އެގާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ފުވައްމުލައް ސިޓީގެ ފެން ސަޕްލައި ނެޓްވޯކް ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ހުއްޓިފައި އޮތް މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ވަގުތުތެރޭގައި މައްސަލަ ހައްލުނުވިކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކަށް ފެނަކައިން ދެމުން އައި ފެނުގެ ޚިދުމަތަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ބުރޫއަރައިފައެވެ. ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ ހަވީރު ވަނީ އެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލު ވާނެ ކަމަށް ވިދާޅުވިއެވެ.

"ސަން" އަށް މައުލޫމާތުދެއްވަމުން ފުވައްމުލަކުގެ އިރުދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވީ މިއަދުވެސް ސަޕްލައި ފެނުގެ ޚިދުމަތް ނުލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނި ކަމަށެވެ. ރަށުގެ ފެނުގެ ނެޓްވޯކު، އިއްޔެގެ ވަގުތެއްގައި ސާފުކުރި ނަމަވެސް އަދިވެސް އަލުން ފެނުގެ ޚިދުމަތް ލިބޭނެ އިރެއް އެކުންފުންޏަކަށް ބުނެނުދެވުނު ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް އިތުރަށް ވިދާޅުވީ ފެނަކައިން މިއަދު ހެނދުނު 10:45 ގައި ކައުންސިލާ ބައްދަލު ކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން އެންމެ ފުރަތަމަ ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ނެރުނު ނޯޓިސްއެއްގައި ވަނީ، ފެން ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި ލީކެއް އުޅޭތީ އެ ދުވަހުގެ މެންދުރު 13:00އިން 18:00އަށް މުޅި ރަށުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އޭގެފަހުން ފެނަކައިން ސޯޝަލް މީޑިއާގައި ނެރުނު އިތުރު ނޯޓިސްއެއްގައި ވަނީ، ފެނުގެ ނެޓުވޯކު ސާފުކުރުމަށް ޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.

ފެން ނުލިބި ލަސްވެ ރައްޔިތުންނަށް ދަތިތައް ދިމާވަމުން އަންނައިރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބުގެ ތަފްސީލް ދެއްވަމުން ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީ (އެމްއެފްޑީއޭ)އާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް އަލުން ފަށައިފައިވާކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ކަނޑާއި ވައިގެ މަގުން ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން ވެސް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.