އެންމެ ކޮރަޕްޝަން ބޮޑީ މަތީ ފަންތީގެ ސިޔާސީ މީހުންގެ ތެރޭގައި ކަމަށް ވިދާޅުވެ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރައްދު ދެއްވައިފިއެވެ.

ރައީސް މުއިއްޒު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ، ކޮރަޕްޝަން އެންމެ ގިނައީ ދަށް ފަންތިއާއި މެދު ފަންތީގެ ވަޒީފާތަކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ހުރިހާ ގައުމެއްގައިވެސް ކޮރަޕްޝަން އޮތީ މޫ ލައިފައި ކަމަށެވެ.

އެ ވާހަކައަށް ރައްދުދެއްވައި، ނިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަން އެންމެ ބޮޑީ މަތީ ފަންތީގެ ސިޔާސީ މަގާމުތަކުގައި ކަމަށެވެ.

އެގޮތުން، އެންމެ ދަށް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ކޮރަޕްޝަން ހިންގަން ފަސޭހައެއް ނުވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މަތި ފަޑީގައި ތިބި ވަގުން ދައުލަތް ލޫޓުވަނީ ފާޑުފާޑުގެ ސްކީމްތަކާއި ސިޔާސަތުތައް އެކުލަވާލައިގެން މިލިއަނުން، ބިލިއަނުންކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް

ރައީސްގެ ވާހަކައަށް އިޝާރާތްކުރައްވައި، ނިޔާޒް ވިދާޅުވީ، އެންމެ "ނިކަމެތި" މުވައްޒަފުން ބަދުނާމު ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.

ކުރީގެ އޭޖީ ރައީސަށް ރައްދުދެއްވިއިރު، މިފަހުން ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވިއެވެ. އެގޮތުން، ފުލުހުންގެ ތިޖޫރީއިން 30،000 ޑޮލަރު ގެއްލުމާއި އެއާޕޯޓަށް ގެންދިޔަ ލައްކައެއްހާ ޑޮލަރު ފޭރިގައިން މައްސަލައެއް ހިމެނެއެވެ.

ހަމައެހެންމެ، މަސްއޫލިއްޔަތު އަދާނުކުރެވޭ ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަންނަ އަހަރުގެ ބަޖެޓު މިއަހަރު އެ ކޮމިޝަނަށް ޚަރަދު ކުރާވަރާ އަޅައިބަލާއިރު، ވަނީ ކުޑަކޮށްފައެވެ.

ކޮރަޕްޝަން ހުއްޓުމަށް އަންނަ އަހަރަށް އޭސީސީގެ ބަޖެޓުގައި ހިމަނާފައި ވަނީ، އެންމެ ހަތަރު މިލިއަން ރުފިޔާއެވެ. އެއީ، މިއަހަރާ އަޅާބަލާއިރު، 67 އިންސައްތައިގެ ދަށްވުމެކެވެ.

އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.