ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސުވެނިއާ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މި ޓިކެޓް ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤެވެ. ރައީސުލްޖުމްހޫރިއްޔާއަށް އެފްއޭއެމުން ވަނީ ހަނދާނީ ސުވެނިއާ ޕްލެޓިނަމް ޓިކެޓެއް ވެސް އަރުވާފައެވެ.

މެޗުގެ ޓިކެޓް ވިއްކާ އަގަކީ ސުވެނިއާ ޕްލެޓިނަމް ޓިކެޓެއް 1،000 ރުފިޔާއަށް، އަދި ސުވެނިއާ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސުވެނިއާ ޕްލެޓިނަމް ޓިކެޓު ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ޖުމްލަ 200 ސުވެނިއާ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.

މި މެޗުތަކުގެ ސުވެނިއާ ޓިކެޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްގީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްތީނު ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުންޏެވެ.

ފަލަސްތީން ޓީމުގެ މި ދަތުރުގައި އެކުވެރިކަމުގެ ޖުމްލަ ދެ މެޗު ކުޅެން ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު މިރޭ ކުޅޭއިރު، ދެވަނަ މެޗު ކުޅޭނީ ހޮނިހިރުގައެވެ.

މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނު ޓީމަށް ހަދިޔާ ކުރުމަށް ނިންމާފައިވާއިރު ފަލަސްތީނުގެ ޓީމުގެ ކަންކަން ބަލަހައްޓަން ހަތަރު އިދާރާއެއްގެ މަންދޫބުން ހިމެނޭ ޓާސްކުފޯހެއް ވަނީ އެކުލަވާލާފައެވެ. މި ޓާސްކުފޯހުގައި ހިމެނެނީ ސްޕޯޓްސް މިނިސްޓްރީގެ ހަ އޮފިޝަލުންނާއި، އެފްއޭއެމްގެ ހަތަރު އޮފިޝަލުންނާއި، ފުލުހުންގެ ފަސް އޮފިޝަލުންގެ އިތުރުން އެމްއެންޑީއެފްގެ އޮފިޝަލެކެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގައެވެ. ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ޚަރަދުތަކަށް 546،000 އެއްހާ ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.