ލީކްވި އޯޑިއޯއެއްގެ މައްސަލައިގައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ)ގެ މެނޭޖިންޑިރެކްޓަރު އަހުމަދު ފާއިޒު މިއަދު މަގާމުން ވަކިކޮށްފި އެވެ.

ފާއިޒު އެމަގާމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް އޭނާ އެމަގާމުން ވަކިކޮށްފައި ވަނީ ކީއްވެގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާރު ވެސް ހުންނެވި ފާއިޒު އެމަގާމުން ވަކިކޮށްފައި ވަނީ ރާއްޖެ ޓީވީން ލީކްކޮށްލައިފައިވާ އޯޑިއޯ އަކާ ގުޅިގެންނެވެ. އެ އޯޑިއޯގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލެއްވުމަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ފާއިޒު ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ވެރިކަން ބަދަލުވީ ބަޣާބާތަކުން ނަމަ އެންމެ ފުރަތަމަ މަރަން ހުކުމް ކުރާނެ މީހަކީ ވެސް އޭނާ ކަމަށް ވިދާޅުވެ އެވެ.

ފާއިޒު ވިދާޅުވީ ލީކްވި އޯޑިއޯއަކީ މާނަ އޮޅޭ ގޮކަށް ބަޔަކު އެޑިޓްކޮށްފައިވާ އޯޑިއޯއެއް ކަމަށާއި ވެރިކަން ބަދަލުވުމުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންނެވި ކަމަށް އެ އޯޑިއޯގައި ބުނި ނަމަވެސް އެފަދަ ކަމެއްގައި އޭނާ ނޫޅުއްވާ ކަމަށާއި އެހެން ވިދާޅުވެފައި ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ އަޑު އެ އޯޑިއޯގައި ހުރީ. އޭގައި އެވަނީ ފަސް ވަރަކަށް މަސް ދުވަސް ވަންދެން އަޅުގަނޑު ދައްކާފައިވާ ވާހަކަތަކުގެ އަޑުތައް ހޯދައިގެން އެޑިޓްކޮށްގެން ހަދާފައިވާ އޯޑިއޯ ކްލިޕެއް. އަޅުގަނޑު މަގާމުން ވަކިކޮށްފައި ވަނީ އެ އޯޑިއޯއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ ޕްރެޝާކޮށްގެން،" ފާއިޒު ވިދާޅުވި އެވެ.

އެމްއެންބީސީގެ ބޯޑަށް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިފަހުން ބަދަލުތައް ގެނެސް، ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް ވަނީ އެމްބީސީގެ ދަށަށް ބަދަލުކޮށްފަ އެވެ.