އިއްޔެ އާއި ރެއާއި މިއަދު ވެސް މި އުޅެނީ ފޯން ކޯލްތަކަކުން ސަލާމަތް ނުވެގެންނެވެ. ދައުލަތުގެ އެކިއެކި އިދާރާތަކުގައި ޚިދުމަތް ކުރައްވާ އެތައް ބަޔަކު ޝަކުވާއަކައިގެން ގުޅާވަރުންނެވެ. އެންމެ ކޮރަޕްޓް މީހުން, ނުވަތަ ވަގުންގެ ތެރޭގައި އެ ފަންތީގެ މީހުން ގިނަ ކަމަށް ގައުމުގެ އެންމެ މަތިން އިއުލާން ކުރީ ކަމަށް އެ މީހުން ކަންބޮޑުވުމާއެކު ބުނަނީއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، ކޮރަޕްޝަން އެންމެ ގިނައީ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި ކަމަށެވެ.

ރައީސްގެ އެ ވާހަކައާއެކު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ޖެހުނެވެ. އަނެއް ބަޔަކަށް އެކަންވީ ބޮޑު ޖޯކަކަށެވެ. ދެން ތިބި ބަޔަކު ދެކެނީ އެއީ ޒިންމާއިން ރެކިވަޑައިގަންނަވަން ދެއްކެވި ބަހަނާއެއްގެ ގޮތުގައެވެ. ސުވާލަކީ ހަގީގަތަކީ ކޮބާތޯއެވެ؟

އަބަދުވެސް ކަމެއްގައި ގޮތެއް ނިންމަން ވާނީ ކަންކަން ހިނގާފައިވާ ގޮތާމެދު ވިސްނައި ބަލައިފައެވެ. އެފަދަ ބައެއް ބޮޑެތި ކޮރަޕްޝަންތަކަށް ބަލާލަމާތޯއެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ޚިޔާނާތުގެ މައްސަލަ ހިނގިއިރު އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު އެއް ވައްކަމެވެ. އެ ތުހުމަތު ކުރެވެނީ އޭރުގެ ރައީސް މައުމޫންގެ ޅިޔަނަކަށެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބައެއް ފަޅުފަޅު ހިއްކުމަށާއި ފެރީގެ ޚިދުމަތް ފެށުމަށާއި ޖީއެމްއާރަށް އެއާޕޯޓް ދިންއިރު ތުހުމަތުތައް ކުރެވުނީ އެ ސަރުކާރުގެ ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންނަށެވެ.

އާދަޔާ ޚިލާފަށް ކޮރަޕްޝަންގެ މައްސަލަތައް ގިނަ، ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަޙްމަދު އަދީބު އިސްކޮށް ހުންނަވައި އެކަންކަން ކުރެއްވި ކަމަށް ތުހުމަތު ކުރެވޭއިރު, އެ މަޅީގައި ނުޖެހޭ މަތީ ފަންތީގެ މީހަކު މަދުކަމުގެ ހެއްކަކީ އަދީބުގެ ފޯނުން އެ ލީކްވި މެސެޖުތަކެވެ. މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި ވަޒީރުން ވެސް ހަމަ ފައިސާއަށް އެދި "ބްރޯ, ބްރޯ" ކިޔަކިޔައި ތިބީއެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އަނބުރާ ހޯއްދަވައި ދެއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ގޮތެއް ފޮތެއް ނެތެވެ. ފެނަކައާއި އާރްޑީސީއާއި ހެލްތު މިނިސްޓްރީގެ އިތުރުން އެތަކެއް މުއައްސަސާއެއްގެ މައްސަލަ ފެންމަތިވިއެވެ. ބިޑެއް, އުސޫލެއް ނެތި ހިތުހުރި ގޮތަކަށް ފައިސާ ބޭނުންކޮށްގެން ހޯދުނު ތަނަވަސްކަމެއް ހޯދައި ނެގީއެވެ. އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވަތް ބައެއް މެންބަރުން ފަސް އަހަރުގެ ދައުރެއް ނިންމާލާފައި އެ ދިޔައީ މިއޮތް އަގު ބޮޑު މާލެއިން ބިން ގަނެލައިގެންނެވެ. އަދި ގާތް މީހުންނަށް މާލެ ސަރަހައްދުން ބިން ބެހުމުގެ އިތުރުން އެ ސަރުކާރުން އެޅި ފްލެޓްތައް ވެސް ހަމަ ބަހައި ނެގީއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހެލްތު މިނިސްޓަރު އަހުމަދު ނާޒިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: -- ފޮޓޯ/ ރައީސް އޮފީސް

ރައީސް މުއިއްޒުގެ މި ވެރިކަމަށް ބެލިނަމަވެސް އެފަދަ އެތައް ތުހުމަތެކެވެ. އެޗްޑީސީ އާއި މޯލްޑިވް ގޭސްގެ ތެރެއިން އެ ހިންގި ކަންކަމަކީ އޭގެ މިސާލެކެވެ. ފެނަކައަށް ވެސް ކުރެވޭ ތުހުމަތު މަދެއް ނޫނެވެ. އެ ހުރިހާ ކަމެއް އެހެން އޮއްވައި ދެ ބިލިއަން ރުފިޔާއަށް ވުރެން ގިނަ ރުފިޔާގެ މަސައްކަތް އިހަށް ދުވަހަކު އެ ބަހާލީ ހަމަ ހިތުހުރި ބަޔަކަށެވެ. ބިޑަށް ލުމެއް, ވާދަވެރި މާހައުލަކުން ފުރުސަތު ދިނުމެއް ނެތެވެ. ބޭނުން މީހަކަށް, ބޭނުން އަގެއް ޖަހައިފައި ޕްރޮޖެކްޓްތައް ދިނީއެވެ. އެހެން ދިންއިރު ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކުންފުނިތައް ވެސް އޭގެ ތެރޭގައި ގިނައެވެ.

މިހެން ގޮސް ކުރިއާ މިހާރަށް ބެލިނަމަވެސް ހަގީގަތުގައި އެންމެ ބޮޑެތި ވައްކަންތައް ކުރަމުން އަންނަނީ އިސްވެރިންނެވެ. ކުއްލިއަކަށް އެ މީހުން ހޯދައިފައި ހުރި ނުހައްގު މުއްސަނދިކަންތަކަކީ އޭގެ ހެއްކެވެ. އެންމެ އާދައިގެ މުވައްޒަފުންނާއި މެދުފަންތީގެ މުވައްޒަފުން އެ ކުށް ނުކުރާ ވާހަކައެއް ނޫނެވެ. އެކަމަކު އެ މީހުންނަށް ވުރެން ބޮޑަށް މި ކުށް ކުރަނީ ވެސް އަދި އެ ވަގު ފައިސާ ނަގަނީ ވެސް އިސް މަގާމުތަކުގައި ތިބި މީހުންނެވެ.

"ބައެއް ފަހަރު ދަށް މަގާމުތަކުގައި ތިބޭ މީހުން ލައްވައި އެކި ޒާތު ކަންކަން ކޮށްފައި އެކަން ފަޅާއެރީމައި މި ގުރުބާން ކޮށްލަނީ އެއްކަލަ މުވައްޒަފު. އެންމެ މަތިން އިރުޝާދު ނައިސް އެކަމެއް ނުކުރެވޭނެ. މިފަދަ އެތައް ކަމެއް ވެސް އެބަ ހިންގާ. އެކަމަކު އަސްލު ވަގުންނަކީ ހަމަ އިސް ވެރިން," ތަހުގީގީ އިދާރާއެއްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އެކި ލެވަލްގައި ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ރައީސް އެ ހާމަ ކުރެއްވި ކަންކަމަކީ ހަގީގަތެއް ނޫނެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ހެދި އެއްވެސް ދިރާސާއަކުން ވެސް އެކަން ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ހަގީގަތެއް ނޫން. އެއީ ބެލެނިވެރިއަކު މިހާރުގެ ކުދިން ވަރަށް ގޯހޭ. ބަހެއް ނާހައޭ ބުނުން ކަހަލަ ކަމެއް. ޒިންމާ ނަގަން ޖެހޭ މީހުން، ނިޒާމުގެ ސައްހަކަން ކަށަވަރު ކުރަން ތިބި މީހުން މިހެން ވިދާޅުވީމައި ވަރަށް ގޯސް. މިއީ ޒިންމާއިން ރެކުން.'' އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާއަކީ ކަންކަން ރަނގަޅަށް ހިންގުމުގެ ޒިންމާ އެންމެ ބޮޑަށް ނަންގަވަން ޖެހޭ ބޭފުޅާ ކަމަށްވާއިރު، ތިމަން މަނިކުފާނުމެންގެ ފެންވަރުގައި ކޮރަޕްޝަން މަދޭ، އެކަން ކުރަނީ ދަށް ފަންތިންނޭ ބުނުމަކީ, ޒިންމާ އަދާނުކޮށް އެކަން އެހެން މީހެއްގެ ބޮލަށް ޖެހުމެވެ.

"މިކަމުން ފަހުމު ވަނީ ރައީސްގެ ނެތްކަން ނިޒާމީ މިންވަރެއްގެ ވިސްނުމެއް. މި ފަހުން ވެސް ބިޑަށް ނުލައި ދެ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެ ބަހާލީ. އެކަމަކު އެ ވިދާޅުވަނީ ކޮރަޕްޝަން އޮތީ ދަށް ފަންތީގައޭ. މި ވާހަކަ ދިމާ ނުވޭ," އޭނާ ވިދާޅުވިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން 2013 ވަނަ އަހަރު ހެދި, ގްލޯބަލް ކޮރަޕްޝަން ބެރޮމޯޓާ (ޖީސީބީ) ސާވޭއިން ދައްކާގޮތުގައި ރާއްޖޭގައި އެންމެ ކޮރަޕްޓް މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކާއި ޝަރުއީ ދާއިރާ ކަމަށް ގިނަ ރައްޔިތުން ދެކެއެވެ. އެފަހަރު ޖީސީބީގައި ފާހަގަކޮށްލެވޭ ކަމަކީ އެންމެ ކޮރަޕްޓް މުއައްސަސާތަކުގެ ލިސްޓުން އަސްކަރިއްޔާ އަދި ދީނީ ޖަމާއަތްތައް ޖާގަ ހޯދާފައިވާ ކަމެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޖީސީބީގައި ކޮރަޕްޓް މުއައްސަސާތަކުގެ ތެރޭގައި އަސްކަރިއްޔާ އަދި ދީނީ ޖަމާއަތްތައް ހިމެނިފައެއް ނުވެއެވެ. ނަމަވެސް 2013ގެ ދިރާސާގައި އަސްކަރިއްޔާ އުޅެނީ މި ލިސްޓުގެ ހަތަރު ވަނައިގައި ފުލުހުންނާ އެއް ދަރަޖައެއްގައެވެ. ތިރީސް ހަތަރު ޕަސަންޓް މީހުން ގަބޫލުކުރާ ގޮތުގައި އަސްކަރިއްޔާ އަދި ފުލުހުންގެ މުއައްސަސާ ވަނީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައެވެ. ދީނީ ޖަމިއްޔާ ޖަމާއަތްތައް އުޅެނީ ލިސްޓުގެ އަށް ވަނައިގައެވެ. ދީނީ ޖަމިއްޔާ ޖަމާއަތްތައް ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ކަމަށް 21 ޕަސަންޓް މީހުން ގަބޫލުކުރެއެވެ.

އެ ދިރާސާގެ ތަފުސީލު ދެއްވަމުން އޭރު ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކެސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގެ ޖީސީބީ ސާވޭއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެންމެ ކޮރަޕްޓް މުއައްސަސާތަކަކީ ޑިމޮކްރަޓިކް މުޖުތަމައަކަށް އެންމެ ބޭނުންވާ މުއައްސަސާތައް ކަމުގައި ވުން ކަމަށެވެ.

އައިމަން ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކުގައި އެންމެ ކޮރަޕްޓް ކަމަށް މީހުން ގަބޫލުކުރަނީ ޔުޓިލިޓީ ކުންފުނިތައް ފަދަ ޚިދުމަތް ދެވޭ އިދާރާތައް ކަމަށެވެ.

ނަން ނުޖަހާ ގޮތަށް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ދަށްފަންތީގައި ކޮރަޕްޝަން ބޮޑުނަމަ ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ނޯންނާނީ ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ ތަންތަނަށެވެ. ނަމަވެސް ރާއްޖޭގައި އެންމެ މުހިންމު ބާރުތަކަށް އެ އިތުބާރު ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިސް އެކިއެކި ނާޖާއިޒު ފައިދާ ނަގައިގެން ހޯދާ ފައިސާ އާންމު ގޮތެއްގައި ބަހާނީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން އެއް ބަޔަކީ އޭރަކު ވެރިއަކަށް ހުންނަ މީހާއަށް ދޭ ބައެވެ. އަނެއް ބަޔަކީ ވެރިކަމުގައި އޮންނަ ޕާޓީ ހިންގަން ދޭ ބައެވެ. ތިންވަނަ ބަޔަކީ ވައްކަން ކުރާ މީހާ ނަގާ އޭނާގެ ބައެވެ.

"މި ބައި އެޅުމުގައި ޖެހޭ މައްސަލައިގައި މަގާމުން ވަކިކޮށް އެ ކަހަލަ ކަންކަން ހިނގަނީ. ސީދާ މި ތިން ބަޔަކަށް ބައި އަޅައިގެން މި ވައްކަންތައް ކުރަނީ," ފާޅުގައި މިފަދަ ކަންކަން ހާމަކުރައްވައި އުމަރު ވިދާޅުވިއެވެ.

މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅަކު ޚިޔާތާނުގެ އެ ކުޅި ކުޅޭގޮތް ކިޔައިދެއްވަމުން ވިދާޅުވީ، ރައީސުންނާއި ވެރިކަން ކުރާ ޕާޓީތަކުގެ އިސްވެރިން ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ގުޅައި ފައިސާ ފޮނުވަން އެދުމަކީ އާންމު ކަމެއް ކަމަށެވެ. އެހެންކަމުން މަގާމުގައި ހުރުމުގެ ބޭނުމަށް ކުންފުނިތަކުގެ އެ ވެރިން ފައިސާ ފޮނުވާނެ ކަމަށާއި އެ ފޮނުވާ ފައިސާ އޭނާ ހޯދާނީ އެ ކުންފުނީގެ ތެރެއިން ނާޖާއިޒުކޮށް ކަންކަން ހިންގައިގެން ކަމަށް އޭނާ ކިޔައިދެއްވިއެވެ.

އުމަރު ވިދާޅުވީ ވެރިން, ކޮރަޕްޝަންގެ މައްސަލަތައް ނޭނގޭ ކަމަށް ވިދާޅުވުމަކީ ހަައްދަވާ އިތުރުފުޅެއް ކަމަށާއި ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްއިން ބަރާބަރަށް ވެރިންނަށް އެ މައުލޫމާތުތައް ފޯރުކޮށްދޭ ކަމަށެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އާންމުކޮށްފައިވާ 2024ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އިން ދައްކާގޮތުގައި ދިވެހިރާއްޖެ ވަނީ އެއް ޕޮއިންޓުން ދަށަށް ވެއްޓިފައި، އެއީ 39 ޕޮއިންޓުން 38 ޕޮއިންޓަށްށެވެ. އަދި ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ދިވެހިރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި ދިވެހިރާއްޖޭގެ ސްކޯއާއި ރޭންކްއިން ހާމަވެގެންދަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި މާބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމެވެ. މި ސްކޯއިން ފާހަގަކުރެވެނީ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާ ސިޔާސީ އަދި ދައުލަތުގެ އިސް މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ކުރަންޖެހޭ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި އަދި ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރަން ޖެހޭކަން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ޤައުމުގައި ނިޒާމީގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ދައުލަތުގެ އެންމެ މަތީ ފަންތީގައި އަށަގަނެފައިވާއިރު، މަސްލަހަތު ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުން ވަގަށްނަގާފައިވާ މުދާ އަދި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ކުރެވޭ މަސައްކަތަށް ބޮޑެތި ރިފޯމްތަކެއް ގެންނަން ޖެހިފައިވާކަން އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވެސް ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ކޮރަޕްޝަން ބޮޑީ މަތީ ފަންތީގެ ސިޔާސީ މީހުންގެ ތެރޭގައެވެ. އެގޮތުން، އެންމެ ދަށް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ކޮރަޕްޝަން ހިންގަން ފަސޭހައެއް ނުވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"މަތީ ފަޑީގައި ތިބި ވަގުން ދައުލަތް ލޫޓުވަނީ ފާޑުފާޑުގެ ސްކީމްތަކާއި ސިޔާސަތުތައް އެކުލަވާލައިގެން މިލިއަނުން، ބިލިއަނުން،" ނިޔާޒް ވިދާޅުވިއެވެ.

ރައީސްގެ ވާހަކައަށް އިޝާރާތްކުރައްވައި، ނިޔާޒް ވިދާޅުވީ، އެންމެ "ނިކަމެތި" މުވައްޒަފުން ބަދުނާމު ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.

މި ރާއްޖޭގައި އަދި ހަމަ ގައިމުވެސް ޓްރެފިކް ފުލުހަކު ހިފެހެއްޓުމުން ފައިސާ ދީފައި ފިލައިގެން ދެވުނު އަޑެއް ނީވެއެވެ. އެކަމަކު ފުލުހުންނާއި ސިފައިންގެ ވެސް އިސްވެރިންގެ ތެރޭގައި އެކިއެކި ކޮރަޕްޝަން އޮންނަ ވާހަކަ ވަރަށް އަޑުގަދައެވެ. ސިފްކޯ އާއި ޕޮލްކޯ އަކީ އޭގެ ދެ މިސާލެވެ. އަދި ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި އަޅާފައިވާ އެ ފްލެޓްތަކަކީ ވެސް އޭގެ މިސާލެކެވެ.

އަނެއް މީހާ ކުށްވެރި ކޮށްލާފައި ތިމާމެން ސަލާމަތް ވުމަކީ ފަސޭހަ ގޮތެކެވެ. އެކަމަކު އެއީ އެކަން އޮންނަން ވާނެ ޒިންމާދާރު ގޮތެއް ނޫނެވެ. އެހެންކަމުން ވައްކަމާއި ކޮރަޕްޝަން ހިންގަނީ ދަށުންނޭ, ތިމަންމެނެއް ނޫނޭ ވިދާޅުވެ ފުއްދާލުމަކީ ގޮތެއް ނޫނެވެ. އަސްލު ވަގުން ގިނައީ ވެސް އަދި ވައްކަން ގިނައިން ކުރަނީ ވެސް މަތީ ފަޑިންނެވެ.