އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފިނަމަ ރަޝިޔާއިން ރައްދު ދޭނެކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

ލަވްރޯވް އެގޮތަށް ވިދާޅުވެފައި ވަނީ އެމެރިކާއިން ނިއުކްލިއާ ޓެސްޓްތައް އަލުން ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގެވިތާ ދެ ހަފްތާ ވެސް ނުވަނީހެވެ.

"ޕުޓިން އަޅުގަނޑުމެންގެ ސިޔާސަތު ހާމަކުރެއްވީ 2023 ވަނަ އަހަރު އެކަމާ ގުޅޭ ގޮތުން އެމަނިކުފާނާ ސުވާލު ކުރެއްވުމުން." ލަވްރޯލް ވިދާޅުވި ކަމަށް ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް ރިޕޯޓުކޮށްފައިވެއެވެ.

ނިއުކްލިއާ ބާރުތަކުގެ ތެރެއިން އެއްވެސް ގައުމަކުން އަސްލު ނިއުކްލިއާ ހަތިޔާރުގެ ޓެސްޓެއް ހަދައިފިނަމަ ރަޝިޔާއިން ރައްދުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅު ޓްރަމްޕް ވަނީ އެހެން ގައުމުތަކުގައި ޓެސްޓް ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް ވިދާޅުވެ، ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަން ފެށުމަށް ޕެންޓަގަންއަށް އަންގަވާފައި ވަނީ ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާއިން އެންމެ ފަހުން ނިއުކްލިއާ ޓެސްޓް ކުރީ 1990 ވަނަ އަހަރެވެ. އޭގެފަހުން 1996 ވަނަ އަހަރު ޗައިނާއިން ވެސް ޓެސްޓް ކުރިއެވެ. އެމެރިކާއިން 1992 ވަނަ އަހަރުގެ ފަހުން ނިއުކްލިއާ ޓެސްޓެއް ކޮށްފައެއް ނުވެއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަ ވަނަ އަހަރު ކޮމްޕްރިހެންސިވް ނިއުކްލިއާ ޓެސްޓް ބޭން ޓްރީޓީ (ސީޓީބީޓީ) ނުވަތަ ނިއުކްލިއާ ޓެސްޓް މަނާކުރާ އެއްބަސްވުމުގައި ގައި ސޮއިކުރި ފަހުން ނިއުކްލިއާ ޓެސްޓްތައް ކޮށްފައިވަނީ ހަމައެކަނި އިންޑިއާ، ޕާކިސްތާން އަދި އުތުރު ކޮރެއާ އިންނެވެ.

އޮކްޓޯބަރު މަހު ރަޝިޔާއިން ނިއުކްލިއާ ހަކަތައިން ކަރަންޓް އުފައްދާ މިސައިލެއް ޓެސްޓް ކުރި ނަމަވެސް އެއީ އަސްލު ނިއުކްލިއާ ބޮމެއް ނޫނެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމް ހިންގުމުގެ ޒިންމާ އުފުލާ އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ވަނީ އެމެރިކާއިން ނިއުކްލިއާ ޓެސްޓެއް ނުކުރާނެ ކަމަށް މި މަހުގެ ކުރީކޮޅު ވިދާޅުވެފައެވެ.

އަދި އޭގެބަދަލުގައި އެމެރިކާއިން ނިއުކްލިއާ ހަތިޔާރުގެ ބައިތައް ޓެސްޓްކޮށް، އެ ހަތިޔާރުތައް މަސައްކަތް ކުރާނެ ގޮތް ސިމިއުލޭޓްކޮށް، އެ ނިޒާމުތައް ހިންގޭނެތޯ ޔަގީން ކުރާނެ ކަމަށް ރައިޓް ވިދާޅުވިއެވެ.

ނަމަވެސް ރަޝިޔާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޓެސްޓް ކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ރަޝިޔާއަށް އެމެރިކާއިން ސީދާ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.