ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި 'ފައިސަލާ' ބޯޓު، ކާށިދޫގެ ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށާއި، އޭގެތެރެއިން 10 މީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަރަކާތްތެރިވެ ސަލާމަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކާށިދޫއިން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނީ، އެ ދޯނި ފަރަށް އެރީ، މިރޭ 20:00 ހާއިރު ކަމަށާއި އެ ދޯނިން މީހަކު ގެއްލިގެން އުޅޭ ކަމަށެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވެސް ވަނީ އެ ދޯނިން މީހަކު ގެއްލިގެން އުޅޭކަން ކަށަވަރުކޮށްދީފައެވެ.

ގެއްލިގެން ހޯދަނީ ބިދޭސީއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފަރަށް އެރީ ކާށިދޫއާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓު ފަރަށް އެރިއިރު، އެއްވެސް ފަސިންޖަރަކު ނެތް ކަމަށާއި ތިބޭނީ ކެޕްޓަނާއި ފަޅުވެރިން އެކަނި ކަމަށް އާމިރު ވިދާޅުވިއެވެ.

ނަމަވެސް، ސީދާ މީހުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެއެވެ.

"ސަން"އަށް ލިބިފައިވާ ވީޑީއޯތަކުން ފެންނަ ގޮތުގައި، އެ ބޯޓުގެ އެއްބައި އޮތީ އަޑިއަށް ގޮސްފައެވެ.