މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުމުން 350 ކިލޯއަށް ވުރެ ގިނަ ޑުރަގާ އެކީ ލަންކާގެ ބޯޓުން ހައްޔަރުކުރި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 39 އަހަރާއި 42 އަހަރާއި 28 އަހަރާއި 34 އަހަރާއި 63 އަހަރުގެ ފަސް ފިރިހެނުންނެވެ.

ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އެ ބޯޓުގައި ޖުމުލަ 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތި ފެނުނު ކަމަށް ހައްޔަރުކުރި އެންމެން އިންކާރު ކުރާ ކަމަށް އަމުރުގައިވެއެވެ.

މިއީ، ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނެޓުވޯކަކުން ހިންގާފައިވާ ކުށެއް ކަމަށާއި އިންތިޒާމުވެގެން ފުޅާދާއިރާއެއްގައި ހިންގާފައިވާ ކުށެއް ކަމަށް ބުރަވެވޭ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެމްއެންޑީއެފްއިން މި އުޅަނދު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި ފަސް ފަޅުވެރިން މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.