ފޭކު މުދާ އެތެރެވުން ހުއްޓުވާ ޓްރޭޑްމާކު ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މަޖިލީހުން އިއްޔެ ވަނީ 'ޓްރޭޑްމާކްގެ' ބިލު ފާސްކޮށްފައެވެ.

'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ.

މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށްދޭނެއެވެ. އަދި ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ހައްގަކަށް އަރައިގަންނަނަމަ ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައް ވެސް މި ބިލުގައި ހިމަނާފައިވާއިރު ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާކުގެ ހައްގަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ހަމައެއާއެކު މާކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައިވެއެވެ.

އެ ބިލުގެ ދަށުން، ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ.

މި ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް، މި ބިލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވެއެވެ.

އެ ބިލު ފާސްވުމާ ގުޅިގެން އިއްޔެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، އެއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، އެ ބިލް ތަންފީޒު ކުރުމުން އިންވެސްޓަރުންގެ ޝަައުގުވެރިކަން ރާއްޖެއަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ގާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖެއާއި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވޭނެ ކަމަށާއި ފިކުރީ މުދަލުގެ ހައްގުތައް ރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.