ޑިޕްރެޝަން ބަލީގައި ވަރަށް ގިނަ ދުވަސްތަކެއް ތަހައްމަލުކުރި ކަމަށާއި އެކަމުން އަރައިގަނެވުނީ ބޮލީވުޑް އެކްޓަރު އާމިރު ޚާންގެ ދަރިފުޅު އިރާ ޚާންގެ އެހީއާ އެކު ކަމަށް އެކްޓަރު ވިޖޭ ވަރުމާ ބުނެފިއެވެ.

ބޮލީވުޑް ބަތަލާ ރިއާ ޗަކްރަބަތީ ގެނެސްދެމުން އަންނަ ޕޮޑްކާސްޓަށް ދިން އިންޓަވިއުގައި ވާހަކަ ދައްކަމުން ޑިޕްރެޝަން ދުވަސްތައް ހޭދަކުރިގޮތް ވިޖޭ ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

ވިޖޭ ބޮޑުވަމުން އައިއިރު އޭނާގެ ދިރިއުޅުން ބައްޕަ ވަރަށް ބޮޑަށް ކޮންޓްރޯލްކުރަން މަސައްކަތް ކުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ވިޖޭ ދިރިއުޅުމުގައި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރު ކުރުމުގެ އިތުރުން ގެންގުޅޭނެ ރައްޓެހިންނާއި އަމިއްލަ ވަގުތު ހޭދަކުރާނެ ގޮތް ވެސް ބައްޕަ ކޮންޓްރޯލްކުރަން މަސައްކަތް ކުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އުފެދުނު ދެބަސްވުންތަކާ އެކު ބައްޕަ އާއިލާ ދޫކޮށް ދިޔަ ކަމަށާއި ފަހުން ވިޖޭ ވެސް އަމިއްލަ ވަޒަނާއި އާއިލާ ދޫކޮށް އެކަނި މާ އެކަނި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރި ކަމަށް ވަނީ ބުނެފައެވެ.

އޭގެ އަހަރުތަކެއް ފަހުން ޑިޕްރެޝަން ހުރި ކަން ދެނެގަނެވުނީ ކޮވިޑް ދުވަސްވަރު ކަމަށާއި އެކަން އިހުސާސްވީ އާމިރު ޚާންގެ ދަރިފުޅު އިރާ ޚާންގެ ސަބަބުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެކްޓަރު ވިޖޭ ވަރުމާ އިރާ ޚާންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އިރާ ވަނީ ކޯޗެއްގެ ގޮތުގައި ވިޖޭއަށް އެހީތެރިވެދީފައި ކަމަށާއި ޑިޕްރެޝަންއާ އެކު އެންޒައިޓީ ހުރިކަންވެސް ދެނެގަނެވުނީ ފަރުވާ ހޯދަން ފެށުމުން ކަމަށް ވިޖޭ ބުނެފައިވެއެވެ.

އާއިލާގެ ތެރޭގައި އުފެދޭ ދެބަސްވުންތަކަށް ހައްލެއް ނުހޯދާ އެކަން ދޫކޮށްލުމަށްފަހު ފިލަން މަސައްކަތްކުރާ މީހުންނަށް ފަހުން އެކަންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވިޖޭ ވަނީ ބުނެފައެވެ.

އެކަން ވިޖޭއަށް ވިސްނުނީ ވަރަށް ފަހުން ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެ އަމިއްލައަށް އެކަމަށް ހައްލެއް ނުހޯދިއްޖެނަމަ ކަމާބެހޭ މާހިރުންނާ އެކަން ހިއްސާކުރުން ވަރަށް މުހިއްމު ކަމަށް "ދާހަދް" ވެބް ސީރީސްގެ އެކްޓަރު ވަނީ ބުނެފައެވެ.

އިރާގެ އިތުރުން އެކްޓަރު ކޯ-ސްޓާ ގުލްޝަން ދޭވިއާގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށާއި ފިލްމު ސެޓުގައި މަސައްކަތްކުރިއިރު ތިން މީހުން އެކީގައި ޒޫމް މެދުވެރިކޮށް ގިނަ ސެޝަންތަކެއްގައި ބައިވެރިވި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރު ޚާންގެ ދޮށީ ދަރިފުޅު އިރާ ޚާން އަންނަނީ އަގަޓްސޫ ފައުންޑޭޝަންގެ ނަމުގައި ނަފުސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކޮށް ފަރުވާ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެންޖީއޯއެއް ހިންގަމުންނެވެ.

މިހާތަނަށް މުޅިންވެސް ތުރިލާ ފިލްމު އަދި ވެބް ސީރީސްތަކުން ފެނިފައިވާ ވިޖޭ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 28 ގައި ރިލީޒްކުރާ ލޯބީގެ މިއުޒިކަލް ޑްރާމާ "ގުސްތާކް އިޝްގް"އިންނެވެ.