ތަނަވަސްކަން ލިބިފައިވާ މީހުންނަށް، ދައުލަތުގެ ޚަރަދުގައި ބޭސްފަރުވާކޮށްދޭން އާސަންދަ ދިނުމާއި، 65 އަހަރު ވުމުން ދޭ އިނާޔަތްފަދަ ތަކެތި ދިނުން ހުއްޓައިލަންޖެހޭކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައިފައިވާ ދައުލަތުގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން ސަލީމް ވަނީ ދައުލަތުގެ ފައިސާ އިސްރާފުވަމުން އަންނަ އައުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެެވެ. އަދި ޚަރަދުކުޑަކުރުމަށް އެންމެ މުހިންމު ކަންކަމަށް ހޭދަކުރުމާއި، އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ.

ސަލީމް ވިދާޅުވީ ދައުލަތުގެ ޚަރަދުކުޑަކުރެވޭތޯ މި ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ ރައްޔިތުންނާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ބޭސްފަރުވާއަށް ވިޔަސް، އާސަންދަ ކުޑަކުރެވޭކަށް ނެތް، ކުޑަކޮށްފިއްޔާ ގޯސްވީ. މީ ބަދަލު ގެންނަންޖެހޭ ކަންކަން. ވަޒީފާތަކަށް ބަލައިފިއްޔާ ވަޒީފާ ނުދިނަސް ހަމަ ގޯސްވީ. ވަޒީފާ އެބަ ލިބެންޖެހޭ އެންމެންނަށް ވެސް. ދެން އޮތީ ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރުން. އެކަން ވެސް ސަރުކާރުން އެބަކުރައްވާ. ދެން އެހެން ދިމާތަކަށް ދާއިރުގައި ސިއްހީ ދާއިރާ ޚަރަދުކުޑަކުރެވޭކަށް ނެތް. ހުރިހާ ރަށެއްގައި ހޮސްޕިޓަލް އެބަ އަޅަންޖެހޭ. އެ ތަންތަނަށް ޚިދުމަތް ދޭންޖެހޭ. ދެން ހުރި ކަންތައްތައްކުރަންޖެހޭ އެބަ،" ސަރުކާރުން ހުރިހާ ޚިދުމަތެއް ދެނީ ހިލޭ ކަމަށާއި އެ ކަންކަން ހުއްޓައިފިނަމަ ރައްޔިތުން ހިތްހަމަނުޖެހޭނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިފަދަ ނިޒާމަކުން ކަންކަން ބައްޓަންކޮށްފައިވަނީ ކުރީ ސަރުކާރުތަކުން ކަމަށެެވެ. އެހެންކަމުން ކުއްލިއަކަށް ހިލޭ ލިބޭ އިނާޔަތްތަކާއި، ޚިދުމަތްތައް ކަނޑައިލާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"މި ކަންކަން އަޅުގަނޑުމެންނަށް ކުއްލިއަކަށް ކުރަން އުޅެފިއްޔާ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެެގެންދާނީ،"

މީގެ އިތުރުން ސަލީމް ވަނީ އާސަންދައާއި، 65 އަަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް ތަނަވަސް މީހުންނަށް ދިނުން ހުއްޓައިލަން ގޮވައިލައްވައިފައެވެ. އެއީ ނިކަމެތި ރައްޔިތުންނަށް ހައްގު އެއްޗެއް ކަމަށާއި، މުއްސަނދިންނަށް ލިބެންޖެހޭ އެއްޗެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ތަނަވަސް މީހުންގެ އަތުން ނަގަންވީ ޒަކާތް ކަމަށެވެ. އަދި ތަނަވަސް މީހުންގެ އަތުން ޒަކާތް ރަނގަޅަށް ނެގޭނަމަ މުޖުތަމައުގެ ތެރޭ ނިކަމެތިކޮށް އުޅޭ މީހުންގެ ބޭނުންތައް ފުއްދޭނެކަމަށް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޚަރަދުކުޑަކުރަން ދެން ކުރަންޖެހޭ ކަމަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭ އައި އެއްވެސް ސަރުކާރަކުން ވެސް އެ މަސައްކަތް ނުކުރާކަމަށެވެ. އެކަމަކު، މި ސަރުކާރުން އެ ކަމަށް ވެސް މަސައްކަތް ފަށައިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހަމައެއާއެކު، އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމެއްގައި ދަރަނި ނެގުމަކީ، އޭގެ ޒާތުގައި ކުރުން ރަނގަޅު، ކުރަން ވެސް ޖެހޭ ކަމެއް ނަމަވެސް، ދަރަނި ނެގޭ މިންވަރު އިތުރަށް ހަރުކަށިކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ހަރުކަށި މިންގަނޑެއް ނެތި ބޮޑެތި ދަރަނިތައް ނަގާނަމަ، ދަރަނި ދައްކަން އުފުލަންޖެހޭ ބުރަ ބޮޑުވާތަން ފެންނާތީ ކަމަށް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދައުލަތް ރަނގަޅަށް ހިނގަމުން އައިނަމަ މިއަދު ދިވެހި ރައްޔިތުން ތިބޭނީ މުއްސަނދިކަމުގައި ކަމަށެވެ.

ސަރުކާރުން ބޮޑު ބަޖެޓެއް ފާސްކުރަން މަޖިލީހަށް ހުށަހަޅައިފައިވާއިރު، ސަބްސިޑީތަކާއި ހިލޭ ކޮށްދޭ ކަންކަމަށް 10 ބިލިއަނެއްހާ ރުފިޔާ ވަނީ ހިމަނައިފައެވެ. އާސަންދަ ރިފޯމްކުރުމުގެ ވާހަކަ މިދިޔަ އަހަރު ވެސް ބަޖެޓު ހެދި ދުވަސްވަރު ދެއްކިއެވެ. ނަމަވެސް ފަހުން އެ ކަން ނުކުރަން ނިންމައި ނިންމުން ބަދަލުކުރީއެވެ.