މަޝްހޫރު ވިޔަފާރިވެރިޔާ އީލޯން މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި އެކްސްއޭއައި އިން، އެ ކުންފުނީގެ ގްރޮކް އޭއައި މޮޑެލްގެ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) އަށް ފައިލް ސަޕޯޓް އިތުރުކޮށްފިއެވެ.

މި ބަދަލުގެ ސަބަބުން، ޑިވެލޮޕަރުންނަށް އެމީހުން ތަރައްގީކުރާ އެޕްލިކޭޝަންތަކަށް ޑޮކިއުމެންޓްތައް އަޕްލޯޑްކޮށް، އެ ފައިލްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

މި ފީޗާއާއެކު އެކްސްއޭއައި ވަނީ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި އޭއައި ކުންފުނިތަކާ އެއް ހަމައަކަށް އައިސްފައެވެ.

އެކްސް އޭއައިއިން ބުނާ ގޮތުގައި މި އާ ޚިދުމަތް މެދުވެރިކޮށް ތަފާތު އެތައް ފޯމެޓެއްގެ ފައިލްތައް ސަޕޯޓްކުރާނެއެވެ. އޭގެ ތެރޭގައި ޕްލެއިން ޓެކްސްޓް، މާކްޑައުން، ޕައިތަން، ޖާވާސްކްރިޕްޓް، ސީއެސްވީ، ޖޭސޮން، އަދި ޕީޑީއެފް ފަދަ ފޯމެޓްތައް ހިމެނެއެވެ.

މި ޚިދުމަތް މިވަގުތު ލިބެން ހުރީ ހަމައެކަނި ގްރޮކް 4 އަދި ގްރޮކް 4 ފާސްޓް މޮޑެލްތަކަށެވެ. މި އޭޕީއައި މެދުވެރިކޮށް އެއްފަހަރާ އަޕްލޯޑް ކުރެވޭނީ އެންމެ ބޮޑުވެގެން 48 މެގަބައިޓްގެ ފައިލެކެވެ.

މީގެ އިތުރުން، ޑިވެލޮޕަރުންނަށް އެއްފަހަރާ ގިނަ ފައިލްތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭއިރު، އެ ފައިލްތަކާ ގުޅޭ ގޮތުން ގިނަ ޖަވާބުތަކެއް ހިމެނޭ ވާހަކަތައް ކުރިއަށް ގެންދެވޭނެއެވެ. އެޑްވާންސްޑް ޑޭޓާ އެނަލިސިސް އަދި ސްޓެޓިސްޓިކަލް ކޮމްޕިއުޓޭޝަންތައް ހެދުމަށްޓަކައި ޚާއްސަ 'ކޯޑް އެގްޒެކިއުޝަން ޓޫލް'އެއް ވެސް ވަނީ ހިމަނާފައެވެ.

ޚަރަދަށް ބަލާއިރު، ސްޓޭންޑަޑް ޓޯކަން ޚަރަދުގެ އިތުރުން، މި ޓޫލް ބޭނުންކުރާ ކޮންމެ 1,000 ފަހަރަކަށް ގާތްގަނޑަކަށް 10 ޑޮލަރު (154 ރުފިޔާ) ޚަރަދުވާނެ ކަމަށް އެކްސް އޭއައިއިން ބުނެއެވެ.

މި އާ ފީޗާގެ ސަބަބުން ޑިވެލޮޕަރުންގެ އޭއައި އެޕްލިކޭޝަންތަކުގެ ޤާބިލުކަން އިތުރުވެ، ޔޫޒަރުންނަށް ޑޮކިއުމެންޓްތަކުން މައުލޫމާތު ނަގައި އެނަލައިޒްކުރުން ފަސޭހަވެގެންދާނެއެވެ.