13 Nov 2025, 11:46
ރާއްޖޭގައި ތިންވަނައަށް އެެއްމެ އާބާދީބޮޑު ފުވައްމުލަކުގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލައަށް ޖުމްލަ ހައްލެއް މިއަދު ލިބޭނެ ކަމަށް ފުވައްމުލަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން ކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުއެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް ފެނަކައިން މީގެ ކުރިން ބުންޏެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނަޖާހު ވިދާޅުވީ މިއަދު މެންދުރާ ހަމައަށް ފުވައްމުލަކުގެ ހުރިހާ ހިސާބަކަށް ވަކި ތާވަލަކަށް ބަހާލައިގެން ފެން ދޫކުރާނެ ކަމަށެވެ. އަދި މިގޮތަށް ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ތަހުލީލުތަކުން ފެނުގެ ނެޓްވޯކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ ފެނުގެ ވިއުގައިގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފާހަގަކުރި ގެތަކަށް މިހާރުވެސް ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެން ދޫކުރުމަށްފަހު ފެނުގެ ވިއުގައިން ލީކުވާނަމަ ފެނަކައިން އެކަން ހައްލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ބައެއް ގެތަކަށް ފެނުގެ ކަނެކްޝަން ގުޅާފައި އޮތް ގޮތުގެ ސަބަބުންވެސް ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާއިރު އެ މައްސަލަ ގޭގެ ވެރިންނާ ގުޅިގެން ފެނަަކައިން ހައްލުކުރަން މަސައްކަތްކުރަމުންދާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މީގެ އިތުރަށް ހުރި މައްސަލަތައް ވެސް ހައްލުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެެވެ.
އަންގާރަ ދުވަހު ނޫސްވެރިންނަށް ދިން މައުލޫމާތުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށާއި، ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި މިހާތަނަށް ފަސް ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލީޓަރުގެ 1،000 ކޭސް ފެން ވައިގެ މަގުން ފުވައްމުލަކަށް ވަނީ ފޯރުކޮށްދީފައެވެ.
މި މައްސަލަ އެއްކޮށް ހައްލުވާން ހައެއްކަ ގަޑިއިރު ނަގާނެ ކަމަށް ސަރުކާރުން އަންގާރަ ދުވަހުގެ މެންދުރުފަހު ބުނިނަމަވެސް، އޭގެ ފަހުން ވެސް ފެން ނުލިބޭ މައްސަލަ ހައްލުނުވެ ވަނީ ދިގުލައިގެން ގޮސްފައެވެ. އެހެންވެ ފުވައްމުލަކުގެ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެން ޕްލާންޓް ކުރިމަތީ އިއްޔެ ހަވީރާއި ރޭގަނޑު ވެސް އިހުތިޖާޖުކޮށްފައެވެ.
ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.