ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފިއެވެ.

ފަލަސްޠީނުގެ ޒުވާން ގައުމީ ޓީމުން ފަރިތަކުރުންތައް ބާއްވާފައިވަނީ އިއްޔެ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މި ފަރިތަކުރުންތަކުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ފަލަސްތީނުގެ ޒުވާން ޓީމުން ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ފަލަސްތީން ޓީމުގެ މި ދަތުރުގައި އެކުވެރިކަމުގެ ޖުމްލަ ދެ މެޗު ކުޅެން ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު މާދަމާ ކުޅޭއިރު، ދެވަނަ މެޗު ކުޅޭނީ ހޮނިހިރުގައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއާއި، ފަލަސްޠީނު ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓު ވިއްކުމަށްވެސް އެފްއޭއެމުން މިހާރުވަނީ ނިންމާފައެވެ.

ފަލަސްތީނުގެ ޒުވާން ޓީމުން ގަލޮޅު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްޠީނު ޓީމަށް ހަދިޔާ ކުރުމަށް ނިންމައިފައިވާއިރު ސްވެނިއާ ޕްލެޓިނަމް ޓިކެޓެއް ވިއްކާ އަގަކީ 1000 ރުފިޔާއެވެ. މިއީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. އަދި 200 ސުވެނިއާ ގޯލްޑް ޓިކެޓްވެސް ވިއްކުމަށް ހަމަޖެހިފައިވާއިރު މި ޓިކެޓުގެ އަގަކީ 500 ރުފިޔާއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ޓީމުގެ ކަންކަން ބަލަހައްޓަން ހަތަރު އިދާރާއެއްގެ މަންދޫބުން ހިމެނޭ ޓާސްކުފޯހެއް ވަނީ އެކުލަވާލާފައެވެ.

މި ޓާސްކުފޯހުގައި ހިމެނެނީ ސްޕޯޓްސް މިނިސްޓްރީގެ ހަ އޮފިޝަލުންނާއި އެފްއޭއެމްގެ ހަތަރު އޮފިޝަލުންނާއި ފުލުހުންގެ ފަސް އޮފިޝަލުންގެ އިތުރުން އެމްއެންޑީއެފްގެ އޮފިޝަލެކެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގައެވެ. ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ޚަރަދުތަކަށް 546،000 އެއްހާ ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.