13 Nov 2025, 11:24
ފުލުހުންގެ 500 އޮފިސަރުން ނެރެ, 100 ތަނެއް ބަލައި ފާސްކުރަން ޑުރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ޑުރަގުގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ޚާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ،" ރައީސް ވިދާޅުވިއެވެ.
ފުލުހުން ބުނީ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ އެ ޚާއްސަ އޮޕަރޭޝަން ފަތިހު 05:30ގައި ފަށައިފައިވާ ކަމަށެވެ.
އެއީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ފަށާފައިވާ އޮޕަރޭޝަނެއްކަން ފާހަގަކޮށް އެ މުއައްސަސާއިން ބުނީ، އެ އޮޕަރޭޝަނުގެ ދަށުން އެކުލަވާލައިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.
"އޮޕަރޭޝަން އަލިމަގު"އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް އެ ޚިދުމަތުން ބުންޏެވެ. އަދި އެއީ، ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.
މިދިޔަ ޖުލައި މަހުގެ 30ގައި ރައީސް ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާކަން އިއުލާންކުރައްވައިފައެވެ.
ރާއްޖޭގެ ގާނޫނުލްއުގުބާތުގައި، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.