00:30


މަސައްކަތަށް ނުނިކުމެ އިހްތިޖާޖުގައި 24 ގަޑިއިރު ވެއްޖެ ނަމަ އެ ބަޔަކު އެ ރަށަކުން ނުވަތަ އެ ތަނަކުން ނުވަތަ އުޅަނދަކުން ވިޔަސް ބޭރު ވުމަށް އަމުރު ކުރުމުގެ ހައްގު ވަޒީފާ ދޭ ފަރާތަށް ލިބިދޭ ގޮތަށް ބިލެއް ހުށަހަޅައިފި އެވެ.


ހަޅުތާލު ކުރަންންޖެހޭ ވަގުތާއި، ހަޅުތާލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް ހިމަނައިގެން، ހަޅުތާލު ކުރުމުގެ ބިލުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި މި ބިލާ ބެހޭގޮތުން ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވީ، މިއީ ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ބޭނުންކުރަމުންދާއިރު ވިޔަފާރިވެރިންނަށާއި، ބޮޑެތި އިންޑަސްޓްރީތަކަށް ނުރައްކާ ކުރިމަތިވެފައިވާތީ، ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި ބިލު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ބޭނުންކުރަންޖެހޭނީ ގާނުނީ އިމުގެ ތެރެއިން ކަމަށް ވެފައި، ތަފާތު ވިސްނުމެއްގައި ވިޔަފާރިވެރިންނާއި އާއްމުނަން ދަތި އުނދަގޫނުވެ އެކަން ކުރާ ބަޔަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު ދިނުން ހިމެނޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ހަޅުތާލު ކުރެވޭނީ ނޯޓިސްއެއް ދިނުމަށް ފަހުގައި ކަމަށާއި، ހަޅުތާލު ކުރިއަށް ގެންދެވޭނީ، ހެނދުނު އަށަކުން އިރުއޮއްސި ހައެއް ޖަހަންދެން ކަމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބެވޭނީ ވަކި ވަގުތެއް ވަންދެން ކަމަށާއި، އޭގެ ފަހުން ރިސޯޓެއްގައި ހަޅުތާލު ކުރަމުންދާ ބައެއްނަމަ، އެބައެއްގެ ކެއުމާއި އެކޮމޮޑޭޝަން ރިސޯޓުން ހަމަޖައްސަދޭން ނުޖެހޭނެ ކަމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި މި ބިލުން މަސައްކަތްތެރިންނަށް ވެސް ފުރުސަތު ލިބިގެންވާ ކަމަށާއި، މަޝްވަރާކުރުގެ ފުރުސަތާއި މަސައްކަތްތެރިންގެ ހައްގުތައް މި ބިލުން ހިމާޔަތްކުރެވިފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.  


ޖުމްލަ ބައްތިރީން މާއްދާ ހިމެނޭ މި ބިލުގައިވާގޮތުން، ވަޒީފާ އަދާކުރާ ތަންތަނުގައި ވަޒީފާއަށް ނުވަނަ މަސައްކަތަށް ނުނިކުންނަ ނަމަ ވަޒީފާ ދިން ފަރާތަށް 48 ގަޑިއިރުގެ ނޯޓިސްއެއް ދޭންޖެހޭނެ އެވެ.  އަދި ހަޅުތާލު ކުރަންޖެހެނީ ވަޒީފާދޭ ފަރާތުގެ ނުވަތަ ވަޒީފާ އަދާކުރާ ތަނުގެ ނުވަތަ އެނޫން ވެސް މީހެއްގެ ނަފުސަކަށް ނުވަތަ މުދަލަކަށް ގެއްލުން ނުވާނެ ގޮތުގެ މަތިން އެއްވެސް މީހަކަށް ބިރު ދެއްކުމެއްނެތި ސުލްހަވެރިކަމާއެކު ކަމަށް ވެސް ބިލުގައިވެ އެވެ.  އަދި ހަޅުތާލު ކުރެވޭނީ ސުލްހަވެރިހައްލެއް ނުފެނުމުން ކަމަށާއި، ސުލްހަވެރި ހައްލެއް ހޯދުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ ފަރާތަކުން މަދުވެގެން ބައިވެރި ވެވޭނީ ދެ މީހުން އަދި ގިނަވެގެން ދިހަ މީހުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.


ރިޔާޒު ރަޝީދު އަދި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އުފައްދާ ކުންފުނިތައް ގާނޫނަކުން ނޫން ގޮތަކަށް ނުއުފެއްދޭނެ ބިލަކާއި ކުންފުނިތަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޗެއާމަނުންނާއި، އެމްޑީންނަށް މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް، ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަނެއް އުފެއްދުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދިހަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، އެ ބިލުތަކަކީ ރައްޔިތުންނާ ގުޅުން ހުރި ބިލުތައް ކަމަށާއި، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގު ލިބިދިނުމަށް ރައްޔިތުންނަށް ބާރު ލިދޭގޮތަށް ހުށަހަޅާ ބިލުތަކެއް ކަމަށް ވެސް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.


ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ބިލުތަކެއް ހުށަހަޅުއްވަން ފަށައިފައި މިވަނީ، އެސްޓީއޯ އިން އޭނާގެ ތެޔޮ ކުންފުނި، މެރީޑިއަމަށް ދޫކޮށްފައިވާ 20 މިލިޔަން ރުފިޔާގެ ކުރެޑިޓް މިންވަރު 10 މިލިޔަން ރުފިޔާއަށް ކުޑަކޮށްފައި ވަނީ، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނަމުގެ ބިލު ފާސްކުރުމަށް ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި، ވޯޓު ދެއްވުމާއި ގުޅުގެން ސަރުކާރުން އޭނާއަށް ޕްރެޝަރު ކުރުމަށް، ކަމަށް ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. އަދި މަޖިލީހުގައި އޭނާ ކުރައްވާ މަސައްކަތްތަކާ ގުޅިގެން ކުރިމަތިކުރުވާ ޕްރެޝަރުތަކުގެ ސަބަބުން ނުކޮށް ދޫކޮށްލާފައިވާ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށާއި، ސަރުކާރުގެ  އެ ފިޔަވަޅުގެ ސަބަބުން މަޖިލީހުގައި ދެން އޭނާއަށް މަސައްކަތް ކުރައްވަން ފަސޭހަވާއިރު، ސަރުކާރަށް ނިސްބަތްވާ ފަރާތްކަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވެސް ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި އެޕާޓީގެ ނާއިބު ރައީސްކަމުގައި ވެސް ހުންނެވި ރިޔާޒު ވަނީ އިންޒާރު ދެއްވައިފަ އެވެ.