ވެރިކަން ބަދަލުވުމާއި ގުޅިގެން މި ދިޔަ ފެބްރުއަރީ މަހު ގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި އާއި މާލެގައި ހިނގަދިޔަ ހަމަ ނުޖެހުންތަކުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެޗްއާރުސީއެމް ބުނެފި އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު މާލެ އާއި އައްޑޫގައި އިންސާނީ ހައްގުތަކާއި ހިލާފަށް ކޮށްފައިވާ އަމަލުތައް ތަހުގީގުކުރުމަށް ފަހު އެޗްއާރުސީއެމުން މިއަދު އާންމުކުރި ރިޕޯޓުގައި ފެބްރުއަރީ އަށް ވަނަ ދުވަހު މާލެ އެމްއެމްއޭ ކައިރިއަށް އެއްވި މީހުންނާ މެދު އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮފައިވާ ކަމަށާއި އަދި އޭގެ ސަބަބަބުން އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެފައިވެ އެވެ.

"އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން އެމްއެމްއޭ ސަރަހައްދު ކައިރިއަށް އެއްވުމުން، އެއްވުން ރުޅާލުމުގައި ގާނޫނު އަސާސީއާ ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި ރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ ހިލާފަށް ހާލަތާއި އެކަށީގެންނުވާ ބާރު ފުލުހުން ބޭނުން ކުރުމުގެ ސަބަބުން އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލިފައިވާކަން މި ކޮމިޝަނަށް ފާހަގަ ކުރެވެ އެވެ." އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްއޭ ސަރަހައްދަށް އެއްވި މީހުނަށް އެ ސަރަހައްދުން ދިއުމަށް ފުރުސަތު ދީފައިނުވާ ކަމާއި އެއްވި މީހުންނާ މެދު ބާރުގެ ބޭނުންކޮށްފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައިކަން، އެކޮމިޝަނުގެ ތަހްގީގަށް އެނގޭ ކަމަށެވެ.

ސިޔާސީ ބައެއް މީހުން ފޮނުވާލުމުގައި ވެސް އެފަދަ މީހުން ގަދަކަން ދައްކާފައިނުވާ އިރު ވެސް އެމީހުންނާ މެދު ފުލުހުންގެ އަމަލުތައް ހުރީ "ވަރަށް ހަރުކަށިކަމާއި އަދި ޖިސްމާނީ ގޮތުނާއި ނަފްސާނީ ގޮތުން އަނިޔާ ލިބޭ ގޮތަކަށް" ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.

"އެމްއެމްއޭ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭ ބައެއް އަންހެހުން ހައްޔަރު ކުރުމުގައި ގިނަ އަދަދެދެއްގެ ފިރިހެން ފުލުހުން ހަރަކާތްތެރިވެ، އެމީހުނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބޭ ފަދަ ގޮތަކަށް އަދި އަންހެނުންގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފައިވާކަން ކޮމިޝަނަށް ފާހަގަ ކުރެވެ އެވެ." އެ ރިޕޯޓުގައި ބުނެ އެވެ.

އެ ރިޕޯޓުގައި ފުލުހުން ބުނެފައި ވަނީ އެދުވަހު ފުލުހުން ހަރަކާތްތެރިވީ ކޮމާންޑަކާއި ނުލައި ކަމަށާއި އެގޮތައް މެދުވެރިވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ކުރިމަތިވި ކަންތައްތަކުންނާއި އަދި އޭގެ ކުރިން ވެސް ކުރިމަތިވަމުން ދިޔަ ކަންތައްތަކުން ބައެއް ފުލުހުން އިމޯޝަނަލީ ޗާޖްވެފައި ތިބުމުން ކަމަށެވެ. އަދި އެ ދުވަހު ފުލުހުންގެ ފަރާތުން ބައެއް އާންމުންނަށް އަނިޔާވިކަން ފުލުހުން ދީފައިވާ ބަޔާނުން އެނގޭއިރު އެވަގުތު ފުލުހުންގެ އިސްކޮށް ތިއްބެވި ބޭފުޅުން އެކަން ހުއްޓުވުމަށް ފުލުހުން އެތަނަކަށް އެއްކުރުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބަޔާން ދީފައިވެ އެވެ. އަދި އެ ދުވަހު އެމްޑީޕީ މުޒާހަރާ ރޫޅާލީ މުޒާހަރާގެ ތެރޭގައި ބައެއް ގުރޫޕުތައް ހަތިޔާރާ އެކު ތިބުމާ އެކު އާއި އޭގެތެރެއިން ބައެއް މީހުން މަސްތުގެ ހާލަތުގައި ތިބިކަމަށް ލިބުނު އިންޓެލިޖެންސްގެ މައުލޫމާތުތަކާ އެކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އަދި ބުނެފައިވަނީ އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ފުލުހުންނާއި ދިމާލަށް ގޭސްކެނިސްޓާއެއް ވެސް އެއްލި ކަމަށާއި ޝީލްޑްތަކުގައި އަތުން ތަޅައި ބައެއް ތަކެތި ފުލުހުންނާއި ދިމާލަށް އެއްލާފައިވާ ކަމަށެވެ. ނަމަވެސް އެޗްއާރުސީއެމްއިން ބުނެފައިވަނީ އިންޒާރެއް ނެތި މުޒާހަރާ ރޫޅާލަން ޖެހޭފަދަ ހާލަތެއް އެދުވަހު ނެތް ކަމަށެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމަށް ބައެއް މީހުން އެ ސަރަހައްދުގައި މަސައްކަތް ކުރިކަން ވެސް އެ ތަހްގީގަށް އެނގިފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ. އަދި ސިއްހީ ހިދުމަތްދޭ ސަރަހައްދުތައް ކައިރިއަށް އެއްވެސް ހަޅޭލައްވާ ހެދުމުގެ ސަބަބުން ސިއްހީ ހިދުމަތް ހޯދުމަށް ދިޔަ މީހުނަށް ދަތި ތަކާއި ކުރިމަތި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން ރާއްޖެ ޓީވީ އިން އެދުވަހު ހަބަރުތައް ގެނެސްދީފައިވާ ގޮތުން ވެސް ބައެއް މީހުންގެ ހައްގުތައް ގެއްލުނު ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ސަރަހައްދު ކަވަރު ކުރަމުން ދިޔަ ވީޓީ އާދި ދިޓިވީ ރިޕޯޓަރުންނަށް އެތަނުން ފޮނުވާލުމަށް މަސައްކަތް ކޮށްފައިވާތީ އެ ހާދިސާ އެ ޓީވީތަކަށް ކަވަރު ކުރެވިފައިނުވާ ކަމަށް ފާހަގަކޮށްފައިވާ އިރު ބުނެފައި ވަނީ އެމްޑީޕީން އެ ދުވަހު ސްކޫލްތައް ކައިރި މުޒާހަރާ ކުރުމުގެ ސަބަބުން ސްކޫލްގެ ކުދިންނަށް ކިޔެވުމަށް ދަތިވެފައިވާ ކަމަށެވެ.

"އެއްވުން ރޫޅާލުމާއި މިހާދިސާ ކަވަރުކުރި ރާއްޖެ ޓީވީން ހަބަރުތައް ގެނެސްދިން ގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތް އުފެދި ބަދަލު ހިފުމުގެ ރޫހު އަށަގަނެ އަމިއްލަ މީސްމީހުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބުމަށް މެދުވެރިކަން ކޮމިޝަނަށް ފާހަގަ ކުރެވެ އެވެ." ރިޕޯޓުގައިވެ އެވެ.

މިދިޔަ މެއި މަހު ކަމާ ބެހޭ ފަރާތަކަށް ފޮނުވުމަށް ފަހު މިއަދު އާންމުކުރި އެ ރިޕޯޓުގައި އެކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އަށް ވަނަ ދުވަހު ހިނގާދިޔަ ހަމަ ނުޖެހުންތަކުގައި އައްޑޫ ސިޓީން ހައްޔަރުކުރި މީހުންގެ ތެރެއިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އެ މަހުގެ 11 ވަނަ ދަވަހު ގެނައި މީހުން އެ ހޮސްޕިޓަލަށް ދައްކާފައި ނުވާ ކަމާއި "އެމީހުންގެ ގައިގައި އަޅި އުނގުޅި ކަމަށް ބުނާ އިރު އެމީހުންގެ ގައިގައި އަޅިއުނގުޅިފައި ހުރިތަން އެ ކޮމިޝަނުގެ ތަހްގީގު ޓީމަށް ފެނިފައިވާ ކަމަށް ބުނެ އެވެ.

އަދި ހައްޔަރު ކުރި މީހުނަށް އެކި ކަހަލަ އިންޒާރުތައް ދީފައިވާ ކަމަށް އެކި މީހުން ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާއިރު ހައްޔަރު ކުރުމުގެ ތެރޭގައި އާއިލާ މިހުންގެ ކުރިމަތީ ވެސް ހަޑިހުތު ބަހުން މުއާމަލާތް ކޮށްފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ހައްޔަރުކުރި މީހުނަށް ގާނޫނީ ވަކީލަކު ހަމަ ޖެއްސުމުގެ ހައްގު ލިބިފައިވާކަން އެމީހުނަށް އެމީހުނަށް އަންގާފައިނުވާ ކަމަށާއި މީހަކު ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރު ތެރޭގައި ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ 48 މާއްދާގައި ބުނެފައިވީ ނަމަވެސް ހައްޔަރުކު ބައެއް މީހުން 24 ގަޑިއިރު ފަހުންވެސް ހާޒިރުކުރި ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން ހައްޔަރުކުރި މީހުންގެ އަތުން އަތުލި ތަކެތީގެ ތަފްސީލް ލިޔެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެތަކެތީގެ ރަޝީދު އެއްވެސް މީހަކަށް ލިބިފައިނުވާ ކަމަށް ބުނެފައިވާ އިރު ގަން ޕޮލިސް ސްޓޭޝަނުގައި ހައްޔަރު ކުރިމީހުނަށް އެކަށީގެންވާ ވަރަށް ބާލިހާއި ކުނާ ނެތް ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައި އެވެ.

ސާޅީސް ދެ ސަފްހާގެ އެ ރިޕޯޓުގައި އައްޑޫސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ހައްޔަރު ކުރިމީހުންގެ ތެރެއިން ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ 10 މީހަކަށް ލިބިފައިވާ އަނިޔާތައް ފެންނާން ހުރިކަމަށް ބުނެފައިވެ އެވެ.

"މި ނިޝާންތަކުގެ ތެރޭގަ ބައެއް މީހުންގެ ގައިގައި ކުރޫންތައް އެޅި މަށައިގެން ދިއުމާއި އަތާފައި ބައެއް ތަންތަން ނޫފަގަނެ ދުޅަވެފައި ހުރުމާއި އަދި އެކެއްގެ ކޮނޑުމަތީ ދެ އިންޗިއެއްހާތަން ކަނޑައިގެން ގޮސްފައިވުމާއި ހައްޔަރު ކުރުމުގެ ތެރޭގައި ސައިކަލުން ވެއްޓި އަނިޔާލިބުނު މީހެއްގެ ހަށިގަނޑުން ގިނަ ތަންތަން މަށައިގެން ގޮސްފައިހުރިކަމާއި އަދި ބައެއް މީހުންގެ އަތުގައި އަޅުވައިފައިހުރި ބާރު ވުމުގެ ސަބަބުން މަށައިގެން ގޮސްފައިވާކަން،" އެކޮމިޝަށް ފާހަގަ ކުރެވުނު ކަންތައް ތަކުގެ ތެރޭގައި އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އައްޑޫސިޓީގައި ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުން ބައިތިއްބާފައި ތިބި އިމާރާތްތާކާއި ސަރަހައްދުތަކުގައި ރޯކޮށްލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ބަންދުގައި ތިބި މީހުނަށް ގާނޫނުން ލާޒިމްކުރާ ހައްގުތައް އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށްދެވިފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އަދި އެދުވަހު އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އައްޑޫގައި އުޅޭ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދި އެތައް ހައްގުތަކެއް ރައްޔިތުން މަހްރޫމް ވެފައިވާ ކަމަށާއި އެ ސިޓީގެ ކޯޓުތަކަށާއި މަރުކަޒުތަކަށާއި އަދި ތަކެއްޗަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުމުގެ ސަބަބުން ރައްޔިތުނަށް ދޭންޖެހޭ އަސާސީ ވަރަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ހުރަސްތަކެއް ދިމާވެފައިވާ ކަންވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ނަމަވެސް އައްޑޫގައި ހިނގައި ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ސަލާމަތީ ބާރުތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށާއި ސަލާމަތީ ބާރުތަކުގެ ދައުރު އެކަށީގެންވާ ގޮތުގައި އަދާކުރެވުނު ނަމަ ދައުލަތަށާއި އަމިއްލަ ފަރާތްތަކުގެ މުދަލަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނީސް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

މި ރިޕޯޓުގައި އައްޑޫ ސިޓީއާއި މާލެގައި ފުލުހުން ހިންގާފައިވާ "ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތައް ދިން ފުލުހުންގެ މައްސަލަތައް" ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވީސް އަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އެކޮމިޝަނުން އަންގާފައިވެ އެވެ. އަދި އެމްއެންޑީއެފް އަށާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީ އެޑްމިނިސްޓްރޭޝަނަށް ވެސް އެކޮމިޝަނުން ކަންތައް ރަނގަޅު ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.