ސަޢުދީ ޢަރަބިއްޔާގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފްގެ މައްޗަށް ބަންގްލަދޭޝްގެ އެމްޑީ ޖާވިދު އަދި ސައި މަރުމާ ކުރި ހޯދައިފިއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް މެޗުތައް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ.

ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރި މެޗު، ބަންގްލަދޭޝްގެ ޕެއާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ރާއްޖެ އަދި ބަންގްލަދޭޝްގެ ޕެއާއަށްވެސް ލީޑް ނެގޭ ގޮތެއް ނުވިއެވެ.

ވާދަވެރިކޮށް ގޮސް އެ ސެޓް ބަންގްލަދޭޝްގެ ޕެއާއިން ކާމިޔާބުކުރީ 14-12 އިންނެވެ.

މެޗުގެ ދެވަނަ ސެޓްގެ ވަރަށް ކުރީކޮޅުގައި މުންސިފްއާއި ރަފާ ލީޑްއެއް ނެގި ނަމަވެސް ބަންގްލަދޭޝްގެ ޖަވީދް އާއި މަރްމާވަމީ އެއްވަރުކޮށް، ފަހަތުން އަރައި ދެ ޕޮއިންޓްގެ ލީޑެއް ހޯދިއެވެ. އެއީ 6-3އިންނެވެ.

ލީޑު ލިބުމަށްފަހު ބަންގްލަދޭޝްގެ ޕެއާއިން ދިޔައީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ލީޑު ފުޅާކުރަމުންނެވެ. އަދި ރާއްޖެއަށް ގިނަ މިސްޓޭކްތަކެއް ހެދި، ބަންގްލަދޭޝްގެ ބައެއް ހަމަލާތަށް ހުއްޓުވުމުގައި އުނދަގޫތަކާ ކުރިމަތިވިއެވެ. މިއާއެކު ފަސޭހަކަމާއެކު ބަންގްލަދޭޝްގެ ޕެއާއިން މެޗުގެ ދެވަނަ ސެޓް ގެންދިޔައީ 11-5 އިންނެވެ.

އެ މެޗުގެ ތިންވަނަ ސެޓް ދިޔައީ ވަރަށް އެއްވަރުކޮށެވެ. ނަމަވެސް ސެޓްގެ ކުރީކޮޅުގައި ލީޑްގައި އޮވެގެން ކުޅެމުންދިޔައީ ބަންގްލަދޭޝްއިންނެވެ. މި ސެޓްގައި ވެސް ބަންގްލަދޭޝްގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ރަފާއާއި މުންސިފަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

ސެޓުގެ މެދަކާ ހަމައަށް ދިޔައިރު ބަންގްލަދޭޝްގެ ޕެއާއިން ލީޑް ކުރަމުންދިޔައެވެ. އެއީ 9-8 އިންނެވެ. ލީޑްގައި އޮވެ، ކުޅެ، ބަންގްލަދޭޝްގެ ޕެއާއިން މި ސެޓު ކާމިޔާބުކުރީ 11-8 އިންނެވެ.