13 Nov 2025, 08:48
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ އަދި ނުހައްގުން އުފުލާފައިވާ ދައުވާއެއް ކަމަށް ވިދާޅުވެ، ނަތަންޔާހޫއަށް މައާފު ދިނުމަށް އެދިވަޑައިގެން އިސްރާއީލުގެ ރައީސް އިއްސާގް ހަރްޒޮގްއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިޓީއެއް ފޮނުއްވައިފައެވެ.
އެ ސިޓީގައި ވަނީ، ޣައްޒާގެ ވިހި ހާސް ކުޑަކުދިން ހިމެނޭ ގޮތަށް, ފަލަސްތީނުގެ 69،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ހަނގުރާމައިގައި ނަތަންޔާހޫގެ ލީޑާޝިޕަށް ތައުރީފުކޮށްފައެވެ.
އެ ހަނގުރާމައަކީ ނަސްލު ނައްތާލުމުގެ މަގުސަދުގައި އިސްރާއީލުން ކުރި ހަނގުރާމައެއް ކަމަށް ބުނެ އދ.އިން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
"ހަނގުރާމައިގެ ވަގުތުގައި ހިތްވަރުގަދަ އަދި ނަތީޖާ ނެރުނު ބޮޑުވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި އަދި މިހާރު އިސްރާއީލު ސުލްހައަށް ގެންދަވާ ބެންޖަމިން ނަތަންޔާހޫއަށް ފުރިހަމައަށް މައާފު ދިނުމަށް ގޮވާލަން،" ސިޓީގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.
ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަ ނިމުމަކަށް ގެނައުމަށް، މިދިޔަ މަހު އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.
ނަތަންޔާހޫ އާއި އަންހެނުން ސާރާގެ މައްޗަށް ވަނީ 260،000 ޑޮލަރުގެ އަގުހުރި ސާމާނު ސިޔާސީ މަންފާއަށް ބިލިއަނަރުންގެ އަތުން ހޯދާފައިވާ ކަމުގެ ތުހުމަތުކޮށްފައެވެ.
އިސްރާއީލުގެ ރައީސްގެ މަގާމަކީ ބޮޑަށް ރަމްޒީ މަގާމެއް ނަމަވެސް، މައާފު ދިނުމުގެ ބާރު ރައީސަށް އޮވެއެވެ. ނަމަވެސް ނަތަންޔާހޫގެ ޝަރީއަތް ކުރިއަށްދާއިރު، ހުކުމް ކުރަންދެން ހަރްޒޮގަށް މައާފެއް ނުދެއްވޭނެއެވެ.