މަަސްޖިދު އަލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތަށް ގެއްލުން ދިން މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހާ, ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް މައުލޫމާތުދިން ގޮތުގައި އިއްޔެ ހެނދުނު 06:45 ހާއިރު އޭނާ މަސްޖިދުލް ސުލްޠާން ހަސަން ޢިއްޒުއްދީން މިސްކިތް ކައިރީގައި ހުއްޓައި، ފިރިހެނަކު އެތަނަށް ހަމަލާދިން މަންޒަރު ފެނުނެވެ. އޭނާ ބުނިގޮތުގައި އެ ފިރިހެން މީހާ ވަނީ ގާގަޑެއް ބޭނުންކޮށްގެން މިސްކިތުގެ ތިރީބައިގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިފައެވެ.

ހަމަލާދިން އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާއަކީ ބުއްދި ހަމަަނުޖެހޭ މީހެއް ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ފުލުހުން އިއްޔެ ވަނީ 24 އަހަރުގެ ދިވެހި އެ ޒުވާނާ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ. އަދި ފަހުން ފުލުހުން ވަނީ އެ ޒުވާނާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަކީ ކުރިންސުރެ ވެސް ނަފްސާނީ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހެކެވެ. އިއްޔެ ފެށިގެން އެޑްމިޓްކޮށްގެން އޭނާއަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ހޯމަ އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި ބަހައްޓާފައި ހުރި, މުސްހަފްތަކާއި ގޮނޑިތަކަކަށް ގެއްލުންދިން މައްސަލައެއް ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް މިސްކިތްތަކަށް ގެއްލުން ދިން މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން މާލޭގެ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހުގެ ދަންވަރު 02:20 އެހާކަށްހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.