ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ގޮވިންދާއަކީ ވަރަށް މޮޅު ހުނަރުވެރި އެކްޓަރެއް ކަމަށާއި ނަމަވެސް ފިރިއެއްގެ ގޮތުގައި ގޯވިންދާ އެއީ ރަނގަޅު މީހެކޭ ބުނެވެން ނެތް ކަމަށް އެކްޓަރުގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފިއެވެ.

ގޯވިންދާ އާއި ސުނީތާގެ ކައިވެންޏަށް 38 އަހަރުވެފައިވާއިރު އެކްޓަރެއްގެ އަނތްބަކަށްވުމަކީ ފަސޭހަކަމެއް ނޫން ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސުނީތާ ބުނީ، އެކްޓަރުން ޒުވާން ދުވަސްވަރު ވަރަށް ގިނަ ގޯސްތައް ހަދާފައިވާ ކަމަށާއި ނަމަވެސް ވަކި އުމުރަކަށް ދިއުމަށްފަހު ވެސް އެ ގޯސްތައް ތަކުރާރުވުމަކީ މައްސަލައެއް ކަމަށެވެ.

ގޯވިންދާ އަދި އަންހެނުން ސުނީތާ އަހޫޖާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެގޮތުން ގޯވިންދާއެކޭ އެއްގޮތަށް ސުނީތާއަށް ވެސް ޒުވާން ދުވަސްވަރު ގޯސްތަކެއް ހެދިފައި ހުންނާނެ ކަމަށާއި އެކަން އަމިއްލައަށް ގަބޫލުކުރާ ކަމަށް ޕިންކްވިލާއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ.

ގޯވިންދާ އެހެން ބަތަލާއިންނާ އެކު ލޯބީގެ ގުޅުން ބާއްވާކަމުގެ އަޑުތައް ސުނީތާއަށް އިވިފައިވީ ނަމަވެސް އަމިއްލަ ލޮލުން އެކަން ނުފެންނަހާ ހިނދަކު އެ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

ގޯވިންދާ ޒުވާން އުމުރުން ފެށިގެން ދިރިއުޅުމުގެ ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރީ ފިލްމީ ބަތަލާއިންނާ އެކު މަސައްކަތް ކުރުމަށް ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

ގޯވިންދާ ކަހަލަ އަންހެން ކުދިންގެ ސަމާލުކަން ލިބޭ އެކްޓަރެއްގެ އަނތްބަކަށް ވުމަކީ ފަސޭހަކަމެއް ނޫން ކަމަށް ސުނީތާ ވަނީ ބުނެފައެވެ. އެކަން އިހުސާސް ކުރެވުނީ ކައިވެންޏަށް 38 އަހަރުވުމުން ކަމަށް ސުނީތާ ވަނީ ބުނެފައެވެ.

ގޯވިންދާ އަކީ މައިންބަފައިންނަށް ވަރަށް ހެޔޮ އާއިލާގެ މީހުންނަށް ވެސް ވަރަށް ރަނގަޅު ދަރިއެއް ކަމަށާއި ވަރަށް ރަނގަޅު ބޭބެއެއް ކަމަށާއި، ބައްޕައެއްގެ ގޮތުން ވެސް އެއީ އެއްވަނައިގެ މީހެއް ކަމަށް ސުނީތާ ބުންޏެވެ. ނަމަވެސް ފިރިއެއްގެ ގޮތުގައި އެއީ ރަނގަޅު މީހެއް ނޫން ކަމަށް ސުނީތާ ބުނެފައިވެއެވެ.

ސުނީތާ އާއި ގޯވިންދާގެ ކައިވެންޏަށް ނިމުމެއް އައިސް ވަރިވާން އުޅޭ ކަމަށް ދޭތެރެދޭތެރެއިން މީޑިއާތަކުން ޚަބަރުފަތުރައެވެ. ނަމަވެސް ސުނީތާ ވަނީ އެކަން ދޮގުކޮށް ދެ މީހުން ދުވަހަކު ވެސް ވަކިނުވާނެ ކަމަށް ބުނެފައެވެ. ގޯވިންދާއި އާއި ސުނީތާގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.