22 Aug 2012, 10:35
އިސްތަންބޫލް (އޮގަސްޓް 22) : ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އިއްޔެ 246 މީހަކު މަރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކާބެހޭ ސޫރިޔާގެ އަމިއްލަ ޖަމާއަތަކުން ބުނެފި އެވެ.
"ސީރިޔަން ނެޓްވާކް ފޯ ހިޔުމަން ރައިޓްސް" ނަމަކަށް ކިޔާ މުސްތަޤިއްލު މިޖަމާއަތުން ބުނި ގޮތުގައި މީގެތެރެއިން ގިނަ މީހުން މަރުވެފައި ވަނީ މަޢްޟަމިއްޔާ، ދިރްޢާ، ދީރުއްޒޫރު އަދި ޙަލަބާއި އެރަށުގެ ރައްފުށުގެ ހިސާބުތަކުގަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ސޫރިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ބޮންއެޅުމުގެ ސަބަބުން މަރުވެފައިވާ މީހުންކަމަށާ އަދި ދިރްޢާގެ މައިދާންތަކުގައި އިއްޔެ 40 މީހަކު ދަންޖައްސައި މަރާފައިވާ ކަމަށް ވެސް މިޖަމާއަތުން ބުނެ އެވެ.
އަނެއްކޮޅުން ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ސޫރިޔާ ސިފައިންގެ އެތައްބަޔަކު މަރުވެފައިވާ ކަމަށް ވެސް މަންޒަރުދުށް މީހުންނާ ޙަވާލާދީ މިޖަމާއަތުން ބުނެފައިވެ އެވެ. ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމަ ދުވަހެއް ދުވަހަކަށް ވަރުގަދަވެ ލޭއޮހޮރުވުން ބޮޑުވަމުންދާ އިރު ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޤައުމު ދޫކޮށް އަވައްޓެރި ޤައުމުތަކަށް ހިޖްރަކުރާ ސޫރިޔާގެ ރެފިއުޖީންގެ ޢަދަދުވެސްދަނީ ގިނަވަމުންނެވެ.
ސޫރިޔާގެ އެތައް ހާސްބަޔަކު ކޮންމެ ދުވަހަކު އަވައްޓެރި ތުރުކީ، ޢިރާޤް އަދި އުރުދުންއަށް ހިޖްރަކުރަމުންދާއިރު ހޫނު މޫސުމުގެ ވަރުގަދަ ހޫނުގައި ހަނަފަސް ސަހަރާގެ ބިމުގައި ހިޔާވަހިކަމެއްނެތި މީގެތެރެއިން ގިނަ ބަޔަކު އުޅެންޖެހިފައި ވަނީ ވަރަށް ނިކަމެތި ވޭނެދެނިވި ޙާލަތެއްގައި ކަމަށް އދ. ން ބުނެ އެވެ. ވަގުތީ ހިޔާވަހިތަކުގައިތިބި ރެފިއުޖީންނަށް ކާބޯތަކެއްްޗާއި ފެނާއި ބޭސް އެކަށީގެންވާ ވަރަށް ނުލިބުމުގެ މައްސަލަވެސްވަނީ ކުރިމަތިވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސޫރިޔާގައި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ޔޫރަޕްގެ ޖަމާއަތެއްކަމަށްވާ "ޑޮކްޓާސް ވިތްއައުޓް ބޯޑާސް"ގެ ޑޮކްޓަރުން ވަނީ ޒަޚަމްވާމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ލިބޭނެ އަމާން ސަރަޙައްދުތަކެއް ނެތުމުން ފަރުވާދެވޭނެ ފުރްސަތުތައް ވަރަށް ކުޑަކަން ހާމަކޮށް ސޫރިޔާގައި ހަނގުރާމައިން ސަލާމަތްވެފައިވާ އަމާން ސަރަޙައްދުތަކެއް (ކޮރިޑޯތަކެއް) ޤާއިމް ކޮށްދިނުމަށް ސަރުކާރަށާއި އިދިކޮޅު ހަނގުރާމަވެރިންނަށް އިލްތިމާސްކޮށްފަ އެވެ. (އަލްޖަޒީރާ)