ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ، ގައުމަށް އެންމެ ބޭނުންތެރި ސިފަތައް ހުންނަ ވެރިޔަކު އިޚުތިޔާރުކުރުމަށް ރައްޔިތުންނަށް ފުރުސަތު ލިބޭ ނިޒާމު ކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަޅިއަޅުއްވައިލައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި ރައްޔިތުންނަށް ލާބައާއި މަންފާ އެންމެ ބޮޑުވާނެގޮތަށް ވެރިކަން ހިންގުން ކަމަށެވެ.

އެގޮތުން ގައުމުގެ ވެރިޔަކަށް އެންމެ އެކަށީގެންވާ ވެރިޔަކީ އޭނާގެ ސިޔާސީ ނިންމުންތަކުން ދިގުރާސްތާގައި ނިކުންނާނެ އަޚުލާގީ ނަތީޖާތައް ޚިޔާލަށް ގެންނަ، އަދި އަޚުލާގީ ތޫނުފިލިކަން ލިބިފައިވާ މީހެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އަލްއިމާމް ޣަޒާލީއާއި، އިބްނު ޚަލްދޫން ފަދަ އިލްމުވެރިންނަށް ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، ރަނގަޅު ވެރިޔަކީ ދީނާއި ގައުމަށް އިސްކަންދެއްވައި، އަދުލުވެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދީގެން ކަންކަން ނިންމާ ވެރިޔެއް ކަމަށެވެ. އަދި އެފަދަ ވެރިޔަކީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރައްވާ، ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރާ ވެރިޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި، ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބޭ ބާރާއި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ރަނގަޅު ވެރިއެއްގެ ކިބައިން ފެންނަންޖެހޭ ސިފަތަކުގެ މައްޗަށް ވަޒީރު ވަނީ ވަރަށް ބޮޑަށް އަލިއަޅުއްވައި ވާހަކަދައްކަވައިފައެވެ.

މިއަދު އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން 35 އަހަރާއި 39 އަހަރާ ދެމެދު ޚިދުމަތްކުރެއްވި 97 ބޭފުޅަކަށް ގައުމީ އިނާމު ވަނީ އަރުވައިފައެވެ. އޭގެ އިތުރުން ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް، މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް (ދަމާސް ޞާލިޙް) އަށް ވަނީ އަރުވައިފައެވެ. އަދި ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު، މޫސާ އަންވަރު (ތުއްތީދީ)އަށް ވަނީ އަރުވައިފައެވެ.