ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓެއްގެ ބޭރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 12 މީހުން މަރުވެ، އިތުރު 27 މީހަކު ޒަޚަމްވެއްޖެއެވެ.

އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު ނަގްވީ ވިދާޅުވީ ބޮން ގޮއްވާލި މީހާ އުޅުނީ ކޯޓު ތެރެއަށް ވަދެ ހަމަލާދޭން ކަމަށެވެ. ނަމަވެސް އޭނާއަށް އެތެރެއަށް ވަދެވޭގޮތް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަގްވީ ވިދާޅުވީ ބޮން ގޮއްވާލި މީހާ ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރާނެ ކަމަށާއި، އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ޕާކިސްތާނުގެ ތާލިބާނުން (ޓީޓީޕީ) ގެ ބައިބައިވެފައިވާ ޖަމާއަތެއް ކަމަށްވާ ޖުމާތު އުލް އަހުރާރު ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފައެވެ. ނަމަވެސް ޕާކިސްތާނުގެ ދެ ނޫސްވެރިއަކާ ހަވާލާދީ ބީބީސީން ބުނީ ޓީޓީޕީގެ މަރުކަޒީ ލީޑަޝިޕުން އެމީހުންނަށް މެސެޖުތަކެއް ފޮނުވާފައިވާ ކަމަށާއި އޭގައިވާގޮތުން އެ ހަމަލާއާއި އެމީހުންނާ އެއްވެސް ގުޅުމެއް ނެތެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

އެ ހަމަލާއަކީ އިންޑިއާގެ އެހީތެރިކަމާއެކު ޓެރަރިސްޓުން ދިން ހަމަލާއެއް ކަމަށް އެކަމުގެ ޒިންމާ ޖުމާތު އުލް އަހުރާރުން ނެގުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ.

އެކަމާ ގުޅިގެން އިންޑިއާއިން އެއްޗެއް ނުބުނި ނަމަވެސް، ޕާކިސްތާނުގެ އެފަދަ ތުހުމަތުއް މީގެކުރިން އިންޑިއާއިން ވަނީ ދޮގުކޮށްފައެވެ.

އިސްލާމްއާބާދުގައި އެންމެ ފަހުން މިފަދަ ބޮމުގެ ހަމަލާތައް ދީފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އިސްލާމާއާބާދުގައި މި ހަމަލާ ދީފައި މި ވަނީ އިއްޔެ އިރު އޮއްސުނު ވަގުތު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ސަރަހައްދުގައި ވެސް ކާރެއް ގޮވައި އަށް މީހަކު މަރުވެފައި ވަނިކޮށެވެ.