11 Nov 2025, 22:03
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ.
ބޭންކުން ބުނީ މިއާއެކު ކަސްޓަމަރުން ބޭންކުގައި ރަޖިސްޓާކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާއެކު އޯޓީޕީ ލިބޭނެ ކަމަށެވެ.
ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓާގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.
މި ޚިދުމަތް ތައާރަފުކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް ބޭންކިންގެ ބޭނުންތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ، ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތްތައް ރައްކާތެރިކަމާއި، ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް ކަމަށް ޗަރީފް ވިދާޅުވިއެވެ.
ބޭންކުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލް ބޭނުންކުރަން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.