12 Nov 2025, 15:38
ބޮގޮޓާ (12 ނޮވެންބަރު 2025): މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ނަމުގައި ކެރީބިޔަން ކަނޑުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާއާއެކު ޖާސޫސީ މައުލޫމާތު ބަދަލުކުރުމުގެ ކަންތައް ހުއްޓާލުމަށް ކޮލަންބިޔާ ނިންމައިފިއެވެ.
ކޮލަންބިޔާގެ ރައީސް ގޮސްތާވޫ ބިތްރޫ އެކްސްގައި ކުރެއްވި ވިދާޅުވީ ޖާސޫސީ ހުރިހާ ކަމެއްގައި އެމެރިކާއަށް ދެމުންއައި އެއްބާރުލުމާއި އެމެރިކާއާއެކު ޖާސޫސީ މައުލޫމާތު ބަދަލުކުރުން ކޮލަންބިއާ އިން މިހާރު ހުއްޓާލާފައިވާ ކަމުގައެވެ. މިއީ ކެރީބިޔަން ކަނޑުގައި އަސްކަރީ ހަރަކާތްތައް ހިންގައި ކަނޑުފޭރުމާއި ގައުމުތަކަށް ބިރުދައްކައި ބުލީކުރުމުގެ ކަންތައް އެމެިރކާ ކުރިޔަށްގެންދާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ނިންމި ނިންމެއްކަންވެސް ކޮލަންބިއާގެ ރައީސް ވިދާޅުވެފައިވެއެވެ.
ކޮލަންބިއާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އެމެރިކާއާއެކު ޖާސޫސީ މައުލޫމާތު ބަދަލުކުރުން ހުއްޓާލަންޖެހުނީ މަސްތުވާ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ނަމުގައި ކެރީބިޔަން ކަނޑުގައި އެމެރިކާ ގައުމުތަކަށް ބިރުދައްކައި ބުލީކޮށް އަދި ގާނޫނުން ބޭރުގައި މީހުން މެރުމުގެ އެމެރިކާ ޖަރީމާތައް ހިންގަމުން ގެންދާތީ އެވެ،
ނަންހާމަ ކުރަންނޭދޭ ކޮލަންބިއާގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އިއްޔެއިން ފެށިގެން އެމެރިކާއަށް ޖާސޫސީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށާއި އެމެރިކާގެ އަމަނާބެހޭ އެއްވެސް އިދާރާއަކާ ކޮލަންބިޔާ ސަރުކާރުގެ އެއްވެސް އިދާރާއަކުން މުއާމަލާތް ނުކުރުމަށް ރައީސް ގޮސްތާވޫ ބިތްރޫ ވަނީ ކޮލަންބިއާގެ ހުރިހާ ޖާސޫސީ އިދާރާތަކަށް ލިޔުމުން އަންގަވާފައެވެ.
ކެރީބިޔަން ކަނޑުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކާއި އެ ސަރަހައްދުގެ ގައުމުތަކަށް ބުލީކޮށް ބިރުދެއްކުމަށް އެމެރިކާ ހިންގާ އަމަލުތަކާއި ހަރަކާތްތައް ހުއްޓާލުމުން ނޫނީ ދެން ޖާސޫސީ ދާއިރާގައި ކޮލަންބިއާގެ އެއްބާރުލުން އެމެރިކާއަށް ނުލިބޭނެކަމަށް ކޮލަންބިއާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
މަސްތުވާ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ނަމުގައި އެމެރިކާ ގެންދަނީ ކެރީބިޔަންކަނޑަށް އަސްކަރީ ބިޔަ މަނަވަރުތަކާއި މަތިންދާ ބޯޓު އުފުލާ އެއާކްރާފްޓް ކެރިއާއެއްވެސް ޖަމާކޮށް އެސަރައްދުން ދަތުރުކުރާ ކުދި ބޯޓުތަކަށް ހަމަލާދީ މީހުން މެރުމާއި ކަނޑުފޭރުމުގެ އަމަލުތަކެއް ހިންގަމުންނެވެ.
މިފަދަ ކުދި ބޯޓުތަކަށް ބަޑިޖަހައި އޭގައި މީހުން މަރައި އެމީހުންގެ ހަށިތަކާއި ބޯޓުތައް ކަނޑަށް ފައްތައި ކަނޑުފޭރުމުގެ އަމަލުތައް ހިންގުމަށްފަހު މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނަގުރާމަކަމަށް އެމެރިކާ ބުނަމުން ގެންދެއެވެ. ނަމަވެސް ފައްތާލާ ބޯޓުތަކާއި މަރާ މިހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައްކަން އެމެރިކާއަށް ސާބިތު ކޮށްދެވިފައެއް ނުވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ވެސް މަރައި އެ މީހުން ކަނޑުފައްތަން ޖެހޭނީ އެމީހުން ހައްޔަރުކޮށް އެމީހުންގެ މައްސަލަ ބަލައި ތަހްގީގުކޮށް މައްސަލަ ކޯޓުން ބަލައި ހުކުމް ކުރުމަށްފަހުގައިކަން އދ. ން ވެސް ފާހަގަ ކުރެއެވެ. ނަމަވެސް އެމެރިކާ ކެރީބިޔަން ސަރަހައްދުގައި ކުރާ ކަމަކީ ޖެހުނުތަނަކުން މީހުން މެރުމެވެ. ދެން މަސްތުވާ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ނަމުގައި ވެނެޒުއެލާ ފަދަ އެމެރިކާއާ ސިޔާސީ ގޮތުން ދެބަސްވާ ގައުމުތަކަށް އަސްކަރީ ގޮތުން ބިރުދެއްކުމެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވެނެޒުއެލާއަށް އަސްކަރީ ގޮތުން އަރައިގަނެ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ބަދަލުކުރަން ޖެހިދާނެކަމުގެ އިންޒާރު ތަންކޮޅެއް ކުރިން ދެއްވާފައެވެ. ނަަމަވެސް ފަހުންވަނީ އެކަން ކުރުމުގެ ރޭވުމެއް ނެތްކަަަމަށް ވިދާޅުވެފައެވެ. ޓްރަމްޕްގެ އިންޒާރާ ގުޅިގެން ވެނެޒުއެލާ ވަނީ އަމިއްލަ ގައުމު ދިފާއުގައި ތެދުވާނެކަމަށް ބުނެފައެވެ.
ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ބިރުދެއްކުންތަކާ ގުޅިގެން ރަޝިއާ އާއި ޗައިނާ ވަނީ ވެނެޒުއެލާ އަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރު ވައިގެ މަގުން ދާދިފަހުން ފޯރުކޮށްދީފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޖާސޫސީ މައުލޫމާތު އެމެރިކާއަށް ފޯރުކޮށްދިނުން ހުއްޓާލުމަށް ކޮލަންބިއާ އިން ނިންމި ނިންމުމަކީ އެއްގަމު މަގުން (މެކްސިކޯ މަގުން) އެމެރިކާއަށް މަސްތުވާތަކެތި ސްމަގްލިން ކުރުން ހުއްޓުވުމުގައި އެމެރިކާއަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހޭނެކަމެކެވެ. މިއީ އެމެރިކާއަށް ފޫބައްދަން ދަތި ގެއްލުމަކަށް ވެގެންދާނެކަމެއް ވެސް މެއެވެ. އެއީ ކޮލަންބިއާގެ ޑްރަގް ކާޓެލް ތަކަކީ އެމެރިކާއަށް މަސްތުވާ ތަކެތި އެތެރެކުރުމުގެ މުގުލުގައި ތިބި ފަރާތްތައް ކަމުގައިވާތީއެވެ.