11 Nov 2025, 23:44
ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 19:52 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ބޯޓު ފަރަށް އެރި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އެމީހާ ކާށިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

ކާށިދޫ ފަރަށް އަރާފައި އޮތް ބޯޓު -- ފޮޓޯ/ ޕޮލިސް
މި ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް (30އ)އެވެ.
ފުލުހުން ބުނީ އެ އުޅަނދުން 11 ފިރިހެނުން ދަތުރުކުރި ކަމަށެވެ. އޭގެތެރޭގައި ފަސް ދިވެހީންނާއި ހަ ބިދޭސީން ތިބިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި ހަރު މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވާން އެދިފައެވެ.