އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަަހަޅައިފައިވާ ދައުލަތުގެ ބަޖެޓަކީ އިސްރާފު ބޮޑުވާނެ، އަދި ޚަރަދު ވެސް ވަރަށް ބޮޑު، ނާޖާއީޒް މަންފާތަކެެއް ހޯދަން، ސަރުކާރުން ފާސްކުރަން އުޅޭ ބަޖެޓެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ބަޖެޓާ ބެހޭ ގޮތުން ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ، ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ފިސްކަލް ޗާޓަރެއް އެކުލަވައިލައި، އެއަށް ބިނާކޮށް ފިސްކަލް ސްޓްރެޓެޖީއެއް ބިނާކުރަން ޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި ކޮންމެ އަހަރަކު ބަޖެޓު ހުށަހަޅަން ޖެހެނީ އެ ސްޓްރެޓެޖީއާ އެއްގޮތަށް ކަމަށް މީކާއިލް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅީ އެ ސްޓްރެޓެޖީ އާންމުނުކޮށް، އެންމެ މައި އަސާސާ ޚިލާފަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަން އެންމެ އާންމީ ދަށްފަންތިއާއި މެދުފަންތީގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މެދުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ސާފުވަނީ ކޮރަޕްޝަން ހިންގަން އުޅެނީ ރައީސުލްޖުމްހޫރިއްޔާއާ ހަމައިންކަން ކަމަށެވެ.

އެގޮތުން މި ބަޖެޓުގެ ތެރެއިން ފެންނަނީ ވާދަވެރިކަމެއް ނެތި، ބިޑަށް ހުޅުވައިނުލާ މަޝްރޫއުތައް ބަހައިލުމުގެ ލާމަސީލު މިސާލެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ، އިސްވެ ކޮރަޕްޝަން ހިންގަން ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި ބަޖެޓު އަޅުގަނޑަށް ފެންނަނީ ވަރަށް ކަޓު ރައީސެއްގެ ވަރަށް ކަޓު ސިޔާސަތެއްގެ ކަޓު ހޯދުމުގެ ނިޔަތުގައި ހުށަހަޅުއްވައިފައި އޮތް ވަރަށް ކަޓު ބަޖެޓެއްގެ ގޮތުގައި..،" މީކާއިލް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ މި ބަޖެޓަކީ އިސްރާފު ބޮޑު، ޚަރަދު ބޮޑު ބަޖެޓެއް ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ހުށަހަޅައިފައެވެ.