21 Aug 2012, 17:20
އިންސާނީ ހައްގުތަކާއި ގުޅޭ ގޮތުން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތިން ތަހްގީގު ރިޕޯޓެއް އާންމުކޮށްފި އެވެ.
އެޗްއާރްސީއެމް މިއަދު އާންމުކޮށްފައިވަނީ ފެބްރުއަރީ ހައެއް، ހަތެއް ގައި މާލެގައި ހިނގި ހަމަ ނުޖެހުހުންތަކުގައި ހިނގާފައިވާ އިންސާނިއްޔަތާއި ހިލާފުއަމަލުތަކުގެ ރިޕޯޓާއި އަށެއް ފެބްރުއަރީ ގައި މާލެ އާއި އައްޑޫސިޓީގައި ހިނގާދިޔަ ހަމަ ނުޖެހުންތަކުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކާ ގުޅޭ ރިޕޯޓާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައާއި ގުޅިގެން ކޮށްފައިވާ ތަހްގީގު ރިޕޯޓެވެ.
އެ ތިން ރިޕޯޓް އާންމުކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ރައީސާއި މަރިޔަމް އަޒުރާ ވިދާޅުވީ އަށެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައް ތަކާއި ގުޅޭ ގޮތުންނާއި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ އާއި ގުޅޭގޮތުން އެކުލަވާލައި މިއަދު އާންމުކުރި ރިޕޯޓް ކަމާއިބެހޭ ފަރާތްތަކަށް މިދިޔަ މެއި 29 ގައި ހުށަހަޅާފައިވާނެ ކަމަށާއި އަދި ފެބުރުއަރީ ހައެއް،ހަތެއް ގައި ހިނގާދިޔަ ކަންތަކާއި ގުޅޭ ރިޕޯޓް މި މަހުގެ 16 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.
ހައެއް ، ހަތެއްގައި ހިނގާދިޔަ ކަންތައް ތަކާއި ގުޅޭގޮތުން ކޮމިޝަނުން ނެރުނު ރިޕޯޓަށް އިޝާރާތައް ކުރައްވާ އަޒުރާ ވިދާޅުވީ އެ ރިޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން އެކުލަވާލާފައިވާ ރިޕޯޓެއް ނޫން ކަމަށާއި އެއާ ހިލާފަށް ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަ ދެއްކެވި ނަމަވެސް އެއީ އެފަދަ ރިޕޯޓެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓު އެކޮމިޝަނުން ނެރުނީ ނަޝީދު އިސްތިއުފާ ދެއްވިގޮތާއި ގުޅޭ ގޮތުން އެއްވެސް ތަހްގީގެއް ކޮށްފައިނޫން ކަމަށް އަޒުރާ ވިދާޅުވި އެވެ.
"ނަޝީދު ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން ނެރިފައިވާ ރިޕޯޓެއްނޫން އެއީ. އެއްވެސް ވަރަކަށް ނަޝީދު އިސްތިއުފާ ދެއްވި ގޮތްތަހުގީގުކޮށްފައެއް ނުވާނެ،"އަޒުރާ ވިދާޅުވި އެވެ.
ކޮމިޝަނުން އެ ރިޕޯޓްތައް އާންމު ކުރުމުގެ ކުރިން ބައެއް ރިޕޯޓްތައް މީޑިޔާއަށް ލީކުވެފައިވާތީ އަޒުރާ މިއަދު ވިދާޅުވީ އެ ރިޕޯޓްތަށް އާންމުވެފައިވާތީ އެކަން އެ ކޮމިޝަން ބަލާނެ ކަމަށެވެ.
މީގެ އިތުރުން އަޒުރާ ވިދާޅުވީ ހައެއް، ހަތެއްގައި ހިނގާދިޔަ ކަންތައް ތަކާއި ގުޅޭގޮތުން ނެރުނު ރިޕޯޓް ތައްޔާރު ކުރުމަށް ނަޝީދުގެ ބަހެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ ރިޕޯޓް ތައްޔާރުކުރަން ނަޝީދު އެއްބާރުލުން ދެއްވާފައިނުވާތީ އެކޮމިޝަނުން އެ ރިޕޯޓް ނެރުނީ އެމަނިކުފާނުގެ ބަހެއް ނުހިމަނާ ކަމަށް އަޒުރާ ވިދާޅުވި އެވެ.
އެޗްއާރްސީއެމް ނެރުނު ފެބްރުއަރީ ހައެއް ، ހަތެއްގެ ކަންތައްކާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނަނީ ހަ ވަނަ ދުވަހުގެ ރޭ އާޓިފިޝަލްބީޗްގައި އެމްޑީޕީގެ ބަޔަކާއި "23 ޑިސެމްބަރު އިއްތިހާދުން" ކުރި މުޒާހަރާގައި އެ ސަރައްދުގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން ދުރަށް ގެންދިއުމަށް ސިފައިންގެ އިސް ވެރިންނަށް އޭރު ރައީސް ނަޝީދު އަމުރު ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީގެ 238 ވަނަ މާއްދާއާ ހިލާފަށް ނަޝީދު ކުރައްވާފައިވާ އަމުރެއް ކަމަށް ކަމަށެވެ. އެ އަމުރުތަކާއި ގުޅިގެން ހިނގާދިޔަ ހަމަ ނުޖެހުންތަކުގައި ގިނަ އާންމުނާއި ފުލުހުންނާއި ސިފައިންގެ އިންސާނީ ހައްގުތަކަށް ގެއްލުންތަކެއް ލިބުނު ކަމަށް ރިޕޯޓުގައިވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި އެޗްއާރުސީއެމް އިން މިއަދު އާންމު ކުރި ރިޕޯޓައި ބުނެފައިވަނީ އަބްދުﷲ މުހައްމަދު ގިރިފުއްޓަށް ގެންދިއުމާއި، ހައްޔަރުކޮށްގެން ގެންގުޅުމާއި އެނާ އަށް ގާނޫނު އަސާސީއާއި ގާނޫނުތަކުން ލިބިދޭ އެންމެހާ ހައްގުތަކުން މަހްރޫމް ކޮށްފައިވާ ކަމަށާއި އަދި "އެ އަމަލުތައް ހިންގުމުގެ އެންމެ އަޑީގައި ހުންނެވީ ނަޝީދު" ކަމަށް ތަހްގީގަށް އެނގިފައިވާ ކަމުގަ އެވެ. އަދި ނަޝީދުގެ ދަށުން ސިފައިންގެ އެކިފަރާތްތަކަށް އަމުރުކޮށްފައި ވަނީ އޭރުގެ ޑިފެންސް މިނިސްޓާރު ތަލްހަތު އިބްރާހިމް ކަލޭގެފާނުކަން ވެސް އެ ތަހްގީގުތަކުން ސާބިތުވާ ކަމަށް އެ ރިޕޯޓު ބުނެ އެވެ.
މީގެ އިތުރުން އަށެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައް ތަކާއި ގުޅޭ ގޮތުން ނެރިފައިވާ ރިޕޯޓުގައި އެދުވަހު ހިންގި ހަމަ ނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަށް ލިބެންޖެހޭ އިންސާނީ ބައެއް ހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދީފައިނުވާ ކަމަށް ބުނެފައިވާއިރު އެދުވަހު އައްޑޫގައި ހިންގި ހަމަ ނުޖެހުންތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދި އެތައް ރައްޔިތެއްގެ ހައްގުތައް ގެއްލުނު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަމަ އެހެންމެ އަށެއް ފެބްރުއަރީގައި އައްޑޫގައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ސަލާމަތީ ބާރުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާކަން ފާހަގަކުރަމުން ބުނެފައިވަނީ، ސަލާމާތީ ބާރުތަކުން އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެއްވުނު ނަމަ ދައުލަތަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނީސް ކަމަށެވެ.
އެޗްއާރުސީއެމް މިއަދު ބުނީ ތިން ރިޕޯޓަކީ "ވަރަށް އިންސާފު ވެރިކަމާއިއެކު" ނެރިފަވާ ރިޕޯޓެއް ކަމަށާއި ރިޕޯޓް ނެރުމުގައި ސިޔާސީފަރާތެއްގެ ވެސް އަދި އެހެން ފަރާތެއްގެވެސް ނުފޫޒެއްވެސް އެ ކޮމިޝަނަށް ފޯރާފައިނުވާ ކަމަށެވެ.
އަދި ރިޕޯޓް ކަމާއި ގުޅޭ ފަރާތްތަކަށް ފޮނުވުމަށް ފަހު އަމަލުކުރަންވީ ގޮތް އެކޮމިޝަނުން ކަމާ އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި ރިޕޯޓް ކަމާއި ބެހޭ ފާރްތްތަކަށް ހިއްސާ ކުރުމަށް ފަހު ރިޕޯޓަށް ބަދަލެއް ނާންނާނެ ކަމަށެވެ.