ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި ސެމްސަންގް އިން އެ ކުންފުނީގެ ފުރަތަމަ ތިން ފަށަލައަށް ފަށް ޖަހައިލެވޭ ސްމާޓްފޯނު، 'ގެލެކްސީ ޒެޑް ޓްރައިފޯލްޑް'، އަންނަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ކޮރެއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި ފޯނަކީ ގިނަ އަދަދަކަށް ވިއްކުމަށް ވުރެ ބޮޑަށް، ފޯލްޑިން ޓެކްނޮލޮޖީގައި ސެމްސަންއަށް ލިބިފައިވާ ކުރިއެރުން ދައްކާލުމުގެ ގޮތުން ނެރޭ އުފެއްދުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފޯނު އިއުލާނުކުރުމުގެ ތައްޔާރީތައް ފަށާފައިވީ ނަމަވެސް، އަދި އޭގެ ޚާއްސަ ސިފަތަކާއި އަގާ ބެހޭ ގޮތުން ކުންފުނިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ ސެމްސަންގެ ތިންފަށަށް ފަށްޖެހޭ ފުރަތަމަ ފޯނު ---

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގެލެކްސީ ޒެޑް ޓްރައިފޯލްޑްގެ އެތެރޭގެ ޑިސްޕްލޭ ފުޅާކުރުމުން 10 އިންޗިއަށް ބޮޑުވާނެއެވެ. މިއީ ކުޑަ ޓެބްލެޓެއްގެ ސައިޒެވެ. އެއީ މިހާރުގެ ޒެޑް ފޯލްޑް 7ގެ އަށް އިންޗީގެ ޑިސްޕްލޭއަށްވުރެ ބޮޑު ސައިޒެކެވެ. ފޯނުގެ ބޭރު ޑިސްޕްލޭގެ ސައިޒަކީ 6.5 އިންޗި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ފޯނުގެ ފަރުމާގެ އެންމެ ޚާއްސަ އެއް ކަމަކީ އޭގެ ބޯމިނެވެ. ފުޅާކޮށްލުމުން ފޯނުގެ ބޯމިން 4.2 މިލިމީޓަރަށް ތުނިވާއިރު، ލައްޕާލައިފައި ހުންނަ އިރު ގާތްގަނޑަކަށް 14 މިލިމީޓަރު ހުންނާނެ ކަމަށް ވެއެވެ.

މި ބޮޑު ޑިސްޕްލޭއަށް ބާރު ދިނުމަށްޓަކައި، ޒެޑް ފޯލްޑް 7ގެ 4,400 މިލީއެމްޕަޔާ ބެޓެރީއާ ޚިލާފަށް، ޓްރައިފޯލްޑްގައި 5,600 މިލީއެމްޕަޔާގެ ބޮޑު ބެޓެރީއެއް ހިމަނާފައި ވެއެވެ.

މި ފޯނަކީ ޓެކްނޮލޮޖީ ދައްކާލުމަށް ނެރޭ އުފެއްދުމަކަށް ވާތީ، މީގެ އަގު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުގައި، ދެކުނު ކޮރެއާގައި މި ފޯނުގެ އަގު 4.4 މިލިއަން ވޮން ނުވަތަ ގާތްގަނޑަކަށް 3،200 ޑޮލަރަށް އަރާނެއެވެ. އަދި ފުރަތަމަ މަރުހަލާގައި ބާޒާރަށް ނެރެން ހަމަޖެހިފައި ވަނީ 20,000 އާއި 30,000 އާ ދެމެދުގެ ވަރަށް މަދު އަދަދެއްގެ ފޯނު ކަމަށް ރިޕޯޓްތައް ބުނެއެވެ.