ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ ޖަލުގައި ހުރި އިދިކޮޅު މޭޔަރު އެކްރެމް އިމާމޮގްލޫގެ މައްޗަށް 2000 އަށްވުރެ ގިނަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް އެ ގައުމުގެ ޕްރޮސިކިއުޓަރުން އުފުލައިފިއެވެ.

ދައުލަތަށް ބިލިއަން ލީރާ ހަރަދުވި ބޮޑު ކޮރަޕްޝަން ނެޓްވޯކެއް ލީޑް ކުރި ކަމަށް އިމާމޮގްލޫގެ މައްޗަށް 142 ދައުވާއެއް ވަނީ އުފުލާފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސިޔާސީ ވާދަވެރިޔާ އިމާމޮގްލޫ ވަނީ މީގެ ކުރިން އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތަކީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އޭނާގެ މައްޗަށް ކުރި ފަހުގެ ދައުވާތައް ވެސް އޭނާގެ ޕާޓީން ވަނީ ދޮގުކޮށްފައެވެ.

އިސްތަންބޫލްގެ ޗީފް ޕްރޮސެކިއުޓަރު އަކިން ގުރްލެކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައުވާ އިއުލާން ކުރައްވައި ވިދާޅުވީ މޭޔަރު ހިމެނޭ ގޮތަށް ޝައްކު ކުރެވޭ 402 މީހުންގެ ނަން ފާހަގަކޮށްފައިވާ ކަމަށާއި އެމީހުން ތުހުމަތު ކުރަނީ ޖިނާއީ ޖަމިއްޔާއެއް އުފެއްދުމާއި ރިޝްވަތާއި މަކަރާއި ހީލަތާއި ޓެންޑާތަކުގައި މަކަރު ހެދުމާއި އޮޅުވާލުން ކަމަށެވެ.

ގުރްލެކް ވިދާޅުވީ އެ ނެޓްވޯކުގެ ސަބަބުން 10 އަހަރު ދުވަހުގެ ތެރޭގައި ތުރުކީގެ ދައުލަތަށް 160 ބިލިއަން ލީރާ (3.8 ބިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އިމަމޮގްލޫގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ލިޔުންތަކުގައި 4،000 އަށް ވުރެ ގިނަ ސަފުހާ ހިމެނޭއިރު، އޭގެތެރޭގައި އިމާމޮގްލޫ އަކީ ޖިނާއީ ޖަމާއަތުގެ ބާނީ އަދި ވެރިޔާގެ ގޮތުގައި ދައްކުވައިދޭ އޯގަނައިޒޭޝަން ޗާޓެއްވެސް ހިމެނެއެވެ.

އެގޮތުން ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ބޯޑު (މަސާކް) އިން ހޯދި ހޯދުންތަކާއި، ތަޖުރިބާކާރުންގެ ތަހުލީލުތަކާއި، ޑިޖިޓަލް އަދި ވީޑިއޯ ހެކިތަކާ ހަވާލާދީ، މުނިސިޕަލްޓީގެ ތެރޭގައި ހިންގާ ސިއްރު ފަންޑެއް މެދުވެރިކޮށް ބައެއް ވިޔަފާރިވެރިންނަށް ރިޝްވަތު ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށްވެސް ދައުވާތަކުގައި ތުހުމަތުކޮށްފައިވެއެވެ.

ތުރުކީގެ އިދިކޮޅު މައި ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ލީޑަރު ވަނީ އެދައުވާތަކަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިމަމޮގްލޫ ވާދަކުރިޔަ ނުދޭން ޝަރުއީ ދާއިރާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ.

ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ނިމެންދެން މާޗް މަހުން ފެށިގެން އިމާމޮގްލޫ ޖަލުގައި ހުންނަވާއިރު، އިސްތަންބޫލުގެ ޗީފް ޕްރޮސެކިއުޓަރަށް ފުރައްސާރަކޮށް ބިރުދެއްކި ކަމަށް ބުނެ ޖުލައި މަހު ވަކި ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާ ވަނީ އެ ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅާފައެވެ.