13 Nov 2025, 10:27
އެމެރިކާގެ އެންމެބޮޑު ޓެކް ކުންފުނި އެޕަލްއިން އައިފޯނަށް ޚާއްސަކޮށް ތަޢާރަފުކުރި އާ ކޭސްއެއް ކަމަށްވާ "އައިފޯން ޕޮކެޓް"އަށް ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކާއި މަލާމާތް އަމާޒުވެއްޖެއެވެ.
އެ އުފެއްދުމުގެ އަގު ބޮޑުކަމާއި، އާދައިގެ އިސްޓާކީނެއްގެ ބައްޓަމަށް ހުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެޕަލްއިން މި "އައިފޯން ޕޮކެޓް" ތަޢާރަފުކުރީ 219.95 ޕައުންޑް (ގާތްގަނޑަކަށް 270 ޑޮލަރު) އަށެވެ. މި އަގަކީ، އާދައިގެ މޯބައިލް ޑިވައިސްއެއް އުފުލުމަށް ޚާއްސަކޮށްފައިވާ އެއްޗަކަށް ބަލާއިރު މާ ބޮޑު އަގެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެކްސްގައި ބައެއް މީހުން ވަނީ މި އުފެއްދުމަށް މަލާމާތްކޮށް، "ކަފާލައިފައިވާ އިސްޓާކީނެއްގެ އަގު 230 ޑޮލަރަށް ވިއްކަނީ" ކަމަށް ސިފަކޮށްފައެވެ.
މަޝްހޫރު ޓެކް ޔޫޓިއުބަރު މާކުއެސް ބްރައުންލީ ބުނީ، މި އުފެއްދުމަކީ އެޕަލްގެ ފޭނުންނަށް ދިން "ލިޓްމަސް ޓެސްޓެއް" ކަމަށާއި، އެއީ އެޕަލްއިން ނެރޭ ކޮންމެ އެއްޗެއް ގަނެ ނުވަތަ ދިފާޢުކުރާނެ މީހުން ދެނެގަތުމަށް ބޭނުންކުރާ ޓެސްޓެއް ކަމަށެވެ.
މި އުފެއްދުމަށް ފާޑުކިޔުން އަމާޒުވި އެއް ސަބަބަކީ، އެއީ ހުޅުވާލެވިފައިވާ އެއްޗަކަށް ވުމާއި، ޒިބެއް ނުވަތަ އެ ނޫންވެސް ސެކިއުރިޓީއެއް ނެތުމެވެ. އައިފޯން ވަގަށް ނެގުން އާންމުވެފައިވާ މި ދުވަސްވަރު، މިފަދަ އެއްޗެއް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
ނަމަވެސް، އަނެއް ބަޔަކު ދަނީ މި އުފެއްދުމުގެ ދިފާޢުގައި ވާހަކަ ދައްކަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މި އުފެއްދުމުގެ އަގު ބޮޑުވަނީ، އެއީ ޖަޕާނުގެ ފެޝަން ލޭބަލް އިސީ މިޔާކޭއާ ގުޅިގެން ނެރުނު ކޮލެބޮރޭޝަނަކަށް ވާތީއެވެ.
ސޯޝަލް މީޑިއާ ކޮންސަލްޓެންޓް އަދި އެނަލިސްޓް މެޓް ނަވަރާ ބީބީސީއަށް ބުނި ގޮތުގައި، މި އުފެއްދުމަށް އެހާ ބޮޑު އަގެއް ނަގަނީ، އެ އުފެއްދުމުގެ ބޭނުންތެރިކަމަށް ވުރެ ބޮޑަށް، އައިފޯންގެ ބްރޭންޑިންގެ ވަރުގަދަކަން ދެއްކުމަށެވެ.
އޭނާ ބުނީ، އެފަދަ އަގުތަކަކީ ލަގްޒަރީ ފެޝަންގެ ދުނިޔޭގައި އާ ކަމެއް ނޫންކަމަށެވެ.