ޓެރަރިޒަމް ގާނޫނަށް މަރުގެ އަދަބު ތައާރަފް ކުރާ ބިލެއްގެ ފުރަތަމަ ކިޔުން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ކަނާތުފިޔައިގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރު ހުށަހެޅީ ގާނޫނުލް އުގޫބާތަށް އިސްލާހު ފާސްވީ 39 ވޯޓުންނެވެ.

ޓައިމްސް އޮފް އިސްރާއީލާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ބިލް ޑްރާފްޓްގައިވާ ގޮތުން މަރުގެ އަދަބު ދޭނީ ނަސްލީ ތަފާތުކުރުމުގެ ނިޔަތުގައި ޔަހޫދީން މަރައި، އިސްރާއީލަށް ގެއްލުން ދިނުން އަދި އެ ބިމުން ޔަހޫދީން ބޭރުކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ މީހުންނަށް ކަމަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ބަސްތަކުގެ މާނައަކީ އަމަލީ ގޮތުން މަރުގެ އަދަބު ދޭނީ ހަމައެކަނި ޔަހޫދީން މަރާ ފަލަސްތީނުގެ މީހުންނަށް ކަމަށާއި ފަލަސްތީނަށް ހަމަލާދޭ ޔަހޫދީ ހަރުކަށި ފިކުރުގެ މީހުންނަށް ނޫން ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ވަނީ އެކަން ކުށްވެރިކޮށްފައެވެ.

"އިސްރާއީލުގެ 39 މެމްބަރުންގެ އަޣުލަބިއްޔަތުން ފުރަތަމަ ކިޔުން ފާސްކުރީ ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ކޯޓުތަކަށް ފައިދާހުރި ގޮތެއްގައި ލާޒިމުކުރާ ބިލެއް،" އެމްނެސްޓީގެ ސީނިއާ ޑިރެކްޓަރު ފޯ ރިސާޗް، އެޑްވޮކޭޝަން، ޕޮލިސީ އަދި ކެމްޕޭން އެރިކާ ގުއެވާރާ ރޮސާސް ވިދާޅުވިއެވެ.

މިފަދަ ގާނޫނުތަކެއް ތައާރަފް ކުރުމަށް އިސްރާއީލުން މީގެކުރިން ވެސް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލުގައި މަދު އަދަދެއްގެ ކުށްތަކެއްގެ މައްޗަށް މަރުގެ އަދަބު ދޭން ގާނޫނުގައި އޮތް ނަމަވެސް އެ ގައުމުގައި މަރުގެ އަދަބު ނުދޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އިސްރާއީލުން އެންމެ ފަހުން މަރުގެ އަދަބު ދިނީ ނާޒީ ހޮލޮކޯސްޓްގެ ކުށްވެރިޔާ އެޑޮލްފް އައިޗްމަން އަށެވެ. އެއީ 1962 ވަނަ އަހަރުއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތް، ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށްބުނެ، އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.