ގޫގުލްއިން އެ ކުންފުނީގެ ޕިކްސެލް ޑިވައިސްތަކަށް ޚާއްސަކޮށް ނެރޭ އެންމެ ފަހުގެ 'ޕިކްސެލް ޑްރޮޕް' އާ އޭއައި ފީޗާތަކާއެކު ތައާރަފުކޮށްފިއެވެ.

މި އަޕްޑޭޓާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ގިނަ އަދަދެއްގެ އާ ފީޗާތަކާއި އިތުރު ހިދުމަތްތައް ޔޫޒަރުންނަށް ލިބިގެންދާނެއެވެ.

މި ފީޗާތަކުގެ ތެރޭގައި މެސެޖްސް އެޕްލިކޭޝަނަށް އާ 'ރިމިކްސް' ފީޗާއާއި، ނޮޓިފިކޭޝަންތަކުގެ ސަމަރީސް އޭއައިގެ އެހީގައި ހަދައިދިނުމުގެ ހިދުމަތް ހިމެނެއެވެ.

މި އަޕްޑޭޓްގެ އެންމެ ފާހަގަކޮށްލެވޭ އެއް އިތުރުވުމަކީ ގޫގުލް މެސެޖްސްއަށް އައި 'ރިމިކްސް' ފީޗާއެވެ. މި ފީޗާގައި ގޫގުލްގެ ޖެމިނައި އިމޭޖް ޖެނެރޭޝަން އަދި އެޑިޓިންގ މޮޑެލް ކަމަށްވާ 'ނެނޯ ބަނާނާ' ބޭނުންކޮށްގެން، ޔޫޒަރުންނަށް އެމީހުންގެ ސެލްފީ ނުވަތަ އެހެނިހެން ފޮޓޯތައް ތަފާތު އާޓިސްޓިކް ސްޓައިލްތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ގޫގުލް މެސެޖްތަކުގައި ހިމެނޭ ރީމިކްސް ފީޗާގައި ފޮޓޯތައް ރީސްޓައިލް ކުރުމަށް ނެނޯ ބަނާނާ ބޭނުންކުރެވޭނެ -- ފޮޓޯ: ގޫގުލް

މި ސްޓައިލްތަކުގެ ތެރޭގައި 3ޑީ އެނިމޭޝަން، އެނިމޭ، އަދި ސްކެޗް ފަދަ ސްޓައިލްތައް ހިމެނެއެވެ. މި ފީޗާގެ ސަބަބުން، މެސެޖްސް ބޭނުންކުރާ އެހެން ޔޫޒަރުންނާ އެއްކޮށް އެއް ފޮޓޯއެއް ތަކުރާރުކޮށް ރިމިކްސް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޕިކްސެލް ޑިވައިސްތަކަށް އައި އަނެއް މުހިންމު ފީޗާއަކީ އޭއައި ޕަވާޑް ނޮޓިފިކޭޝަން ސަމަރީސް އެވެ. ގިނަ ޗެޓްތަކާއި ގްރޫޕް މެސެޖްތަކުގެ ދިގު ވާހަކަތައް، ނޮޓިފިކޭޝަން ޝޭޑްގައި ކުރުކޮށް ސަމަރީއެއްގެ ގޮތުގައި މިހާރު ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން، ޑިސެމްބަރު 2025 އިން ފެށިގެން، މުހިންމުކަން ކުޑަ ނޮޓިފިކޭޝަންތައް އޭއައިގެ އެހީގައި އޯގަނައިޒްކޮށް، ޔޫޒަރުންނަށް އުނދަގޫ ނުވާނެހެން ސައިލެންސްކޮށްލުމުގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ.

ޕިކްސެލްގެ ޚާއްސަ ދެ ފީޗާ ކަމަށްވާ ސްކޭމް ޑިޓެކްޝަން އަދި ކޯލް ނޯޓްސް މިހާރު ވަނީ އިތުރު ގައުމުތަކަށް ފުޅާކޮށްފައެވެ. ސްކޭމް ޑިޓެކްޝަން ފީޗާގެ ސަބަބުން، ޗެޓް މެސެޖްތަކުގައި ސްކޭމްގެ ނުވަތަ މަކަރާ ހީލަތުގެ މެސެޖެއް ކަމަށް ޝައްކުކުރެވޭ މެސެޖްތައް ފޯނަށް ލިބުމުން "ލައިކްލީ ސްކޭމް" ކަމުގެ އިންޒާރު ނޮޓިފިކޭޝަންގައި ދޭނެއެވެ.

މި ފީޗާ މިހާރު ވަނީ އޮސްޓްރޭލިއާ، ކެނެޑާ، އިންޑިއާ، އަޔަލޭންޑް، އަދި ޔޫކޭގެ ޕިކްސެލް 9 އަދި އެއަށްވުރެ ފަހުގެ ޑިވައިސްތަކަށް ފުޅާކޮށްފައެވެ.

ކޯލް ނޯޓްސް ފީޗާ ބޭނުންކޮށްގެން، އޮން-ޑިވައިސް އޭއައިގެ އެހީގައި ކޯލްތައް ރެކޯޑްކޮށް، ނޯޓް ނަގައި، އަދި އެ ކޯލްގެ ޓްރާންސްކްރިޕްޓާއި ސަމަރީއެއް އުފައްދައިދޭނެއެވެ. މި ފީޗާ މިހާރު ވަނީ އޮސްޓްރޭލިއާ، ކެނެޑާ، އަޔަލޭންޑް، ޖަޕާން، އަދި ޔޫކޭއަށް ފުޅާކޮށްފައެވެ.

މި ޕިކްސެލް ޑްރޮޕްގައި ތައާރަފުކުރެވުނު އެހެނިހެން ފީޗާތަކުގެ ތެރޭގައި ޕިކްސެލްގެ ވީއައިޕީ ވިޖެޓަށް ކްރައިސިސް ބެޖެއް އިތުރުކޮށްފައިވުން ހިމެނެއެވެ. މިއީ ފެންބޮޑުވުން ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގެ މައުލޫމާތު ޔޫޒަރުންނަށް ދިނުމަށް އެހީތެރިވާނެ ފީޗާއެކެވެ.

މީގެ އިތުރުން ގޫގުލް ފޮޓޯސްގައި އެމެރިކާގެ އެންޑްރޮއިޑް ޔޫޒަރުންނަށް ޕާސަނަލައިޒްޑް އެޑިޓްސް މިހާރު ލިބޭނެއެވެ.

މީގެ އިތުރުންވެސް ގޫގުލް މެޕްސްގައި ބެޓެރީ ލައިފް ދިގު ކުރުމަށްޓަކައި، މެޕްސްގައި މުހިންމު މައުލޫމާތު އެކަނި ދައްކާ ޕަވާ ސޭވިންގ މޯޑް އެއް ތައާރަފުކޮށްފައިވާއިރު، ފިލްމަކުން އިންސްޕަޔަރ ވެގެން ހަދާފައިވާ 'ވިކްޑް ފޯ ގުޑް' ތީމް ޕެކްސް ބޭނުންކޮށްގެން ޕިކްސެލް ކަސްޓަމައިޒް ކުރެވޭނެއެވެ.

މި އަޕްޑޭޓްތަކުން ގޫގުލްގެ ޕިކްސެލް ޑިވައިސްތަކުގެ ޔޫޒަރުންނަށް އޭއައިގެ އެހީގައި އިތުރު ފަސޭހަތަކާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.