13 Nov 2025, 13:59
ވޮޝިންޓަން (13 ނޮވެންބަރު 2025): އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ބަޖެޓް ފާސް ނުކުރެވުމާ ގުޅިގެން ފެޑެރަލް ސަރުކާރުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ވަގުތީ ގޮތުން ނިމުމަކަށް ގެނަސްފިއެވެ.
ފެޑެރަލް ސަރުކާރުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ވަގުތީ ގޮތުން ނިމުމަކަށް ގެނައީ ފެޑެރަލް ސަރުކާރަށް ބޭނުންވާ ފައިސާގެ ޕެކެޖެއް ދިނުމަށް ކޮންގްރެސްއިން ފާސްކުރި ގާނޫނެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވުމާ ގުޅިގެންނެވެ. މި ގާނޫނާއެކު ފެޑެރަލް ސަރުކާރަށް ބޭނުންވާ ބަޖެޓް އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ލިބޭނެއެވެ.
ފެޑެރަލް ސަރުކާރަށް ބަޖެޓް ލިބުމުގެ މައްސަލަ ވަގުތީ ގޮތުން ހައްލު ކުރެވިފައި މިވަނީ ފެޑެރަލް ސަރުކާރުގެ ބަޖެޓް ފާސް ނުކުރެވުމާ ގުޅިގެން ފެޑެރަލް ސަރުކާރުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 43 ދުވަސް ފަހުންނެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް މިހާ ދިގުމުއްދަތަކަށް ފެޑެރަލް ސަރުކާރު ބަންދުކުރި ފުރަތަމަ ފަހަރެވެ.
ވައިޓް ހައުސް ބުނެފައިވާ ގޮތުގައި ފެޑެރަލް ސަރުކާރު ބަންދުކުރި މުއްދަތުގައި ކޮންމެ ހަފުތާއަކު 20 ބިލިޔަން ޑޮލަރުގެ ގެއްލުން އެމެރިކާގެ އިގްތިސާދަށްވަނީ ލިބިފައެވެ. އެގޮތުން ފާއިތުވި ހަ ހަފުތާ ތެރޭގައި 120 ބިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް އެމެރިކާގެ އިގްތިސާދަށްވަނީ ލިބިފައެވެ.
ފެޑެރަލް ސަރުކާރުގެ ބަޖެޓް ފާސް ނުކުރެވުނީ އެމެރިކާގެ ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ފައިސާގެ އަދަދާ މެދު ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާ ދެމެދު ޚިޔާލު ތަފާތުވެ ދެ ފަރާތްވެސް ގޮތް ދޫކުރަން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.
ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ޕާޓީގެ ވިސްނުމާ އެއްގޮތަށް، ފެޑެރަލް ޑިޕާޓްމަންޓްތަކާއި އެޖެންސީތައް ހުޅުވުމަށް ބޭނުންވާ ބަޖެޓްގެ ޕެކޭޖާ ބެހޭ ގާނޫނު ފާސްކުރިއިރު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ މިއީ ޕާޓީގެ ލީޑަޝިޕް އެދިގެން ގައުމުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ދިން ވޯޓެއްކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. މި ޕެކެޖަކީވެސް ފެޑެރަލް ސަރުކާރަށް ކުރު މުއްދަތަކަށް ބޭނުންވާ ފައިސާ ދޫކުރުމުގެ ޕެކެޖެކެވެ. މުޅި ބަޖެޓްގެ މައްސަލަ އަދިވެސް އޮތީ ހައްލު ނުވެއެވެ.
މި ވަގުތީ ޕެކެޖްގެ ދަށުން ފެޑެރަލް ސަރުކާރަށް ބޭނުންވާ ފައިސާ ލިބޭނީ ޖަނަވަރީ މަހުގެ ނިޔަލަށެވެ. އޭގެކުރިން ފެޑެރަލް ބަޖެޓުގެ މައްސަލަ ހައްލުކޮށް ބަޖެޓް ފާސްކުރަން ޖެހޭނެއެވެ. ނޫނީ އަނެއްކާވެސް ޖެހޭނީ ފެޑެރަލް ސަރުކާރު ބަންދުކުރާށެވެ.