ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ހުރިހާ ރަށެއްގައި ވެސް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގިނަ މަޝްރޫއުތައް ނިންމުމަށް ސަރުކާރު އިސްކަންދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޖުމްލަކޮށް މި އަހަރު ނިމުނު ކަންކަމާއި، ސޮއި ކުރެވުނު މަޝްރޫއުތަކާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ވެގެން ދާނީ ރިޔާސީ އިންތިޚާބު ތެރޭގައި ރައްޔިތުން އެމަނިކުފާނުގެ ގާތުގައި ދެންނެވި ކަންކަން ފުރިހަމަ ވެގެން ދާނެ މަޝްރޫއުތަކަކަށް ކަމަށެވެ.

"އެއީ މިސްކިތް މަޝްރޫއު ކަމުގައިވިޔަސް، އަދި އެހެނިހެން މަޝްރޫއުތައް ކަމުގައިވިޔަސް، އެ [މަޝްރޫއުތައް] ކަންކަން ފުރިހަމަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގުޅީ ރައްޔިތުންނާ މުޚާތަބުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ކުރިއަށްދާނެ ކަމަށާއި އެއީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ކަންކަން ކޮށްދޭނީ ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ފަހިނުވާ ގޮތެއް އެއީ ސަރުކާރަށް މަސްލަހަތު އޮތް ގޮތެއް ނޫން. މިއީ ރައްޔިތުންގެ ސަރުކާރެއް. ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދޭނީ ގާނޫނާ ގަވާއިދުގެ ތެރެއިން. ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން މައްސަލަ ނިމުމަކަށް ގެނެސްގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް މިހާރު ކަންކަން ހިނގަމުންދާތަން ފެންނާނެ ކަމަށެވެ. އަދި އެ މަޝްރޫއުތައް އަވަހަށް ނިމި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އަވަސްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކ. ގުޅީގައި ހިއްކާފައިވާ ބިން -- ފޮޓޯ/ ރައީސް އޮފީސް

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލާފައި މިވަނީ ހަތް މަސް ދުވަހުގެ ތެރޭގައެވެ. އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެއާއެކު އެ ރަށުގެ ބިން މިވަނީ ދެ ގުނައަށް އިތުރުވެފައެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓު ޖަހައި، 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވެސް ވަނީ ޖަހައިފައެވެ.

މިއަދު ގުޅީގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެކޭ އެއްފަދައިން އެ މަޝްރޫއު ވެސް ވީހާވެސް ކުރު މުއްދަތެއްގައި ނިންމުމެވެ.