ދުވަހަކު ސިނގިރޭޓެއް ނުބޯ މީހަކު, އަދި ދުންފަތުގެ އެއްވެސް އިސްތިއުމާލެއް ނުކުރާ މީހަކަށް, ދުންފަތުގެ ދުމުގެ ސަބަބުން ކެންސަރު ޖެހޭ ހާލަތުގައި މުޖުތަމައުއެއް އޮތުމަކީ ވަރަށް ދެރަވަރު ކަމެކެވެ. މިއަދު މި ރާއްޖެ މި އޮތީ އެ ހާލަތުގައެވެ.

ކުޑަ ކުއްޖެއްވިޔަސް, ޒުވާނެއް ވިޔަސް, އުމުރުން ދުވަސްވީ މީހެއް ވިޔަސް, ވެރިރަށް މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ގެއިން ބޭރަށް ނުކުންނަ ހަމަ ކޮންމެ ފަހަރަކު ދުންފަތުގެ ދުމުގެ އަސަރު އެ މީހަކަށް ނުކޮށް, އެނބުރި ގެއަށް ވަނުމަކީ ދަތި ކަމެކެވެ. ނުވަތަ ނުވާނެ ކަމެކެވެ.

"މިއީ ކިހާ ދެރަކަމެއް. އަޅުގަނޑު އަތުގައި ފައިސާ ނެތީކީއެއް ނޫނޭ ސިނގިރޭޓް ގަންނަން. އަދި އެހެން ދަމަދަމާ ނުތިބެވޭނީއެއް ވެސް ނޫނޭ. ކަމެއްވީމަތާ އެކަން ނުކޮށް މި ތިބެނީ. އެކަމަކު އެ ދުމުން ސަލާމަތް ވެވޭނެ ގޮތެއް ނެތް," އާއްމުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅަކު މި ކަންބޮޑުވުން ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސަރުކާރުން މި ވަނީ ޖެނެރޭޝަން ބޭންއެއް ތައާރަފު ކޮށްފައެވެ. އޭގެ މާނައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ, އަދި އުފަންވާ ހުރިހާ ދިވެހީންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގާނޫނީ ކުށެކެވެ. މި އުސޫލަށް އަމަލު ކުރުން ފާހަގަ ކުރަން އެތައް ހަރަކާތެއް ސަރުކާރުން ބޭއްވިއެވެ. އަދި ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ސަމާލުކަމަށް މިކަން އައެވެ. މިއީ ވަރަށް މުހިންމު, އަދި އެކަން ތަންފީޒު ކުރެވިއްޖެ ނަމަ އޭގެ ފައިދާ ވަރަށް ރަނގަޅަށް ކުރާނެ ކަމެކެވެ. ވޭޕް މަނާ ކުރުމާއި ސިނގިރޭޓް މަނާ ކުރުންފަދަ ވަރަށް ހިތްވަރުގަދަ މުހިންމު ނިންމުންތަކެއް މި ސަރުކާރުން ނިންމާފައި ވެސް އެބަވެއެވެ. އެކަމުގެ ނަތީޖާ ވެސް އެބަ ފެނެއެވެ.

ނަމަވެސް މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާނޫނާއި ގަވާއިދުތައް ނެތުމެއް ނޫނެވެ. އެ ކަންކަން ތަންފީޒު ނުވުމެވެ. ތަންފީޒު ނުވަނީ އެ ޒިންމާތަކާ ހަވާލުވެ ތިބި މީހުންގެ އެ އިޚުލާސްތެރިކަން ނެތީމައެވެ. މުއައްސަސާތަކުން ގުޅިގެން ކުރަން ޖެހޭ ކަންކަން އެ ގޮތަށް ނުކުރާތީއެވެ.



މިހާރު ވެސް މަނާ, އެކަމަކު ބޮއެނަގަނީ!

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކެއް މީގެ 11 ވަރަކަށް އަހަރު ކުރިން ވަނީ ކަނޑައަޅައިފައެވެ. އަދި އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރުމުގެ ބާރު ވެސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މުއައްސަސާތަކަށް ވަނީ ދީފައެވެ.

ދުންފަތުގެ އިސްއުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ސިނަމާތަކާއި ޖަލްސާ ކުރާ މާލަންތަކާއި މިސްކިތްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި އެ ތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި އެ ތަންތަނުގެ ގޯއްޗާއި ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ޚިދުމަތްދޭ ތަންތަން ހިމެނެއެވެ.

ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި ކުޅިވަރުކުޅޭ މަރުކަޒުތަކާއި ކޯޓުތަކާއި ދަނޑުތަކާއި ސެޓޭޑިއަމްތަކުގެ އިތުރުން މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެ ތަންތަނުގައި އޮންނަ ހާމަ ބިންތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެ ތަނެއްގައި އޮންނަ ހާމަ ބިންތަކާއި ކުޑަކުދިންގެ ޕާކުތަކާއި އެ ކުދިން އާންމުކޮށް މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަންތަން ހިމެނެއެވެ.

މީގެއިތުރުން ވެސް ފެރީ އުޅަނދުތަކާއި ފެރީ ޓާމިނަލްތަކާއި ދަތުރުފަތުރު ކުރުމުގައި ފަސިންޖަރުން އުފުލުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ކޮންމެ އުޅަނދަކާއި ސައިހޮޓާ ރެސްޓޯރެންޓް އަދި މީނޫން ވެސް ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާ ކޮންޑިޝަން ކޮށްފައިވާ ތަންތަނާއި އެއާ ކޮންޑިޝަންކޮށްފައިނުވާ ހޮޓާ ރެސްޓޯރަންޓް ކެފޭގެ އަދި މިނޫނަސް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުމަށް ޚާއްސަ ކުރެވިފައިވާ ތަންތަން ފިޔަވައި އެހެނިހެން ތަންތަނާއި ތަކެތި ނުވަތަ ޚިދުމަތް ލިބިގަތުމަށް އެ ތަނަކަށް އާންމުކޮށް މީހުން ވަންނަންޖެހޭ ނުވަތަ ކިއު ހަދައިގެން ނުވަތަ އެހެންގޮތަކަށް ވިއަސް މަޑުކޮށްގެން ތިބެންޖެހޭ ތަންތަނާއި އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނަކާމެކެވެ.

މީގެ އިތުރުން ވެސް އާއްމު ތަންތަނުގައާއި ސައިކަލް ފަދަ އުޅަނދުތައް ދުއްވަމުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.

މިފަދަ ކަންކަން ކުރާ މީހުންނާ މެދު ބައެއް ފަހަރު ފިޔަވަޅު ނާޅާ ވާހަކައެއް ނޫނެވެ. އެކަމަކު ގިނަ ފަހަރު އޮންނަނީ ކަމެއް ނުކުރެވިއެވެ. އޭގެ ނަތީޖާ މާލޭގެ މަގު މައްޗަށް ދެތިން މިނެޓަށް ނުކުތަސް ފެންނާނެއެވެ. ފަންބަދިގެއަކަށް ދުންލައިގެން އުޅުމެކޭ އެއްގޮތެވެ.



ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ އަހަރުގެ ނޮވެންބަރު މަހު "ސަން"އަށް ވިދާޅުވިގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ވަކި ތަންތަން ކަނޑައަޅައިފައިވީ ނަމަވެސް އެކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވައިދު ތަންފީޒު ކުރުމުގައި ދޫދެވިފައި އޮތްކަން އޭނާ ގަބޫލުކުރައްވައެވެ. އަދި އެކަމަށް ފަރުދީ އެއްބާރުލުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ތަންފީޒީ އިދާރާތަކުން ކުރެވޭ ކަމެއް ނޫން މިއީ. މިސާލަކަށް ބަލަމާ ހިނގާ ރެސްޓޯރެންޓްތަކުގަ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ކަނޑައެޅިފައި ހުންނައިރު އެ ރެސްޓޯރެންޓް ހިންގާ ވެރިންގެ ވެސް ޒިންމާއެއް މިއީ ވަކި ނިޔަތެއްގައި މަނާ ކޮށްފަހުރި ތަނެއްކަން އެހެންވީމަ އެ ތަންތަނުގައި އެކަން އެލޯ ކުރެވިގެން ނުވާނޭ ކަން," ނާޒިމް ވިދާޅުވިއެވެ.

މިއީ ވަރަށް ބޮޑު ނުރައްކަލެއް

ދުންފަތުގެ ދުމުން ސަލާމަތް ނުވެގެން މީހުންގެ ޅަދަރިންނާއި އެތައް ބަޔަކު އުޅޭއިރު ހަގީގަތުގައި މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ ދޫކޮށްލާ ދުމަކީ އެކަން ނުކުރާ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ޖައްސާ ބޮޑު ވިހައެކެވެ.

ސިއްހީ ދިރާސާތައް ދައްކާ ގޮތުގައި, ސިނގިރޭޓް ބޯ މީހާގެ އިތުރުން އޭނާ ދޫކުރާ ދުމުގެ އަސަރުކުރާ މީހާގެ ނޭވާލުމުގެ ނިޒާމަށް ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހަމައެއާއެކު ހިތުގެ ބައްޔާއި، ހާޓްއެޓޭކް، ސްޓްރޯކް، ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު ޖެހުމަށް އެ ދުމުގެ ސަބަބުން މަގުފަހިވެއެވެ. ސިނގިރޭޓުގެ ދުމަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ވިހަ މާއްދާތަކުގެ އަސަރުކުރުވާ ދުމެކެވެ.

"ގާތްގަނޑަކަށް ސިނގިރޭޓް ބޯ މީހަކަށް ދިމާވާ ހުރިހާ ބަލިތަކެއް ސިނގިރޭޓް ނުބޯމީހާއަށް ވެސް އެ ދުމުގެ ސަބަބުން ޖެހޭ. އޭގައި ހުރޭ ބައިވަރު ވައްތަރުތަކުގެ ކެންސަރުތައް. އޭގެ ތެރެއިން ބްރެސްޓް ކެންސަރުން ފެށިގެން ލޭގެ ކެންސަރާއި ގޮހޮރުގެ ކެންސަރާއި ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކެންސަރު ޖެހޭ،" ޑރ. އައިޝަތު އަރޫނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައެވެ. އެ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތައް ހިމެނެއެވެ. އެ ހުރިހާ ބައްޔެއްގެ މައިގަނޑު ސަބަބަކީ ދުންފަތެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ.

ރައްޔިތުންގެ ސިއްހަތަށް އިސްކަން ދޭ, އަދި ގާނޫނު ރަނގަޅަށް ތަންފީޒު ކުރާ ސިންގަޕޫރު ފަދަ ގައުމުތަކުގައި ހިތުހުރި ގޮތަކަށް, ހިތުހުރި ތާކު ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ނުރައްކާ އެ މީހުންނަށް ވިސްނޭތީއެވެ. ނަމަވެސް މި ރާއްޖޭގައި އެކަން އޮތީ އެހެނެއް ނޫނެވެ. ހަމަ ބޭނުންތާކު, ބޭނުންއިރަކު ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރަންވީއެވެ. ބޭނުން ވަރަކަށް ދުން އަރުވައަރުވައި ހުންނަންވީއެވެ. އެހެން މީހަކަށް ބެލުމެއް ނެތެވެ.

ވޭޕާއި ސިނގިރޭޓް ހިމެނޭހެން ދުންފަތާ ދެކޮޅަށް މި ސަރުކާރުން މިހާތަނަށް ކޮށްފައި މިވަނީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. އެކަމަކު ހަމައެކަނި ގާނޫނެއް ހަދައި އެކަން އިއުލާން ކުރުމަކުންނެއް ނުވާނެއެވެ. އެކަން ތަންފީޒު ވެސް ކުރަން އެބަޖެހެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ދުމުގެ އަސަރު ކުރާ ގޮތަށް މި ދޫކޮށްލެވިފައި އޮތްއޮތުމަށް، މިހާރުން މިހާރަށް ވެސް ނިމުމެއް ގެންނަން އެބަޖެހެއެވެ. ކުށެއް ނެތް އެތައް ބަޔަކަށް ނުރައްކާތެރި ބަލިތައް ޖައްސަމުން ދާތީއެވެ.