއްޔެ އޮތް ބަޖެޓް ކޮމެޓީގައި އޭސީސީގެ ރައީސް ޝާމިލް ވަނީ, ގާތްގަނޑަކަށް އެ ބަޖެޓަށް ވުރެން ދެގުނައަށް އިތުރަށް 84 މިލިއަން ރުފިޔާ އަންނަ އަހަރު ހޭދަ ކުރަން ދިނުމަށް އެދިފައެވެ. މިހާރު ފިނޭންސްއިން ކަނޑައަޅާފައިވާ 47 މިލިއަން ރުފިޔާގެ ބަޖެޓަކީ އޭސީސީގެ ގާނޫނީ ޒިންމާ އަދާކުރަން އެކަށޭނަ ބަޖެޓެއް ނޫންކަމަށް ޝާމިލް ވިދާޅިވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އަދި އާއްމުންގެ ރުޅިގަނޑު ވެސް ފަޅައިގެން ދިޔައީ އެ ހިސާބުންނެވެ. އޮފީސް ހިންގުމަށް މަހަކު ހަތަރު ލައްކަ ރުފިޔާ ޚަރަދު ކުރާ, އަދި 120 މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދީގެން ހިންގާ އޭސީސީއިން އެ ގާނޫނީ ޒިންމާ އަދާކުރީ ކޮންއިރަކުތޯއެވެ؟

ބަޖެޓު ދިރާސާ ކޮމިޓީގައި އޭސީސީ: އެ ކޮމިޝަނުން ވަނީ ބަޖެޓުކޮށްފައިވާ ފައިސާއިން ޒިންމާ އަދާނުކުރެވޭނެ ކަމަށް ބުނެފައި -- ފޮޓޯ/ މަޖިލިސް

ކޮންމެ ފަސް އަހަރަކުން ވެރިކަންތައް ބަދަލުވެ, އެތައް ބަޔަކު ނުހައްގު މުއްސަނދިކަން ހޯދައިގެން ގައުމު ދަރުވާލާއިރު އޭސީސީ މެންބަރުން މަހުން މަހަށް މުސާރަ ނެގުން ނޫން ކުރީ ކޮން ކަމެއްތޯއެވެ؟ މިއަދު އެކަންޏެއް ނޫނެވެ. އޭސީސީ އުފެއްދީންސުރެ އޭރަކު އޮންނަ ސަރުކާރަކުން ނުވަތަ އެ ސަރުކާރެއްގައި ބާރު އޮތް ބަޔަކު ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އޭސީސީ އޮންނަނީ ގަދަ ނިދީގައެވެ. ހަމައެކަނި މި ވަރުން ފުދުނީއެއް ނޫނެވެ. ސަރުކާރުތަކުން ސިޔާސީ ބޭނުމަށް އިދިކޮޅު ޕާޓީތަކަށް އަމާޒުކޮށްގެން ކުރާ ކަންކަމުގައި އޭސީސީން އަބަދުވެސް ބައިވެރިވާ ކަމަށް ތުހުމަތުތައް ކުރެވެއެވެ.

މެންބަރުންގެ ނުރުހުމާއި ފާޑުކިޔުން!

ދެގުނަ ބަޖެޓަކަށް އޭސީސީން އެދުމުން, ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ, ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ އޭސީސީގެ ޕާފޯމަންސްއާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ މިދިޔަ އަހަރު އޭސީސީގައި 840 މައްސަލަ ރަޖިސްޓްރީ ކުރިއިރު އިވެލުއޭޓް ކޮށްލެވުނީ 240 މައްސަލަ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްކޮށް ނިމުނީ 123 މައްސަލަކަން އަޒާން ފާހަގަ ކުރެއްވިއެވެ.

"ހުށަހެޅޭ ޝަކުވާތަކާ އަޅައިބަލާއިރު ބަލައި މި ނިމެނީ ވަރަށް މަދު މައްސަލައެއް," އަޒާން ވިދާޅުވިއެވެ.

ބަޖެޓް ކޮމެޓީގައި އަށްޑިހަ ހަތަރު މިލިއަން ރުފިޔާއަށް އޭސީސީން އެދުމުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ޑރ. އަހުމަދު ޝަމްހީދު ފާހަގަ ކުރެއްވީ އެ ކަންބޮޑުވުމެވެ. އޭނާ ވިދާޅުވިގޮތުގައި މި ދައުރުގައި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ފާހަގަވީ އޭސީސީން ދެތިން ކަމެއް ކުރި ކަމެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު: --- ފޮޓޯ: މަޖިލިސް
އޭގެ ތެރެއިން އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ އިންތިހާއަށް ބޯހިޔާވަހިކަން ދަތިވެފައިވާ މި ގައުމުގެ ރައްޔިތުންނަށް އަޅާފައިވާ ފްލެޓްތަކުގެ ލިސްޓް ހިފަހައްޓައިގެން އެ ތަނުގައި މީހުން ދިރިއުޅުން ލަސްވާ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރި ކުރުމެވެ. ދެން އަނެއް ކަމަކަށް ޝަމްހީދު ތުހުމަތު ކުރެއްވީ ސަރުކާރުގެ ސީދާ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ނިންމި ހިސާބުން އެ ކޯޓުގެ ތިން ފަނޑިޔާރުން ބޭރު ކުރުމަށް ކުރެވުނު މަސައްކަތުގައި އޭސީސީއިން ބައިވެރިވި ބައިވެރިވުމެވެ.

ގާނޫނީ ގޮތުން ވަރަށް ތަޖުރިބާކާރު ތިން ބޭފުޅުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ، އޭސީސީން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެ ކޮމިޝަނުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އޭގެ ފަހުން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިއިރު، އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ދެ ފަނޑިޔާރުން ވަކިކޮށްފައެވެ. މިއީ ސަރުކާރުން ބޭނުންވާ ގޮަތަށް ފަނޑިޔާރުން ވަކިކުރަން އޭސީސީއިން ދިން އެއްބާރުލުމެއް ކަމަށް އިދިކޮޅު އެމްޑީޕީންނާއި ބައެއް ފަނޑިޔާރުން ވެސް ދިޔައީ ތުހުމަތު ކުރަމުންނެވެ.

އޭސީސީއިން ކުރި އަނެއް ކަމަކަށް ޝަމްހީދު ފާހަގަ ކުރެއްވީ ސަރުކާރު ޒިންމާދާރު ކުރަން ފެށުމުން އިދިކޮޅު އެމްޑީޕީގެ ވަކިވަކި ބޭފުޅުންގެ މައްސަލަތަކެއް މިފަހުން އޭސީސީން ބަލަން ފެށުމެވެ. މި ފަހުން އޭސީސީން ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު, ފައްޔާޒް އިސްމާއީލްގެ އިތުރުން އޭރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު, އޭސީސީއަށް ހާޒިރު ކޮށްފައެވެ.

"މިކަންކަން ނޫނީ އަޅުގަނޑުމެން މަޖިލީހުގައި އުޅެނިކޮށް އޭސީސީއިން ކުރިކަން ނުވަތަ ރައްޔިތުންނަށް މަންފާ ހުރި ކަމެއް އޭސީސީއިން ކުރިކަން އަޅުގަނޑަށް ފާހަގައެއް ނުވޭ." ޝަމްހީދު ވިދާޅުވިއެވެ.



ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަމްހީދު ވިދާޅުވިގޮތުގައި ވަކިވަކި މީހުންނަށް އަމާޒުކޮށް, އެ މީހުންގެ އަގު ވައްޓާލުމަށްޓަކައި އޭސީސީން ތަހުގީގުތައް ހިންގާ ހިއްގުން ހުއްޓުވަން ޖެހޭ ކަމަށެވެ.

މިހާރު އޭސީސީ މި ހިންގާ ގޮތަށް ހިންގަން މި ހަރަދު ކުރަނީ ބޭކާރު ފައިސާ ކަމަށާއި އެ ކޮމިޝަނަށް އިތުރަށް ފައިސާ ދިނުމުގެ ޝައުގު ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާގޮތުގައި އޭސީސީއަށް އެ އިދާރާއާ ހަވާލު ކޮށްފައިވާ ޒިންމާ އަދައެއް ނުކުރެވެއެވެ. އެގޮތުން އެހެން ހުރިހާ މުއައްސަސާތަކަކަށް ވުރެން ބޮޑަށް އިނގިލި ދިއްކުރާ މުއައްސަސާއަކީ އޭސީސީކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އޭސީސީ: އެ ކޮމިޝަނަށް މެންބަރުންގެ ފާޑުކިޔުން އަމާޒުވި -- ފޮޓޯ/ މަޖިލިސް
އޭސީސީގެ ޕާފޯމަންސާ ގުޅޭގޮތުން ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު, އަމީން ފައިސަލް ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން އޭސީސީ ހިންގަން އޭނާއަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި ކުރަންވީ ކަމަކީ އޭސީސީ އުވާލުން ކަމަށެވެ.

"2008 އިން ފެށިގެން އަދިވެސް އަޅުގަނޑުގެ ދާއިރާގައި ފެނާއި ނަރުދަމާ ނުލިބޭ ރަށްރަށް އެބަހުރި. މި ބޭފުޅުންނަށް އަހަރަކު 84 މިލިއަން ދީގެން ނެތް ކޮރަޕްޝަން މަދުވެފައެއް." އަމީން ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނިސްބަތްވާ ކަންކަމާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ޚިޔާލަކީ އެންމެ ކޮރަޕްޓް އެއް މުއައްސަސާއޭ އެންޓި ކޮރަޕްޝަން ކޮމިޝަނަކީ. އެހެންވީމައި މިއަށް ވުރެން މާ ރަނގަޅު ވާނެ ރާއްޖޭގެ ބަޖެޓް އަރަނި ވަންދެން އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލާފައި މި ބޭފުޅުންގެ ޒިންމާ އެހެން ބަޔަކާ ހަވާލުކޮށްފައި އަޅުގަނޑުމެން ދާއިރާގައި މިހިރި އަސާސީ ޚިދުމަތްތައް ކަށަވަރު ކުރިއްޔާ."

ހަމައެކަނި މަޖިލީހުގެ މެންބަރުންނެއް ނޫނެވެ. ބޮޑު ބަޖެޓެއް ނުލިބި ގާނޫނީ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ޝާމިލް ވިދާޅުވުމުން ސޯޝަލް މީޑިއާގައި އާއްމުން ވެސް ވަނީ އެކަމަށް އެތައް ފާޑުކިޔުމެއް އަމާޒުކޮށްފައެވެ. މިހާރު ވެސް އޭސީސީއަކީ ނަތީޖާ ނެރެވޭ ތަނެއް ނޫން ކަމަށް ބުނެއެވެ.

ކިތަންމެ ބޮޑު ބަޖެޓެއް ވެސް އޭސީސީއަށް ދެވިދާނެއެވެ. ނަމަވެސް އެ ކޮމިޝަން ހިންގުމުގެ ނިޒާމު މިހާރު އެ އޮތީ މާ ބޮޑު ނަތީޖާއެއް ނެރެވޭ ގޮތަކަށް ނޫނެވެ. ކޮރަޕްޝަން ދުވަހުން ދުވަހަށް އިންތިހާއަށް އިތުރުވަމުން ދާ ދިއުމަކީ އޭގެ ހެއްކެކެވެ. އަދި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ނުހޯދޭ ތަނުގައި އެ ކުށްކުރާ މީހުންނަށް އަދަބެއް ދެވެނީ ވެސް މަދު ފަހަރެއްގައެވެ. އެހެންކަމުން މިހާރު މިއޮތް ގޮތަށް އޭސީސީ ހިންގުމަށް ބޮޑު ބަޖެޓެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.