ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ރަންރިހީގެ ސާމާނުތަކެއް ހޯދައި އެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އިން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ގަހަނާތަކަކާއި އިލެކްޓްރޯނިކްސް ސާމާނުތަކެއް ހޯދައި އެ މައްސަލާގައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މީހުންނަކީ 22 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.

ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ދާއޫދުއާ ހަވާލާދީ ފުލުހުންގެ ވެބް ސައިޓްގައި ބުނެފައި ވަނީ އެ އޮޕަރޭޝަންތަކަކީ 2012 އޮގަސްޓް 12 ވަނަ ދުވަހުގެ މ. ވައިކަރަދޫ ގޭގައި ހުންނަ އަތްކަންކުރާ ތަނަކުން ރަން ރިހި ހިމެނޭ ގޮތަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ގަހަނާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި މިދިޔަ ހޯމަ ދުވަހު ގ. ގްރީންގޭގައި ހުންނަ ވިލާ ޓެކްނޮލޮޖީ އޮފީހުން 12 ލެޕްޓޮޕާއި ފަސް އެކްސްޓާނަލް ހާޑް ޑިސްކް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށައެޅުނު މައްސަލައާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއް ކަމަށެވެ.

އެގޮތުން ޢުމުރުން 22 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މ. ވައިކަރަދޫ ގޭގައި ހުންނަ އަތްކަންކުރާ ތަނަކުން ކޮށްފައިވާ ވައްކަމާ ގުޅިގެން ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން މިދިޔަ ހަފްތާ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ގަހަނާތައް ވަނީ ފެނިފަ އެވެ. އަދި އޭގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 46 ރަބަރު ޕެކެޓް ވެސް އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 24 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގ. ގްރީންގޭގެ ހުންނަ ވިލާ ޓެކްނޮލޮޖީ އޮފީހުން 12 ލެޕްޓޮޕާއި ފަސް އެކްސްޓާނަލް ހާޑް ޑިސްކް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށައެޅުނު މައްސަލައާ ގުޅިގެން އިއްޔެ ޢާންމު ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި ބުނީ އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ އަތުން ވަގަށް ނަގާފައިވާ 12 ލެޕްޓޮޕް ގެ ތެރެއިން 10 ލެޕްޓޮޕާއި އަދި ވަގަށް ނަގާފައިވާ ފަސް ހާޑް ޑިސްކް ހޯދައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުންދާއިރު އަދި ޢުމުރުން 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން ފެނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 46 ރަބަރު ޕެކެޓްގެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.